ކޮވިޑް-19 ރިކަވަރީ ސްކީމްގެ ދަށުން އެސްއެމްއީ ޑިވެލޮޕްމެންޓް ފައިނޭންސް ކޯޕަރޭޝަން (އެސްޑީއެފްސީ) އިން އެންމެ ގިނަ އަދަދެއްގެ ލޯން ދޫކޮށްފައި ވަނީ ކޮމާސްގެ ދާއިރަގެ ވިޔަފާރިތަކަށް ކަމަށް ފިނޭންސް މިނިސްޓްރީގެ ތަފާސްހިސާބުތައް ދައްކައިފިއެވެ.
ފިނޭންސްގެ ތަފާސްހިސާބުތައް ދައްކާގޮތުން އެސްޑީއެފްސީ އިން ވަނީ އޮކްޓޫބަރ މަހުގެ އަށް ވަނަ ދުވަހުގެ ނިޔަލަށް ކޮމާސްގެ ދާއިރާގެ 765 ވިޔަފާރިއަކަށް 182.2 މިލިއަން ރުފިޔާ ދޫކޮށްފައެވެ. މިހާތަނަށް އައި އިރު ކޮމާސްގެ މަސައްކަތް ކުރާ 995 ކޮމާސްގެ ވިޔަފާރިއަކުން ލޯނަށް އެދި ހުށައަޅާފައިވާ ކަމަށް ފިނޭންސް އިން ފާހަގަކުރެއެވެ.
އޮކްޓޫބަރ މަހުގެ އަށް ވަނަ ދުވަހުގެ ނިޔަލަށް އެންމެ ގިނަ އަދަދަކަށް ލޯނަށް އެދި ހުށައަޅާފައި ވަނީ އަމިއްލަ މަސައްކަތް ކުރާ ފަރާތްތަކުންނެވެ. އެގޮތުން އަމިއްލަ މަސައްކަތް ކުރާ 1,815 ފަރާތްތަކުން ލޯނަށް އެދި ހުށައަޅާފައިވާ އިރު، އެސްޑީއެފްސީއިން ލޯން ދޫކޮށްފައި ވަނީ 615 ފަރާތަކަށެވެ. އެއީ 18.4 މިލިއަން ރުފިޔާގެ ލޯންއެވެ.
މި މުއްދަތުގެ ތެރޭގައި ދަނޑުވެރިކަމުގެ 13 ވިޔަފާރިއަކަށް 2.2 މިލިއަން ރުފިޔާގެ ލޯން އެސްޑީއެފްސީ އިން ދޫކޮށްފައިވާ އިރު، މަސްވެރިކަމުގެ ސިނާއަތުގެ 21 ވިޔަފާރިއަކަށް 4.1 މިލިއަން ރުފިޔާ ވަނީ ދޫކޮށްފައެވެ. އަދި އިމާރާތް ކުރުމުގެ ސިނާއަތުގެ 190 ވިޔަފާރިއަކަށް 54.1 މިލިއަން ރުފިޔާގެ ލޯން ދޫކޮށްފައިވާ އިރު، ދަތުރުފަތުރުގެ 76 ވިޔަފާރިއަކަށް 19.4 މިލިއަން ރުފިޔާގެ ލޯން ދޫކޮށްފައިވާ ކަމަށް ފިނޭންސްގެ ތަފާސްހިސާބުތައް ދައްކައެވެ.
މީގެ އިތުރުން ފަތުރުވެރިކަމުގެ ސިނާއަތުގައި މަސައްކަތްކުރާ 229 ވިޔަފާރިއަކަށް 52.7 މިލިއަން ރުފިޔާގެ ލޯން ވަނީ ދޫކޮށްފައެވެ. މެނުފެކްޗަރިންގެ މަސައްކަތްކުރާ 109 ވިޔަފާރިއަކަށް 18 މިލިއަން ރުފިޔާގެ ލޯން ވަނީ ދޫކޮށްފައެވެ.
އޮކްޓޫބަރ މަހުގެ އަށް ވަނަ ދުވަހުގެ ނިޔަލަށް އެސްޑީއެފްސީ އިން ވަނީ 300.1 މިލިއަން ރުފިޔާގެ ލޯން ދޫކޮށްފައެވެ. އެއީ 1,816 ފަރާތަކަށެވެ.