ފުލުހުންގެ ބެލުމުގެ ދަށުގައި ބަހައްޓައިގެން، ރައީސް މައުމޫނުގެ ދަނބިދަރިފުޅު މުހައްމަދު ނަދީމް ކޯޓަށް ހާޒިރުކުރި މައްސަލަ ކުރިއަށް ނުގެންދަން ނިންމައިފި އެވެ.
ފުލުހުންގެ ބެލުމުގެ ދަށުގައި ބަހައްޓައިގެން ނަދީމް ކޯޓަށް ހާޒިރުކޮށްފައިވަނީ އޭނާގެ މަސްލަހަތު އޮންނަ ވަން އެންޑް ހާފް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑްއާ ދެކޮޅަށް ދިރާގުން ކޮށްފައިވާ ދައުވާއެއްގެ ޝަރީއަތަށެވެ.
ޔުމްނާ މައުމޫންގެ ފިރިކަލުން ފުލުހުންގެ ބަންދުގައި ބަހައްޓައިގެން ކޯޓަށް ހާޒިރުކުރީ، އެ މައްސަލައިގެ ޝަރީއަތަށް އޭނާ ހާޒިރުކޮށްދިނުމަށް ފުލުހުންގެ މައްޗަށް ސިވިލް ކޯޓުން އަމުރު ކުރުމުންނެވެ. ނަމަވެސް ނަދީމް ވިދާޅުވެފައިވާ ގޮތުގައި އެ މައްސަލައާ ގުޅިގެން މީގެ ކުރިން ކޯޓަށް ހާޒިރުވުމަށް އަންގައި ޗިޓެއް ވެސް ފޮނުވާފައެއް ނުވެ އެވެ.
ނަދީމް ވިދާޅުވެފައިވާ ގޮތުގައި ކޯޓަށް ހާޒިރުވާންޖެހޭ ކަން އެނގުނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސް، އޭނާ ކޯޓަށް ހާޒިރުކުރަން އަމުރުކޮށްފައިވާކަން ފުލުހުން ބުނުމުންނެވެ.
ކޯޓުގެ އަމުރާ ގުޅިގެން ބުދަ ދުވަހު އަތޮޅުވެއްސަށް ނަދީމް ގެންގޮސްފައިވެ އެވެ. އޭނާ ދޫކޮށްލީ ކޯޓަށް ހާޒިރުވުމަށް ބުރާސްފަތި ދުވަހުގެ ހެނދުނު ފުލުހުންގެ އިދާރާއަށް ހާޒިރުވުމަށް ޝަރުތުކުރުމަށް ފަހުގަ އެވެ.
ނަދީމް ވަނީ ކުރިން ޗިޓް ފޮނުވުމަކާއި ނުލައި އޭނާ ހާޒިރުކޮށްދޭން އަމުރުކޮށްފައިވާތީ ސިވިލް ކޯޓަށް ސިޓީއެއް ވެސް ހުށަހަޅާފަ އެވެ. އެ މައްސަލައާ ގުޅިގެން ކޯޓަށް ހާޒިރުވާން އަންގާފައިނުވާކަން ފާހަގަކޮށް އޭނާ ވިދާޅުވެފައިވަނީ ބުރާސްފަތި ދުވަހުގެ 11:30 ގައި އޮންނަ ޝަރީއަތަށް ހާޒިރުވާނެ ކަމަށެވެ.
ފުލުހުންގެ ބެލުމުގެ ދަށުގައި ބަހައްޓައިގެން ބުރާސްފަތި ދުވަހުގެ 11:30 އަށް ނަދީމް ކޯޓަށް ހާޒިރުކުރިއިރު، ކޯޓުން ނިމުމެވަޑައިގެން ނަދީމް ވިދާޅުވީ އެ މައްސަލައިގައި ހިމެނޭ ފައިސާ ދައްކާ ޚަލާސްކޮށްފައިވާތީ މައްސަލަ ކުރިއަށް ނުގެންދިއުމަށް ނިންމާފައިވާ ކަމަށެވެ.
މި ސަރުކާރުގައި ފެނަކަ ކޯޕަރޭޝަންގެ ޗެއާމަންގެ މަގާމު އަދާކުރެއްވި ނަދީމް ވިދާޅުވީ އޭނާ ކޯޓަށް ހާޒިރުކުރުމުގައި އަމަލުކޮށްފައިވަނީ އިޖުރާއަތާ ޚިލާފަށް ކަމަށެވެ. އަދި އެކަން ކޯޓުގައި ފާހަގކުރެއްވުމުން ކޯޓުން ދިން ޖަވާބަކީ ފެބްރުއަރީ މަހު ޗިޓް ހަވާލުކުރަން ދިޔައިރު ގޭގައި ނޫޅުއްވާތީ ހަވާލު ނުކުރެވުނީ ކަމަށް ނަދީމް ވިދާޅުވި އެވެ.
އަދި ގޭގައި ރެޑްނޯޓިސް ހަރުނުކުރީ ކީއްވެތޯ ސުވާލުކުރުމުން އެކަމުގެ އިޚްތިޔާރު ގާޒީއަސް ލިބިގެންވާ ކަމަށް ޖަވާބުދިން ކަމަށް ނަދީމް ވިދާޅުވި އެވެ.