ކ. މާލެ
|
28 ސެޕްޓެންބަރ 2020 | ހޯމަ 12:46
ކުރިން ބޭއްވި އިބްތިދާއީ އަޑުއެހުމަށް ފުލުހުންގެ ބެލުމުގެ ދަށުން އަދުހަމް ކޯޓަށް ހާޒިރު ކުރަނީ (ފައިލް ފޮޓޯ) ()
ކުރިން ބޭއްވި އިބްތިދާއީ އަޑުއެހުމަށް ފުލުހުންގެ ބެލުމުގެ ދަށުން އަދުހަމް ކޯޓަށް ހާޒިރު ކުރަނީ (ފައިލް ފޮޓޯ) ()
ރާއްޖެއެމްވީ
އަދުހަމްގެ ޝަރީއަތް
ގާސިމް މަރާލި މައްސަލަ: އަދުހަމްގެ މިއަދުގެ ޝަރީއަތުގެ އަޑުއެހުން ކެންސަލް ކޮށްފި
މިއަދުގެ ޝަރީއަތުގެ އަޑުއެހުން ކެންސަލް ކުރީ، އަދުހަމްގެ ގާނޫނީ ވަކީލަށް އަޑުއެހުމަށް ހާޒިރުވެވެން ނެތުމުން
އަދުހަމް ކުރިން ކުށަށް އިއުތިރާފްވި ނަމަވެސް އަވަސް ނިޔާގެ ޝަރީއަތުގެ އަޑުއެހުމުގައި ވަނީ އިއުތިރާފް އަނބުރާ ގެންގޮސް، ދައުވާއަށް އިންކާރު ކޮށްފައި
އަދުހަމް ދައުވާއަށް އިންކާރު ކުރުމުން، އަޑުއެހުމެއް ނުބާއްވާތާ 7 މަސް ދުވަސް ވަނީ ފާއިތުވެގެން ގޮސްފައި

ޓެކްސީ ޑްރައިވަރު، 59 އަހަރުގެ ގާސިމް ހަސަން މަރާލި މައްސަލާގައި، ގަސްދުގައި މީހަކު މެރުމުގެ ކުށުގެ ދައުވާ އުފުލާފައިވާ ޅ. ހިންނަވަރު، ބޮޑުހިޔާގެ، އަދުހަމް މުހައްމަދު (21 އ) ގެ ޝަރީއަތުގެ އަޑުއެހުމެއް ކްރިމިނަލް ކޯޓުގައި ހޯމަ ދުވަހަށް ތާވަލް ކުރުމަށްފަހު ކެންސަލް ކޮށްފިއެވެ.

ކްރިމިނަލް ކޯޓުން ބުނީ، ހޯމަ ދުވަހުގެ 10:00 އަށް ބާއްވަން ތާވަލްކުރި އަޑުއެހުން ކެންސަލް ކުރީ، ދިފާއީ ވަކީލަށް (އަދުހަމްގެ ގާނޫނީ ވަކީލް) ޝަރީއަތުގެ އަޑުއެހުމަށް ހާޒިރުވެވެން ނެތުމުން ކަމަށެވެ.

މި މައްސަލައިގެ އަޑުއެހުމެއް ކްރިމިނަލް ކޯޓުގައި ތާވަލް ކޮށްފައި މިވަނީ މިމައްސަލައިގެ އަޑުއެހުމެއް ނުބާއްވާތާ 7 މަސްދުވަސް ފަހުންނެވެ.

އަދުހަމް ދައުވާއަށް އިއުތިރާފް ވެފައިވަނީ މިއަހަރުގެ ފެބްރުއަރީ 12 ވަނަ ދުވަހު ބޭއްވި އިބްތިދާއީ އަޑުއެހުމުގައެވެ.

ގާސިމްގެ މަރުގެ މައްސަލާގައި އަދުހަމުގެ ޝަރީއަތުގެ އަޑުއެހުމެއް އެންމެފަހުން ބާއްވާފައިވަނީ މިއަހަރުގެ ފެބްރުއަރީ މަހުގެ 18 ވަނަ ދުވަހުއެވެ. އެދުވަހު ބޭއްވި ޝަރީއަތުގެ އަޑު އެހުމަކީ، ގާސިމް މަރާލުމާއި ގުޅިގެން، ގަސްތުގައި މީހަކު މެރުމުގެ ދައުވާއަށް އަދުހަމް އިއުތިރާފްވެފައިވާތީ އަވަސް ނިޔާގެ ޝަރީއަތުގެ އަޑުއެހުމެކެވެ. ނަމަވެސް އެ ޝަރީއަތުގެ އަޑުއެހުމުގައި ކުރިން ވެފައިވާ އިއުތިރާފް އަދުހަމް ވަނީ ގެންގޮސް، ދައުވާއަށް އިންކާރު ކޮށްފައެވެ. އެހެންކަމުން އަވަސް ނިޔާގެ ޝަރީއަތުގެ މަރުހަލާ އެވަނީ ނިމިފައެވެ. ދެން ކުރިއަށްދާނީ ޖިނާއީ އެހެން މައްސަލަތައް ވެސް ކުރިއަށްދާގޮތަށް އިބްތިދާއީ އަޑުހެންތަކަށްފަހު، ޝަރީއަތުގެ އަޑު އަޑުއެހުންތަކެވެ.

ގާސިމް މަރާލާފައި މަގުމަތީ އޮތްވާ ފެނިގެން މީހަކު، ފުލުހުންނަށް ރިޕޯޓް ކޮށްފައިވަނީ މިދިއަ އަހަރުގެ ޑިސެންބަރު މަހުގެ ހަތަރު ވަނަ ދުވަހުގެ ރޭ 21:07 ހާއިރުއެވެ.

ފުލުހުން ބުނެފައިވާގޮތުން، އަދުހަމަކީ މަސްތުވާތަކެތީގެ މައްސަލަތަކާއި ވައްކަމާއި، ފޭރުމާއި، މާރާމާރީގެ އިތުރުން ތަފާތު އެކިއެކި މައްސަލަތަކުގެ ރެކޯޑު އޮތް މީހެއް ކަމަށެވެ. އެގޮތުން ގާސިމް މަރާލި ދުވަހު ވެސް އޭނާ މަސްތުވުމަށާއި ޒަރޫރީ އެކިއެކި ބޭނުންތަކަށް ފައިސާ ހޯދުމަށް ފޭރުމަށް މަސައްކަތް ކުރި ކަމަށެވެ. އަދި މާލެއިންނާއި ހުޅުމާއިން ބަޔަކާއެކު މަސްތުވާތަކެތި ބޭނުންކޮށްފައިވާ ކަމަށް ފުލުހުން ބުނެފައިވެއެވެ.

- ކޮމެންޓް