ކޮރޯނާ ވައިރަސްގެ ޕެންޑަމިކާ ގުޅިގެން އޮންލައިންކޮށް ވިޔަފާރި ކުރާ މީހުންގެ އަދަދު އިތުރުވެފައިވާތީވެ، އެޗް އެންޑް އެމްގެ 250 ފިހާރައެއް އަންނަ އަހަރުގެ ތެރޭގައި ބަންދުކުރަން އެ ކުންފުނިން ނިންމައިފި އެެ.
މިއީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ހުންނަ އެޗް އެންޑް އެމްގެ 5000 ފިހާރައިގެ ތެރެއިން 5 ޕަސެންޓް ފިހާރައެވް.
ސްވީޑަންއަށް ނިސްބަތްވާ ރީޓެއިލް ކުންފުނިން ބުރާސްފަތި ދުވަހު ނެރުނު ނޫސް ބަޔާނުގައި ބުނެފައިވަނީ ކޮރޯނާ ވައިރަސްގެ ޕެންޑަމިކާ ގުޅިގެން އޮންލައިންކޮށް ވިޔަފާރިކުރާ މީހުންގެ އަދަދު އިތުރުވަމުންދާ ކަމަށާއި މި ހާލަތުގެ ތެރޭގައި ގިނަ ވެގެން 80 ޕަސެންޓް ފިހާރަ ވަގުތީ ގޮތުން ބަންދުކުރެވުނު ކަމަށެވެ. މިދިޔަ އަހަރުގެ ޖޫން މަހުން ފެށިގެން އޯގަސްޓް މަހުގެ ނިޔަލަށް، 3 ވަނަ ކުއާޓާގައި ފިހާރަތައް ހުޅުވާލުމާއި ކުރިއަރަމުން އަންނަ އޮންލައިންގެ ވިޔަފާރީގެ ސަބަބުން ވިޔަފާރިއަށް ފައިދާވެ، ގެއްލުން ފޫ ބެއްދޭވަރުވެފައިވާ ކަމަށާއި ނަމަވެސް މިދިޔަ އަހަރުގެ ސެޕްޓެމްބަރ މަހާ އަޅާބަލާއިރު މި އަހަރުގެ ސެޕްޓެމްބަރ މަހުގެ ވިޔަފާރި 5 ޕަސެންޓް ދަށްވެފައިވާ ކަމުގައިވެސް މި ނޫސްބަޔާނުގައި ވެއެވެ.
އެކުންފުނީގެ ސީ.އީ.އޯ ހޭލޭނާ ހެލްމަރސަން މި ބަޔާނުގައި ބުނެފައވަނީ މި ގޮންޖެހުންތަކަށް ނިމުމެއް އައިސްފައި ނުވާކަމަށްވެސް، ގަބޫލް ކުރަނީ އެންމެ ގެއްލުން ހުރި ދުވަސްތައް ފާއިތުވެ ގޮސްފައިވާކަމަށެވެ. އަދި މި ހާލަތުން އަރައިގަތުމަށް ފުރިހަމައަށް ތައްޔާރު ވެފައިވާކަމުގައެވެ.
ކޮރޯނާ ވައިރަސް ޕެންޑަމިކްގެ ކުރިން ވެސް އޮންލައިން ވިޔަފާރީގެ ސަބަބުން ރީޓެއިލް ވިޔަފާރި އިންޑަސްޓްރީއަށް ނުހަނު ބޮޑެތި ގެއްލުންތަކެއް ކުރިމަތިވެފައިވާއިރު، ޕެންޑެމިކްގެ ސަބަބުން އޮންލައިން ވިޔަފާރިކުރާ މިނަވަރު ވަނީ ކުރިއަށްވުރެ ވެސް ބޮޑަށް އިތުރު ވެގެން ގޮސްފައެވެ.
ޒާރާ އަދިވެސް އެހެން ގިނަ ފެޝަން ބުރޭންޑްތަކުގެ ވެރި ފަރާތް، އެޗް އެންޑް އެމްގެ ވާދަވެރި އިންޑިޓެކްސް ކުންފުނިން ވެސް ވަނީ މި އަހަރާއި ކުރިއަށް އޮތް އަހަރާއި އެކު 1200 ވަރަކަށް ފިހާރަ ބަނަދުކުރުމަށް ގަސްތު ކުރާކަން މި އަހަރުގެ ކުރީކޮޅުގައި ހާމަކޮއްފައެވެ.
މި ކުންފުނިތަކުގެ އިތުރުން ކުރިއަރަމުން އަންނަ އޮންލައިން ވިޔަފާރީގެ ސަބަބުން އެމެރިކަން އީގަލް އައުޓްފިޓަރ އަދި ސްޕޮޓްގޭމް އިން ވެސް ވަނީ އެތައް ސަތޭކަ ފިހާރައެއް އޮންލައިން ވިޔަފާރިތަކާ ހުރެ ބަންދުކުރަން ގަސްތު ކުރާކަން އިއުލާން ކޮށްފައެވެ.