މޯލްޑިވްސް ބޯޑަރ މައިލްސް ކާމިޔާބު ޕްރޮގްރާމަކަށް ހެދުމަށް، ސިނާއަތުގެ އެންމެން ގުޅިގެން މަސައްކަތް ކުރުމަށް މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓޫރިޒަމް އިންޑަސްޓްރީ (މަޓީ) އިން އެދިއްޖެއެވެ.
'މޯލްޑިވްސް ބޯޑަރ މައިލްސް' ޕްރޮގްރާމް އިފްތިތާޙު ކުރުމަށް ބޭއްވި ރަސްމިއްޔާތުގައި އާދިއްތަ ދުވަހުގެރޭ ވާހަކަ ދައްކަވަމުން މަޓީގެ ޑެޕިއުޓީ ސެކެޓްރީ ޖެނެރަލް އަސްއަދު އަލީ ވަނީ މި ޕްރޮގްރާމް އިފްތިތާހު ކޮށްދެއްވީތީ، ޓޫރިޒަމް މިނިސްޓަރަށާއި ސަރުކާރަށް ޝުކުރު އަދާކޮށްފައެވެ.
ރާއްޖެއަކީ ފަތުރުވެރިކަމުގެ ސިނާއަތަށް އަބަދުވެސް ތަފާތު ހިދުމަތްތަކާއި ޕްރޮޑަކްޓްތައް ގެންނަ ގައުމެއް ކަން ފާހަގަކުރައްވާ އަސްއަދު ވިދާޅުވީ ދުނިޔޭގައި ހުރި ފުރަތަމަ ސްޕާ، ފަސްޓް އަންޑަރ ވޯޓަރ ރޫމް، ފަސްޓް އަންޑަރ ވޯޓަރ ރެސްޓޯރެންޓް، މިފަދަ ތަންތަން ތައާރަފު ކުރުމުގެ ފަހުރު ވެސް ލިބިފައިވަނީ ދިވެހިރާއްޖެއަށް ކަމަށެވެ.
އަސްއަދު އިތުރަށް ވިދާޅުވީ 'މޯލްޑިވްސް ބޯޑަރ މައިލްސް' ޕްރޮގްރާމްގެ ސަބަބުން ގިނަ ކަންތައްތަކަށް މަގުފަހިވެގެންދާނެ ކަމަށެވެ.
މޯލްޑިވްސް ބޯޑަރ މައިލްސް ޕްރޮގްރާމަކީ ކުރިއަތް އޮތްތާނގައި ރާއްޖެ އަންނަ ފަތުރުވެރިކަމުގެ އަދަދު އިތުރު ކުރުމަށާއި ރާއްޖެއަށް އަލުން އަނބުރާ ފަތުރުވެރިން އައުމަށް މަގުފަހި ކޮށްދޭނެ ކަމެއް. މި ޕްރޮގްރާމްގެ ދަށުން ވިޒިޓަރ އެކްސްޕީރިއަންސް އިތުރަށް ފުރިހަމަ ކުރުމަށް ރާވާފައިވާ ކަންކަމުގެ ސަބަބުން ރާއްޖެއަށް އަންނަ ފަތުރުވެރިންގެ ފަސްޓް އިމްޕްރެޝަން އިތުރަށް ފުރިހަމަ ވެގެންދާނެ. މި ޕްރޮގްރާމް ކާމިޔާބު ޕްރޮގްރާމަކަށް ހެދުމަށް ސިނާއަތުގެ ހުރިހާ އެންމެންގެ އެއްބާރުން ބޭނުންވާނެ.މަޓީގެ ޑެޕިއުޓީ ސެކެޓްރީ ޖެނެރަލް އަސްއަދު އަލީ
މޯލްޑިވްސް ބޯޑަރ މައިލްސް އަކީ ފަތުރުވެރިކަން ކުރިއެރުވުމަށް މޯލްޑިވްސް އިމިގްރޭޝަނުން އިސްނަގައިގެން ކަމާ ގުޅުން ހުރި އެހެނިހެން އިދާރާތަކާއެކު ކުރިއަށް ގެންދިއުމަށް ނިންމާފައިވާ ޕްރޮގްރާމެކެވެ.
އެގޮތުން، މި ޕްރޮގްރާމް ކުރިއަށް ގެންދިއުމަށް ނިންމާފައިވަނީ މިނިސްޓްރީ އޮފް ޓޫރިޒަމް، މޯލްޑިވްސް މަރކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) އަދި މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) ގުޅިގެންނެވެ.
މި ޕްރޮގްރާމް ފެށުމަށް ހަމަޖެހިފައިވަނީ 01 ޑިސެމްބަރ 2020ން ފެށިގެންނެވެ.
ފަތުރުވެރިންނަށް ހާއްސަކުރެވިގެން ހިންގާ މި ޕްރޮގްރާމަކީ, ފައިދާތައް ތިން ދަރަޖައަކަށް ބަހާލެވިފައިވާ "ލޯޔަލްޓީ" ޕްރޮގްރާމެކެވެ.
އެގޮތުން މި ޕްރޮގްރާމް މައިގަނޑު ގޮތެއްގައި ބިނާވެގެން ވަނީ ފަތުވެރިޔާ ރާއްޖެ ޒިޔާރަތް ކުރާ އަދަދަށާއި އަދި ރާއްޖޭގައި ހޭދަ ކުރާ ދުވަހުގެ އަދަދަށެވެ. އަދި ޙާއްސަ މުނާސަބާތަކާއި ގުޅުވައިގެން ރާއްޖެ ޒިޔާރަތް ކުރާ ފަތުރުވެރިންނަށް އިތުރު ޕޮއިންޓުތަކެއް، މި ޕްރޮގްރާމުގައި ލިބިގެންދާނެއެވެ.