Advertisement
ކ. މާލެ
|
20 އޭޕްރިލް 2017 | ބުރާސްފަތި 18:05
ފަނޑިޔާރު ޝުޖާއު އުސްމާނާއި ހަނީފް: ހަނީފް ހައްޔަރު ކުރީ ކޯޓު އަމުރަކުން
ފަނޑިޔާރު ޝުޖާއު އުސްމާނާއި ހަނީފް: ހަނީފް ހައްޔަރު ކުރީ ކޯޓު އަމުރަކުން
ގޫގުލް
އިބްރާހިމް ހަނީފް
ފަނޑިޔާރު ޝުޖާއު އަވަހާރަކޮށްލަން އުޅުމުގެ ތުހުމަތަށް ހަނީފް ބަންދުކުރީ ރަނގަޅަށް: ހައިކޯޓް
ހަނީފުގެ މައްޗަށް ކުރެވިފައިވަނީ ޓެރަރިޒަމުގެ ތުހުމަތު
މުޖުތަމައުއަށް ނޭދެވޭ އަސަރުކޮށްފާނެތީ މުޖުތަމައުގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި
ކުށުގެ ޒާތާއި ތަބީއަތަށް ބަލާއިރު ނުރައްކާތެރިކަން ބޮޑު ކުށެއް

ހައިކޯޓުގެ ދެކުނު ގޮފީގެ ފަނޑިޔާރު ޝުޖާއު އުސްމާން އަވަހާރަކޮށްލަން އުޅުނު ކަމަށް ބުނާ މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވާ އެޑިއުކޭޝަން މިނިސްޓްރީގެ ކުރީގެ ޑެޕިއުޓީ މިނިސްޓަރު އިބްރާހިމް ހަނީފް ބަންދުގައި ބަހައްޓަން ކްރިމިނަލް ކޯޓުން އަމުރުކުރީ ރަނގަޅަށް ކަމަށް ހައިކޯޓުން ކަނޑައަޅައިފި އެވެ.

 

ގްރޫޕެއް ފޮނުވައިގެން ފަނޑިޔާރު ޝުޖާއު "އަވަހާރަކޮށްލަން" އުޅުނު ކަމުގެ ތުހުމަތުގައި ހަނީފް ހައްޔަރުކޮށްފައި ވަނީ މިމަހުގެ 4 ވަނަ ދުވަހު ކޯޓު އަމުރެއްގެ ދަށުން އޭނާ ދިރިއުޅުއްވާ ގެއިންނެވެ. ހައްޔަރުކުރުމުގެ ކުރިން ހަމަ އެ ދުވަހު ފުލުހުންގެ އިދާރާއަށް ހަނީފް ހާޒިރުކޮށް، އޭނާގެ ފޯނު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވެ އެވެ.

 

ހަނީފްގެ ބަންދަށް ކްރިމިނަލް ކޯޓުން ވަނީ 10 ދުވަސް ޖަހާފަ އެވެ. ކްރިމިނަލް ކޯޓުން ނެރެފައިވާ އެ އަމުރު ޝަރުއީ އަދި ގާނޫނީ ހަމަތަކާ އެއްގޮތް ނޫން ކަމަށް ބުނެ ހަނީފްގެ ފަރާތުން ވަނީ ހައިކޯޓުގައި އަމުރު އިސްތިއުނާފު ކޮށްފަ އެވެ.

 

އެ މައްސަލައިގައި ހައިކޯޓުން ބުރާސްފަތި ދުވަހު ކުރި ހުކުމުގައި ވަނީ ހަނީފުގެ މައްޗަށް ކުރެވިފައިވަނީ ޓެރަރިޒަމުގެ ތުހުމަތު ކަމަށްވާތީ ދޫކޮށްލައިފިނަމަ އޭނާގެ ފަރާތުން މުޖުތަމައުއަށް ނޭދެވޭ އަސަރުކޮށްފާނެތީ މުޖުތަމައުގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި ހޯމް މިނިސްޓްރީއިން ކަނޑައަޅާތަނެއްގައި އޭނާ ބަންދުކުރުމަށް ދައުލަތުން އެދިފައިވާކަން ފާހަގަކޮށްފަ އެވެ.

 

ހުކުމުގައި ބުނެފައިވަނީ ހަނީފުގެ މައްޗަށް ތުހުމަތު ކުރެވިފައިވަނީ ހައިކޯޓުގެ ފަނޑިޔާރަކަށް ނުރައްކާވާފަދަ ހަމަލާއެއް ދިނުމަށް ރޭވިކަމުގެ ތުހުމަތުކަމުގައިވާއިރު، އެއީ ކުށުގެ ޒާތާއި ތަބީއަތަށް ބަލާއިރު ނުރައްކާތެރިކަން ބޮޑު ކުށެއްކަން އެނގެން އޮންނަ ކަމަށެވެ. އަދި އެ މައްސަލައިގައި ފުލުހުންގެ ފަރާތުން ހުށަހަޅާފައިވާ ހެކިތަކުގެ މައްޗަށް ބެލުމުން ހަނީފުގެ މައްޗަށް ތުހުމަތުކުރެވޭ ކުށަށް ތުހުމަތެއް އުފެދޭ މިންވަރުގެ ހެކި ގަރީނާ ފުލުހުންގެ ފަރާތުން ހުށަހަޅާފައިވާކަން ވެސް އެނގެން އޮންނަ ކަމަށް ބުނެފައިވެ އެވެ.

 

ހައިކޯޓުން ބުނީ އެފަދަ ތުހުމަތެއްގައިވާ ފަރާތެއް މިހިނދަށް ދޫވެފައި ހުރުމަކީ އެކަމުގެ ސަބަބުން މުޖުތަމައުގެ ސަލާމަތަށް ނުރައްކަލެއް އޮތްކަމެއް ކަމުގައި ބެލެވެން އޮންނަ ކަމަށާއި އެހެންކަމުން މައްސަލަ ބެއްލެވި ފަނޑިޔާރުން ދެކެވަޑައިގަންނަވާ ގޮތުގައި ހަނީފް ބަންދުގައި ބެހެއްޓުމަސް ކްރިމިނަލް ކޯޓުން ކުރި އަމުރަށް ބަދަލު ގެންނަންޖެހޭ ތަނެއް ނެތް ކަމަށެވެ.

 

އެޑިއުކޭޝަން މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު ފެންވަރުގައި ސީނިއާ ޕޮލިސީ އެގްޒެކެޓިވް އަކަށް ހުންނަވަނިކޮށް ހަނީފް ހައްޔަރުކުރިއިރު، ރައީސް އަބްދުﷲ ޔާމީން ވަނީ މިމަހުގެ 11 ވަނަ ދުވަހު އޭނާ އެ މަގާމުން ވަކިކުރައްވާފަ އެވެ.

 

ފަނޑިޔާރު ޝުޖާއު އާއި އިބްރާހިމް ހަނީފަކީ ވެސް ގއ. ވިލިނގިއްޔަށް ނިސްބަތްވާ ދެ ބޭފުޅުންނެވެ.

 

ރާއްޖެއެމްވީއަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ހެއްކެއްގެ ގޮތުގައި ހަނީފްއާ ދެކޮޅަށް ފުލުހުން ބޭނުންކުރަމުންދަނީ އައްޑޫ ބަހުން ދެމީހަކު ވާހަކަ ދައްކާ އޯޑިއޯއަކާއި، ސަރުކާރުގެ ކޯޑިނޭޓަރަކު ދީފައިވާ ބަޔާނެކެވެ.

 

ފުލުހުންގެ ވަނީ ފަނޑިޔާރު ޝުޖާއުއާ ގުޅުންހުރި މައްސަލައެއް ބަލަމުންދާކަން ކަށަވަރުކޮށްދީފަ އެވެ. ނަމަވެސް އެ މައްސަލައަކާ ގުޅިގެން މީހަކު ހައްޔަރުކުރިކަމާއި މައްސަަލައާ ގުޅޭ އިތުރު ތަފްސީލެއް ފުލުހުން ހާމައެއް ނުކުރެ އެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް