Advertisement
ކ. މާލެ
|
20 އޭޕްރިލް 2017 | ބުރާސްފަތި 17:06
ދިވެހިރާއްޖޭގެ ހައިކޯޓް
ދިވެހިރާއްޖޭގެ ހައިކޯޓް
މުހައްމަދު ޝަރުހާން
އާބިޓްރޭޝަން
ރާއްޖެއިން ބޭރުގައި ނިންމާފައިވާ އާބިޓްރަލް އެވޯޑެއް ރާއްޖޭގައި ތަންފީޒް ކުރާނީ ސިވިލް ކޯޓުން: ހައިކޯޓް
އާބިޓްރޭޝަން ގާނޫނުގައި ބަޔާންކުރާ ކޯޓަކީ ސިވިލް ކޯޓުކަން އެނގޭ
އަމަލުކުރުން ލާޒިމް، ތަންފީޒް ކުރެވޭނެ ނިންމުމެއް
24 މިލިއަން ޑޮލަރު ހިލްޓަން އަށް ދެއްކުމަށް ސަންއަށް އަންގާފަ

ރާއްޖެއިން ބޭރުގައި ހިންގާފައިވާ އާބިޓްރޭޝަނެއްގައި ކަނޑައަޅާފައިވާ އާބިޓްރަލް އެވޯޑެއް ރާއްޖޭގައި ތަންފީޒްކުރަން ބޭނުންވެއްޖެ ނަމަ އެ މައްސަލަ ހުށަހަޅަންޖެހޭނީ ސިވިލް ކޯޓަށް ކަމަށް ހައިކޯޓުން ކަނޑައަޅައިފި އެވެ.

 

ހައިކޯޓުން އެގޮތަށް ނިންމާފައި ވަނީ، އެމްޑީއޭގެ ލީޑަރު އަހުމަދު ސިޔާމް މުހައްމަދުގެ އިރުފުށި ރިސޯޓް ހިންގަން ހިލްޓަނާ އެކު ސޮއި ކުރި އެއްބަސްވުން އުވާލައި، އެ ރިސޯޓް އަތުލި މައްސަލާގައި ހިލްޓަން އަށް 24 މިލިއަން ޑޮލަރު (370 މިލިއަން ރުފިޔާ) ދޭން ސިންގަޕޫރު އާބިޓްރޭޝަނުން ސަން ޓްރެވަލްސް އަށް އަންގާފައިވާ އެންގުން ތަންފީޒް ކޮށްދިނުމުގެ މައްސަލައާ ގުޅިގެންނެވެ.

 

ސިންގަޕޫރުގެ އާބިޓްރޭޝަނުން ކަނޑައަޅާފައިވާ އާބިޓްރަލް އެވޯޑް ތަންފީޒް ކޮށްދިނުމަށް އެދި ހިލްޓަން އިން ސިވިލް ކޯޓަށް ހުށަހެޅުމުން، މިދިޔަ އަހަރުގެ ނޮވެމްބަރުގައި އެ ކޯޓުން ނިންމީ އާބިޓްރޭޝަންގެ ނިންމުން ތަންފީޒުކޮށްދެވޭނީ އެ މައްސަލަ ހައި ކޯޓަށް ހުށަހަޅައި، އެ ކޯޓުން ކުރާ ހުކުމަށް ފަހު ކަމަށެވެ.

 

ސިވިލް ކޯޓުގެ އެ ނިންމުމަކީ ބާތިލު ނިންމުމެއް ކަމަށާއި، އަދި ރާއްޖެއިން ބޭރުގައި ހިންގާފައިވާ އާބިޓްރޭޝަނެއްގައި ކަނޑައަޅާފައިވާ އާބިޓްރަލް އެވޯޑެއް ރާއްޖޭގައި ތަންފީޒްކުރަން ބޭނުންވެއްޖެނަމަ އެ މައްސަލަ ހުށަހަޅަންޖެހޭނީ ސިވިލް ކޯޓަށް ކަމަށް ކަނޑައަޅައި ދިނުމަށް ހިލްޓަން އިން ހައިކޯޓަށް ހުށަހެޅި މައްސަލައިގައި އެ ކޯޓުން ބުރާސްފަތި ދުވަހު ވަނީ ސިވިލް ކޯޓުގެ ހުކުމް ބާތިލް ކޮށްފަ އެވެ.

 

ހައިކޯޓުން ކުރި ހުކުމުގައި ވަނީ، އާބިޓްރޭޝަން ގާނޫނުގެ 73 ވަނަ މާއްދާގެ (ހ) ގައި ދިވެހިރާއްޖޭން ބޭރުގައި ހިންގާފައިވާ އާބިޓްރޭޝަނެއްގައި ކަނޑައަޅާފައިވާ އާބިޓްރަލް އެވޯޑެއް ދިވެހިރާއްޖޭގައި ތަންފީޒުކުރަން ބޭނުން ކަމަށް ވާނަމަ، އެ މައްސަލަ ހުށަހަޅަންޖެހޭނީ ދިވެހިރާއްޖޭގެ ކަމާބެހޭ ކޯޓަށް ކަމަށާއި އަދި ދިވެހިރާއްޖޭގައި އެ ނިންމުން ތަންފީޒުކޮށްދޭނީ، އެ ކޯޓުން ކުރާ އަމުރަކާ އެއްގޮތްވާ ގޮތުގެ މަތިން ކަމަށް ބަޔާންކޮށްފައިވާކަން ފާހަގަކޮށްފަ އެވެ.

 

ހުކުމުގައި ބުނެފައި ވަނީ އާބިޓްރޭޝަން ގާނޫނަށާއި އެ ގާނޫނުން ބާރު ލިބިގެން ހަދާފައިވާ އާބިޓްރޭޝަންގެ މައްސަލަތައް ދިވެހިރާއްޖޭގެ ހައިކޯޓުން ބެލުމާބެހޭ ގަވާއިދުގެ ކަންކަމުގެ މައްޗަށާއި ހުކުމްތަކާއި އަމުރުތައް ތަންފީޒްކުރުމުގައި ރާއްޖޭގައި ގާއިމްވެފައިވާ އުސޫލުތަކުގެ މައްޗަށް ބެލުމުން، އާބިޓްރޭޝަން ގާނޫނުގެ 73 ވަނަ މާއްދާގެ (ހ) ގައި ބަޔާންކުރާ ކޯޓަކީ ސިވިލް ކޯޓުކަން އެނގޭ ކަމަށެވެ.

 

މީގެ އިތުރުން ހައިކޯޓުގެ ހުކުމުގައި ވަނީ، އާބިޓްރޭޝަން ގާނޫނުގެ 72 ވަނަ މާއްދާގައި، ދިވެހިރާއްޖެ ނޫން އެހެން ގައުމެއްގައި ހިންގާފައިވާ އާބިޓްރޭޝަނަކަށް ފަހު ކަނޑައަޅާފައިވާ އާބިޓްރަލް އެވޯޑެއް، އެ ގާނޫނުގައި ބަޔާންވެގެންވާ އުސޫލުތަކާ ޚިލާފުނުވާ ހިނދަކު، އެއީ ދިވެހިރާއްޖެއިން ބަލައިގަންނާނެ އަދި ތަންފީޒްކުރެވޭނެ ނިންމުމުކަށްވާނެ ކަމަށާއި، އަދި ދިވެހިރާއްޖޭގައި އަމަލުކުރުން ލާޒިމް ނިންމުމަކަށްވާނެ ކަމަށް ބަޔާންކޮށްފައިވާކަން ފާހަގަކޮށްފަ އެވެ.

 

މި މައްސަލައިގައި އެންމެ ފަހުން އަޑުއެހުމެއް ބޭއްވީ ހޯމަ ދުވަހު އެވެ. އެ އަޑުއެހުމުގައި ހިލްޓަން އާއި ސަން ޓްރެވަލްސް އިން ވެސް ވަނީ އާބިޓްރޭޝަންގެ ހުކުމް ތަންފީޒް ކޮށްދޭން ޖެހޭނީ ސިވިލް ކޯޓުން ކަމަށް ގަބޫލުކުރާ ކަމަށް ބުނެފަ އެވެ.

 

އިރުފުށި ހިންގުން ހިލްޓަން އިންޓަނޭޝަނަލްއާ 2009 ވަނަ އަހަރުގެ ތެރޭގައި ހަވާލު ކުރުމަށް ފަހު 2013 ވަނަ އަހަރު ސަން ޓްރެވަލްސް އިން ވަނީ އެކުންފުނީގެ އަތުން ރިސޯޓް އަތުލައިފަ އެވެ. މިހާރު އެ ރިސޯޓް ހިންގަމުން ދަނީ "ދަ ސަން ސިޔާމް އިރުފުށި މޯލްޑިވްސް" ގެ ނަމުގަ އެވެ.

 

ހިލްޓަން އަށް 24 މިލިއަން ޑޮލަރު ދެއްކުމަށް ސަން ޓްރެވަލްސް އަށް ސިންގަޕޫރުގެ އާބިޓްރޭޝަނުން އަންގާފައިވަނިކޮށް، އިރުފުށީ އެއްބަސްވުމުގައި މަކަރާއި ހީލަތުން ސޮއި ކުރުވާފައިވާ ކަމަށާއި އެއްބަސްވުމާ ޚިލާފްވެފައިވާ ކަމަށް ބުނެ، އެއްބަސްވުން ބާތިލްކޮށް، ލިބުނު ގެއްލުމުގެ ބަދަލު ހޯދުމަށް ސަން ޓްރެވަލްސް އިން ސިވިލް ކޯޓަށް ހުށަހެޅި އެވެ.

 

ކޯޓުން އެ މައްސަލަ ނިންމީ ސަން ޓްރެވަލްސް ލައްވާ އެއްބަސްވުމުގައި ސޮއިކުރުވުމަށް، އޮޅުވާލައިގެން ހަގީގަތާ ޚިލާފު ކަމެއް ނުވަތަ އެއްޗެއް އެއީ ތެދެއްކަމުގައި ދައްކައިގެން އެއްބަސްވުމުގައި ސޮއިކޮށް ރިސޯޓުގެ ހިންގުމާއި ހިލްޓަން އިން ހަވާލުވުމުގެ ސަބަބުން ސަން ޓްރެވަލްސް އަށް ލިބިފައިވާ މާލީ ގެއްލުމަށް ކޮންޓްރެކްޓާއި ބެހޭ ގާނޫނުގެ 23 ވަނަ މާއްދާގެ ދަށުން ބަދަލު ދޭންޖެހޭ ކަމަށެވެ. ސިވިލް ކޯޓުން ވަނީ ހަ މަސް ދުވަހުގެ ތެރޭގައި 16 މިލިއަން ޑޮލަރު ސަން ޓްރެވަލަސް އަށް ދެއްކުމަށް ހިލްޓަންގެ މައްޗަށް ހުކުމް ކޮށްފަ އެވެ.

 

ހިލްޓަން އިން ބުނާ ގޮތުގައި ސިވިލް ކޯޓުން އެ މައްސަލަ ބަލާފައިވަނީ އަމިއްލައަށް ގާނޫނީ ހުދޫދު ލިބިގެންވާ ކަމަށް ދެކިގެން ކަމަށާއި އާބިޓްރޭޝަނުން ހުކުމެއް އޮތްވާ އެ މައްސަލައަކީ ސިވިލް ކޯޓަށް ބެލޭނެ މައްސަލައެއް ނޫން ކަމަށެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް