ކޮވިޑް-19 އާ ގުޅިގެން ރާއްޖޭގެ ބޯޑަރު ބަންދުކުރުމަށްފަހު މިދިޔަ ޖުލައި މަހުގެ 15 ވަނަ ދުވަހު ބޯޑަރު ހުޅުވާލި ފަހުން 24،000 ޓުއަރިސްޓް އެނދު އޮޕަރޭޓް ކުރަމުން އަންނަ ކަމަށް ޓުއަރިޒަމް މިނިސްޓްރީން ބުނެފިއެވެ.
ކޮވިޑް-19 ގެ އެންމެ ފަހުގެ މައުލޫމާތު އެ މިނިސްޓްރީން އާންމުކޮށްފައިވާ އިރު، ޓުއަރިޒަމް މިނިސްޓްރީން ބުނީ މި މަހުގެ 6 ވަނަ ދުވަހާ ހަމައަށް 24،000 އެނދު އޮޕަރޭޓް ކުރަމުން އަންނަނީ 223 ތަނަކުން ކަމަށެވެ. މީގެ ތެރޭގައި ހިމެނެނީ ރިސޯޓުތަކާއި، ހޮޓާތަކާއި ސަފާރީ އުޅަނދުފަހަރެވެ. ޓުއަރިޒަމް މިނިސްޓްރީން ބުނީ ބޯޑަރު ހުޅުވާލިފަހުން މަޑުމަޑުން ފަތުރުވެރިކަން ރަނގަޅުވަމުން އަންނަ ކަމަށެވެ.
ޓުއަރިޒަމް މިނިސްޓްރީން ބުނީ ބޯޑަރު ހުޅުވާލި ފަހުން މިހާތަނަށް 17،000 ފަތުރުވެރިން ރާއްޖެ އައިސްފައިވާ ކަމަށެވެ. އަދި ބޯޑަރު ހުޅުވާލި ފަހުން ފަތުރުވެރިކަމުގެ ޕޮލިސީތަކަށް ކުޑަ ބަދަލުތަކެއް އައިސްފައިވާކަން މިނިސްޓްރީން ވަނީ ފާހަގަކޮށްފައެވެ. އެގޮތުން ކޮވިޑް-19 ގެ ނެގެޓިވް ނަތީޖާއެއް ރާއްޖެ އަންނައިރު ހުށަހަޅަން ޖެހުން ހިމެނެއެވެ. އަދި މިއީ ރައްކާތެރި މަންޒިލެއްގެ ގޮތުގައި ރާއްޖެ ހެދުމަށް ކުރެވުނު މުހިންމު ކަމެއްގެ ގޮތުގައި މިނިސްޓްރީން ވަނީ ފާހަގަކޮށްފައެވެ.
ފަތުރުވެރިކަން އަލުން ފަށައިގަތުމަށްޓަކައި ކުރަމުން އަންނަ މަސައްކަތުގެ ތެރެއިން މި މަހުގެ 15 ވަނަ ދުވަހު ލޯކަލް ޓުއަރިޒަމް ފެށުމަށް އަންނަނީ ތައްޔާރުވަމުންނެވެ. އެގޮތުން ގެސްޓްހައުސްތައް ހުޅުވުމަށްޓަކައި ކުރަންޖެހޭ ހުރިހާކަމެއް ކޮށް 15 ވަނަ ދުވަހު އެކަން ފަށައިގަތުމަށް ވަނީ ފުރިހަމައަށް ތައްޔާރުވެފައެވެ.
ކޮވިޑް-19 އާ ގުޅިގެން ބޯޑަރު ބަންދުކުރުމަށް ފަހު ޖުލައި މަހުގައި އަލުން ބޯޑަރު ހުޅުވާލުމާއެކު އެ މަހުގައި 1752 ފަތުރުވެރިން ރާއްޖެއައިސްފައި ވެއެވެ. އަދި އޮގަސްޓް މަހު 7628 ފަތުރުވެރިން ރާއްޖެ އައިސްފައިވާ އިރު ސެޕްޓެމްބަރ މަހުގައި 9538 ފަތުރުވެރިން އަދި މި މަހުގެ މިހާތަނަށް 3140 ފަތުރުވެރިން ވަނީ ރާއްޖެ އައިސްފައެވެ. ސަރުކާރުގެ އަމާޒަކީ ފަތުރުވެރިކަމަށް ހީނަރުކަން އައި ނަމަވެސް މި އަހަރުގެ ނިޔަލަށް 850،000 ފަތުރުވެރިން ރާއްޖެ ގެނައުމެވެ.