މި މަހު 14ގައި ރިލީޒްކުރި "ބޭގަމް ޖާން" އަށް އެފިލްމު ރިލީޒްކުރުމުގެ ކުރިން ވެސް ވަނީ ފާޑުކިޔުން އަމާޒުވެފައެވެ. އެކަމުގެ ނޭދެވޭ އަސަރު އެ ފިލްމު ނެރުމުން ވެސް ވަނީ ކޮށްފައެއެވެ. އެ ފިލްމު ނެރުނުތާ ފަސް ވަރަކަށް ދުވަސް ވެފައިވާއިރު އެފިލްމަށް މާބޮޑު އާމްދަނީއެއް ލިބިފައެއް ނުވެއެވެ.
މި ފިލްމު ނެރުނުތާ ހަތަރު ދުވަހުގެ ތެރޭގައި ލިބިފައިވަނީ 13.35 ކުރޯޑް ރުޕީސްއެވެ. މިއީ މިއަހަރުގެ މިހާތަނަށް ނިކުތް އެހެން "ވުމެން ސެންޓްރިކް" ފިލްމުތަކާ އަޅާބަލާއިރު ދަށް އާމްދަނީއެކެވެ.
މީގެ އިތުރުން މި ފިލްމުގެ ވިޔަފާރި ދަށްވުމުގެ އެންމެ ބޮޑު އެއް ސަބަބެއް ކަމަށް ވަނީ ބޮކްސް އޮފީހުގައި އިންޑިއާގައި ވެސް ބޮޑު ތަރުހީބެއް ލިބިފައިވާ "ފާސްޓް އެންޑް ފިއުރިއަސް"ގެ އަށް ވަނަ ބައި "ފޭޓް އޮފް ދަ ފިއުރިއަސް" އާ ކުރިމަތިލާން ޖެހުމާއި މި ދުވަސްވަރު ކުރިއަށްދާ އައިޕީއެލް ކްރިކެޓް މުބާރާތުގެ ފޯރި ހިފާފައި ވުމެވެ. އެހެން ކަމުން ކްރިކެޓަށް މަރުދޭ އިންޑިއާގެ ގިނަ މީހުން ސިނަމާތަކާ ވަރަށް ބޮޑަށް ވަނީ ދުރަށް ޖެހިފައެވެ.
"ބޭގަމް ޖާން" އަށް ފާޑުކިޔުން އަމާޒުވި ނަމަވެސް ފިލްމުގެ ޓައިޓަލްގެ ރޯލުން ފެނިގެންދިޔަ ބަތަލާ ވިދްޔާ ބާލަން އެ ފިލްމުގައި ކުޅެފައިވާ ރޯލަށް އެންމެން ވެސް ތައުރީފުކުރެއެވެ. ވިދްޔާ ވަނީ އެ ފިލްމުގައި ބެލުންތެރިން ހައިރާންކޮށްލާވަރުގެ އެކްޓިންއެއް ދައްކުވައިދީފައި ކަމަށް ބެލުންތެރިން ގަބޫލުކުރެއެވެ.
ބޮލީވުޑްގައި ތަފާތު ރޯލުތަކުން ފެނިގެން ގޮސްފައިވާ ވިދްޔާގެ މި ފިލްމުގައި ދައްކުވައިދެނީ އިންޑިއާ އާއި ޕާކިސްތާނު ގުޅޭ ސަރަހައްދީ ރޮނގުގައި ހުންނަ ނާސި ގެއެއްގައި ދިރިއުޅޭ އަންހެނުންތަކެއްގެ ވާހަކައެވެ. މި ގެ އެއްފަޅި އިންޑިއާގައި ހުންނަ އިރު އަނެއް ފަޅި ހުންނަނީ ޕާކިސްތާނުގައެވެ.
މިއީ ބެންގާލް ޑްރާމާއެއް ކަމަށްވާ "ރާޖްކަހާނީ" އަސްލަކަށް ބަލައިގެން އުފައްދާފައިވާ ފިލްމެކެވެ. މި ފިލްމްގައި އެ ގޭގައި އުޅޭ 10 އަންހެނުން ފެނިގެންދާނެއެވެ. އެ މީހުންގެ ލީޑަރުގެ ރޯލުން ފެނިގެންދާނީ ވިދްޔާއެވެ.
މިފިލްމުގައި ވިދްޔާގެ އިތުރުން ފެނިގެންދަނީ ގޯހަރް ޚާން އާއި ޕައްލަވީ ޝްރަދާ އާއި އިލާ އަރުން އަދި ނަސްރުއްދީން ޝާހް އާއި ޗަންކީ ޕާންޑޭ އެވެ. މި ފިލްމަކީ ޑައިރެކްޓަރު ސްރިޖިތު މުކަރްޖީ އާއި މުކޭޝް ބަޓް އަދި ޕްލޭ އެންޓަޓެއިންމަންޓުން ޕްރޮޑިއުސްކޮށްފައިވާ ފިލްމެކެވެ.
އިންޑިއާގެ 1،250 ސްކްރީނެއްގައި "ބޭގަމްޖާން" ވަނީ ރިލީޒްކޮށްފައެވެ. ޖުމްލަ 19 ކުރޯޑް ރުޕީސް ހަރަދުކޮށްގެން މި ފިލްމު ހަދާފައިވާއިރު ފިލްމުގެ ރައިޓްސް އާއި މިއުޒިކަލް ރައިޓްސް ވިއްކައިގެން މި ފިލްމަށް ވަނީ އޭގެ ދެބައިކުޅަ އެއްބައި ލިބިފައެވެ. އެހެން ކަމުން އާމްދަނީ ދަށްވި ނަމަވެސް މިހާރު ފިލްމަށް ވަނީ ފައިދާ ވެފައެވެ.