ބަންގްލަދޭޝްގައި ދަންޖެހި މަރުވެފައި ހުއްޓާ ފެނުނު ކަމަށް ބުނާ ދިވެހި ދަރިވަރު އަދި މޮޑެލް ރައުދާ އާތިފް މަރުވެފައި ވަނީ ދަންޖެހިގެން ކަމަށް ރައުދާ ކިޔަވަމުން ދިޔަ ކޮލެޖުން ބުނާތީ ކޮލެޖު މީހުންގެ ހާޒިރުގައި ސީއައިޑީގެ ޓީމުން އެ ކޮލެޖުގައި ތަހުގީގު ކުރިއަށް ގެންގޮސްފިއެވެ.
ރައުދާގެ މަރާގުޅިގެން ސީއައިޑީގެ ޓީމުން ބުރާސްފަތު ދުވަހު ރައުދާ ކިޔެވަމުން ދިޔަ ކޮލެޖުގައި ކުރިއަށް ގެންދިޔަ ތަހުގީގާ ގުޅޭ ގޮތުން ރާއްޖެއެމްވީ އަށް މައުލޫމާތު ދެމުން ރައުދާގެ ބައްޕަ ޑރ މުހައްމަދު އާތިފް ވިދާޅުވީ ސީއައިޑީގެ ޓީމުން، ރައުދާ ދިރިއުޅުނު ފަންކާ ނައްޓައިގެން ބެލާ ހެދި ކަމަށެވެ.
ރައުދާގެ ބައްޕަ ބުނީ ރައުދާ އަކީ 55 ކިލޯގެ ބަރުދަން ހުންނަ ކުއްޖެއް ކަމަށާއި އެހެން ކަމަން ރައުދާ މަރުވީ ފަންކާގައި ދަންޖެހިގެން ކަމަށްވާނަމަ ފަންކާގެ ފިޔަތަކަށް ވެސް ގެއްލުން ލިބިފައި ހުންނަން ޖެހޭނެކަން ސީއައިޑީގެ ޓީމުން ވެސް ގަބޫލު ކުރާ ކަމަށެވެ. އެގޮތުން ސީއައިޑީގެ ޓީމުން ފަންކާގައި 50 އާއި 55 ކިލޯގެ އެއްޗެއް އެލުވައިގެން ބެލި ކަމަށެވެ. އޭގެ ބޭނުމަކީ އެވަރުގެ ބަރުދަން ހުރި އެއްޗެއް ފަންކާގައި އެލުވުމުން ފަންކާ އަށް ލިބޭ ގެއްލުން ބެލުން ކަމަށް ޑރ އާތިފް ވިދާޅުވި އެވެ.
ޑރ އާތިފް ވިދާޅުވީ ރައުދާ މަރުވެފައި ވަނިކޮށް ކޮލެޖުގެ މީހުން ރައުދާގެ ކޮޓަރި އަށް ވަނީ ދޮރު ވައްޓާލައިގެން ނުވަތަ ދޮރު ހަލާކު ކޮށްލައިގެން ކަމަށް ބުނާތީ ކޮލެޖުގެ ޕްރިންސިޕަލްއާއި ކޮލެޖުގެ އިސްވެރިންގެ ހާޒިރުގައި ދޮރު ހަލާކު ކޮށްލައިގެން ނުވަތަ ދޮރު ވައްޓާލައިގެން ކޮޓަރި އަށް ވަންނަން ސީއައިޑީގެ ޓީމުން މަސައްކަތް ކުރި ކަމަށެވެ. ނަމަވެސް އެގޮތަށް ކޮޓަރި އަށް ވަދެވިފައި ނުވާ ކަމަށް ޑރ. އާތިފް ވިދާޅުވި އެވެ.
ރައުދާގެ މަރުގެ ތަހުގީގު ސީއައިޑީގެ ޓީމުން ކޮލެޖު މީހުންގެ ހާޒިރުގައި ކުރިއަށް ގެންގޮސްފައިވާއިރު ރައުދާގެ ދެވަނަ އޮޓޯޕްސީއެއް ހެދުމުގެ ހުއްދަ ރާޖުޝާހީ މެޓްރޮޕޮލިޓަން މެޖިސްޓްރޭޓް ކޯޓުން އަންގާރަ ދުވަހު ވަނީ ދީފައެވެ.
ޑރ. އާތިފް ބުނީ ކޯޓުން ހުއްދަ ދިން ނަމަވެސް އަދި ބޮޑީ ނަގަން ނިންމާނީ ބޯޑަކުން ކަމަށެވެ. އެގޮތުން ހަށިގަނޑު ކުނިވެފައި އޮންނާނެ ވަރާއި މިހާރު ނަގައިގެން ތަހުގީގަށް ލިބިދާނެ އެހީގެ މިންވަރާމެދު ބޯޑުން ބަލާނެ ކަމަށެވެ.
ޑރ. އާތިފް ވިދާޅުވީ ހަށިގަނޑު ނުނަގާ ދެވަނަ އޮޓޯޕްސީއެއް ހެދުމަށް އާއިލާއިން ދެކޮޅު ނުހަދާ ކަމަށާއި ސަބަބަކީ ހަތަރު ވަކީލުންގެ މައްޗަށް ހިމެނޭ ލޯޔަރުންގެ ޓީމުން އެކަމަށް އެދިފައިވާތީ ކަމަށެވެ. ލޯޔަރުން ވިދާޅުވާ ގޮތުގައި އޮޓޮޕްސީއަށް ދެކޮޅު ހަދައިފިނަމަ އާއިލާއިން އެއްބާރުލުން ނުދިން ކަމަށް ބުނެ އެމައްސަލަ ތަހުގީގް ކުރުން ހުއްޓާލުމަކީ އެކަށީގެންވާ ކަމެއް ކަމަށެވެ.
ޑރ. އާތިފް ވިދާޅުވީ އޮޓޯޕްސީ ބިނާ ވަނީ ހަމައެކަނި ހަށިގަނޑު ފަޅައިގެން ތަހުލީލް ކުރުމަށް ނޫން ކަމަށާއި އިންޓަރނަލް ސައިންތަކަށް ބަލައިގެންވެސް އޮޓޯޕްސީއެއް ހެދިދާނެ ކަމަށެވެ.