އިންޑިއާގައި ކޮވިޑް-19 ޖެހުނު މީހުންގެ އަދަދު 7.3 މިލިއަނަށް އަރައިފިއެވެ.
ބައިނަލްއަގުވާމީ މީޑިއާގައި ރިޕޯޓް ކޮށްފައިވާ ގޮތުން ބުރާސްފަތި ދުވަހު އެކަނި ވެސް 67 ހާހަށްވުރެ ގިނަ މީހުން ކޮވިޑް-19ށް ޕޮޒިޓިވްވެ އެ ގައުމުގައި ކޮވިޑް-19 ޖެހުނު މީހުންގެ އަދަދު ވަނީ 7.31 މިލިއަނަށް އަރާފައެވެ.
އިންޑިއާގެ ހެލްތް މިނިސްޓްރީގެ ތަފާސްހިސާބުތައް ދައްކާ ގޮތުން ފާއިތުވެދިޔަ 24 ގަޑި އިރު ތެރޭގައި 680 މީހަކު އެ ގައުމުން މަރުވެފައިވާ އިރު، މިހާތަނަށް އެ ގައުމުން ވަނީ 111،266 (އެއްލައްކަ އެގާރަހާސް ދުއިސައްތަ ފަސްދޮޅަށް ހަ) މީހުން މަރުވެފައެވެ.
އާދީއްދަ ދުވަހާ ހަމައަށް އިންޑިއާގެ ކޮވިޑް ކޭސްތަކުގެ އަދަދު 7 މިލިއަނަށް އަރާފައިވާ އިރު 6 މިލިއަނުން 7 މިލިއަނަށް އަރަން ނެގީ އެންމެ 13 ދުވަސް ކަމަށް އިންޑިއާގެ ހެލްތް މިނިސްޓްރީން ވަނީ ރިޕޯޓް ކޮށްފައެވެ. މުޅި ދުނިޔޭގެ ނިސްބަތުން ދެވަނަ އަށް އެންމެ ގިނަ މީހުން ޕޮޒިޓިވް ވެގެން ރިޕޯޓް ކުރަމުން އަންނަނީ އިންޑިއާ އިންނެވެ. އެއް ވަނައިގައި އޮތީ އެމެރިކާއެވެ. އެމެރިކާގައި ޕޮޒިޓިވްވި މީހުންގެ އަދަދު ވަނީ 8 މިލިއަނަށްވުރެ އިތުރުވެފައެވެ.
އިންޑިއާގައި 7 މިލިއަނަށްވުރެ ގިނަ މީހުން ޕޮޒިޓިވްވި ނަމަވެސް، އެ ގައުމުގައި ފަރުވާ ދެމުން އަންނަނީ 8 ލައްކައެއްހާ މީހުންނަށެވެ. އެ ގައުމުގައި ބަލިން ރަނގަޅުވި މީހުންގެ އަދަދު ވަނީ 6.3 މިލިއަނަށް އަރާފައެވެ. ސީރިއަސް ހާލަތުގައި ފަރުވާ ދެމުން އަންނަ މީހުންގެ އަދަދަކީ 8944 އެވެ. 1.3 ބިލިއަން މީހުންގެ އާބާދީއެއް ދިރިއުޅެމުން އަންނަ އިންޑިއާގައި މިހާތަނަށް 90 މިލިއަނަށްވުރެ ގިނަ ޓެސްޓް ވަނީ ހަދާފައެވެ.