Advertisement
ކ. މާލެ
|
19 އޭޕްރިލް 2017 | ބުދަ 19:45
ދިވެހި އެމްބަސަޑަރުންނާއެކު ރައީސް ޔާމީން
ދިވެހި އެމްބަސަޑަރުންނާއެކު ރައީސް ޔާމީން
ޓްވިޓަރ
ސަފީރުންގެ މަހާސިންތާ
ސަރުކާރުން ކަންކަން ކުރަނީ ރައްޔިތުންގެ ހައްގުގައިކަން ބޭރު ފަރާތްތަކަށް ހާމަކޮށްދެންޖެހޭ: ރައީސް ޔާމީން
ޓެރެރިޒަމް ގާނޫނަކީ މިއަދު އުފަންވި ގާނޫނެއް ނޫން ކަމަށް ރައީސް ޔާމީން ވިދާޅުވި
މިސަރުކާރުން ގާތްގުޅުން ބާއްވަމުންދާނީ މިސަރުކާރަށް އިހުތިރާމް ކުރާ ގައުމުތަކާއެކުކަމަށް ރައީސް ޔާމީން ވިދާޅުވި
ރާއްޖޭގައި ހައްދުފަހަނާ އެޅުމެއް ނެތް ކަމަށްވެސް ރައީސް ޔާމީން ވިދާޅުވި

ސަރުކާރުން ކަންކަން ކުރަނީ ރައްޔިތުންގެ ހައްގުގައިކަން ބޭރުގެ ފަރާތްތަކަށް ހާމަކޮށްދޭން ޖެހޭ ކަމަށް ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން ވިދާޅުވެއްޖެ އެވެ.

ދިވެހި ސަފީރުންގެ މަހާސިއްތާ އިފްތިތާހުކުރުމުގެ ރަސްމިއްޔަތުގައި ވާހަކަ ދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ ދިވެހި ރާއްޖޭގެ އަޑު އެބަ އިވެންޖެހޭ ކަމަށާއި ނަމަވެސް އެއީ ހަމަ ކޮންމެ ފޯރަމެއްގައި އެވާހަކަ ދެއްކުން ނޫން ކަމަށެވެ.

"އަޅުގަނޑުމެން ކަންކަން ނިންމަނީ ކޮންކޮން ކަންތައްތަކަކަށް ރިއާޔަތްކޮށްތޯ، އިންސާނީ ހައްގުތަކުގެ ކޮންކޮން ކަންތައްތަކަކަށް ރިއާޔަތްކޮށްގެންތޯ، އަޅުގަނޑުމެންގެ ޕޮލިސީ ޑިސިޝަން ބޭސް ވެގެންދަނީ، އެކަން އެބަޖެހޭ އެނގެން. އަޅުގަނޑުމެން ކުރާ ކަންތައް މިކުރެވެނީ މުޅި ރައްޔިތުންގެ ހައްގުގައިކަން، އަދި އޭގެ ސަބަބުން އަޅުގަނޑުމެން އެ ހަމްދަރުދީ ހޯދަން އެބަބޭނުންވޭ،" ރައީސް ޔާމީން ވިދާޅުވި އެވެ.

ރައީސް ޔާމީން ވިދާޅުވީ ކުދިކުދި ގައުމުތަކުގެ ސިޔާސަތަށް ފާޑުކިޔުމަކީ ފަސޭހަކަމަކަށްވާ ކަމަށާއި އެހެންނަމަވެސް ކުދިކުދި ގައުމުތަކުގެ އެސިޔާސަތު އޮންނަގޮތުގެ ތާރީހު ވެސް އެބަކިޔާދޭން ޖެހޭ ކަމަށެވެ. އެސިޔާސަތުތައް ބަޔާންކޮށްދެވުމުން ދުނިޔޭގެ އެހެން ތަނެއްގައި ޓެރެރިޒަމްގެ ކުށް ކަމަށް ކަނޑަނާޅައި އޮތް ކަމެއް، ރާއްޖޭގައި ޓެރެރިޒަމްގެ ކުށުގެ ގޮތުގައި ކަނޑައެޅެނީ ކީއްވެގެންތޯ ހާމަވާނެ ކަމަށެވެ.

ނަމަވެސް އޭގެ ތަފްސީލެއް ރައީސް ޔާމީން ހާމައެއް ނުކުރައްވަ އެވެ.

ދިވެހި އެމްބަސަޑަރުންގެ މަހާސިންތާގައި ރައީސް ޔާމީން ވާހަކަފުޅު ދައްކަވަނީ

"އެހެންނަމަވެސް ދިވެހިރާއްޖޭގެ ޓެރެރިޒަމްގެ ގާނޫނާއި މީހުން ހިފާ ހައްޔަރު ކުރުން، އެމީހުންގެ ރުހުމެއްނެތި، އެމީހުންނަށް ވާއެއްނުވާއެއް ނޭނގި، މީގެ ތެރޭގައި އެންމެ މައުސޫމް މަދަރުސާއަށްދާ ތުއްތުކުދިން ހިމެނޭގޮތަށް ހިފާހައްޔަރުކޮށް، އެކުދިންނަށް ޖިންސީ ގޯނާއާއި އަދި އެހެންވެސް ނުރައްކާތެރި ކަންތައްތައް ކުރިމަތިކުރުވާފަ ހުރިކަން އަޅުގަނޑުމެންގެ ދިވެހިރާއްޖޭގެ މީގެ 10 ވަރަކަށް 15 ވަރަކަށް އަހަރުގެ ކުރިއާ ހަމައަށް ޖެހިލާއިރު އަޅުގަނޑުމެންނަށް އެބަފެނޭ. އެހެންވެގެން ދިވެހިރާއްޖޭގައި މީހުންގެ ރުހުމެއްނެތި ހިފާ ހައްޔަރުކުރުން، އެގޮތަށް ކިޑްނެޕްކުރެވިގެން މިދާދިއުން އަޅުގަނޑުމެންގެ ޓެރެރިޒަމްގެ ކުށެއްގެ ގޮތުގައި ހަމަޖައްސަން ޖެހުނީ ކީއްވެގެންކަން އަޅުގަނޑުމެންނަށް އެބަ ކިޔާދެވެންޖެހޭ. ޓެރަރިޒަމަކީ ކޮންމެ ފަހަރަކު ހޮޓަލެއް ގޮއްވާލުމެއް ނޫން. ބޭރުގެ މަދުނަމަވެސް ދައުލަތްތަކުގައި މަގުމަތީގައި އުޅޭ، އެއްވެސް ކަހަލަ ކަމެއް ނުކޮށް މަގުމަތީގައި އުޅޭ މައުސޫމްކުދިން، އެބަ ރޭގަނޑެއް ނިމި، އަލިވެގެންދާއިރު މަރާލެވޭތަން އެބަފެނޭ،"  ރައީސް ޔާމީން ވިދާޅުވި އެވެ.

މީގެ އިތުރުން ރައީސް ޔާމީން ވިދާޅުވީ މިސަރުކާރަކީ މިސަރުކާރަށް އިހުތިރާމް ކުރާ ދައުލަތްތަކާއި ގާތްގުޅުމެއް ބާއްވާ ސަރުކާރެއް ކަމަށެވެ. އަދި މިސަރުކާރުން އެދެނީ ކަންކަން ނިންމުމުގައި އެއްވެސް ގައުމެއް އަނެއް ގައުމުގެ ދާހިލީ ކަންކަމާ ނުބެހުން ކަމަށް ވެސް ރައީސް ޔާމީން ވިދާޅުވި އެވެ.

މީގެ އިތުރުން ރައީސް ޔާމީން ވިދާޅުވީ ރާއްޖެއަކީ މިނިވަން މުސްތަގިއްލު ގައުމެއް ކަމަށާއި ރާއްޖެއަކީ މޮޑަރޭޓް އިސްލާމިކް ގައުމެއް ކަމަށެވެ. އަދި ރާއްޖޭގައި ހައްދު ފަހަނާއެޅުމެއް ނެތް ކަމަށާއި މިސަރުކާރަކީ ގާނޫނުތަކަށް ތަބާވާ ސަރުކާރެއް ކަމަށް ވެސް ރައީސް ޔާމީން ވިދާޅުވި އެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް