މަރޗް މަހުގެ ފަހުން އިޓަލީގައި ދުވާލެއްގެ މައްޗަށް ފަސްހާހަށްވުރެ ގިނަ މީހުންނަށް ވައިރަސް ޖެހިގެން ރިޕޯޓްކޮށްފިއެވެ.
އިޓަލީގެ ހެލްތު މިނިސްޓްރީން ބުނީ ހުކުރު ދުވަހު އެގައުމުގައި އަލަށް 5372 މީހުންނަށް ކޮވިޑް-19 ޖެހިފައިވާކަމަށެވެ. އަދި އެދުވަހު ބަލި ޖެހިގެން 28 މީހުން މަރުވެފައިވާ ކަމަށް އެ ގައުމުގެ ހެލްތު މިނިސްޓްރީން ބުނެއެވެ.
އިޓަލީއަކީ ޔޫރަޕްގެ ގައުމުތަކުގެ ތެރެއިން އެންމެ ފުރަތަމަ ކޮވިޑް-19 ފެނުނު ގައުމެވެ. އަދި ޔޫރަޕްގެ ގައުމުތަކުގެ ތެރެއިން ދެވަނައަށް އެންމެ ގިނަ މީހުންނަށް މަރުވެގެން ރިޕޯޓްކުރަމުން އަންނަނީވެސް އިޓަލީންނެވެ. އިޓަލީން 36،111 މީހުން ވަނީ މި ވައިރަސް ޖެހިގެން މަރުވެފައެވެ.
އިޓަލީގައި ވައިރަސް ފެތުރެން ފެށުމުން ލޮކްޑައުންކޮށް ވައިރަސް ފެތުރުން ކޮންޓްރޯލްކުރުމަށް އެޅި ވަރުގަދަ ފިޔަވަޅުތަކާއެކު ހޫނު މޫސުން އަންނަންވާއިރަށް ވައިރަސް ފެތުރުން ވަނީ ކޮންޓްރޯލްކޮށްފައެވެ. އެހެންނަމަވެސް ފާއިތުވި ތިން މަހު އެގައުމުގައި ވައިރަސް ޖެހޭ މީހުންގެ އަދަދު އައީ އެއް ވަރެއްގައި މަތިވަމުންނެވެ. އަދި ފާއިތުވި ހަފްތާގައި ވަނީ އެއަދަދުތައް ދެގުނަ ވެފައެވެ.
އިޓަލީގައި ވައިރަސް ޖެހޭ މީހުންގެ އަދަދު އިތުރުވަމުން އައިނަމަވެސް ޔޫރަޕްގައި މި ވަގުތު އެންމެ ހަލުވި މިނުގައި ވައިރަސް ފެތުރެމުންދާ ގައުމުތައް ކަމަށްވާ ފްރާންސް އާއި ސްޕެއިން އަދި އިނގިރޭސިވިލާތަށްވުރެ އެ ގައުމުގެ ހާލަތު ރަނގަޅެވެ.
އެންމެ ފަހުން އިޓަލީގައި 5000ށް ވުރެ ގިނަ މީހުންނަށް ވައިރަސް ޖެހިގެން ރިޕޯޓްކޮށްފައިވަނީ މަރޗް މަހުގެ 29 ވަނަ ދުވަހުއެވެ. އެއީ 5217 މީހުންނެވެ. އެދުވަހު އެގައުމުން 756 މީހުން ވަނީ ވައިރަސް ޖެހިގެން މަރުވެފައެވެ.