ގެސްޓު ހައުސް ޓޫރިޒަމް އިޝްތިހާރު ކުރަން ހިތްހަމަ ޖެހޭވަރާ ގާތަށް ވެސް މަސައްކަތް ނުކުރެވޭ ކަމަށް ރާއްޖެ އިޝްތިހާރު ކުުރަން އުފައްދާފައިވާ މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަންސް (އެމްއެމްޕީއާރްސީ) ގެ މެނޭޖިން ޑިރެކްޓަރު ތޮއްޔިބު މުހައްމަދު ވިދާޅުވެއްޖެއެވެ.
ހިތްހަމަ ޖެހޭވަރާ ގާތަށް ވެސް ގެސްޓު ހައުސް ޓޫރިޒަމް އިޝްތިހާރު ނުކުރެވޭ ކަމަށް ތޮއްޔިބު ވިދާޅުވީ، 'މޯލްޑިވްސް ބޯޑަރ މައިލްސް' ޕްރޮގްރާމް އިފްތިތާޙު ކުރުމަށާއި ދުނިޔޭގެ ފަތުރުވެރިކަމުގެ ދުވަސް ފާހަގަކުރުމަށް އާދިއްތަ ދުވަހުގެރޭ ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި ވާހަކަ ދައްކަވަމުންނެވެ.
މި އަހަރުގެ ފަތުރުވެރިކަމުގެ ދުވަހުގެ ޝިއާރަކީ ''ޓޫރިޒަމް އެންޑް ރޫރަލް ޑިވޮލޮޕްމެންޓް'' ނުވަތަ ރަށް ފުށު ފަތުރުވެރިކަމުގެ ތަފާތު ބާވަތްތައް ތަރައްގީކޮށް އެކަމުން ނަފާ ހޯދުމުގެ މުހިއްމުކަމެވެ. އެ ނަފާ ހޯދުމަކީ ރާއްޖެ ފަދަ ކުދި ގައުމުތަކުގެ މުސްތަގުބަލް އުޖާލާ ކުރެވޭނެ ގޮތް ކަމަށް ތޮއްޔިބު ވިދާޅުވިއެވެ. އޭނާ ވިދާޅުވީ، ރާއްޖޭގެ ފަތުރުވެރިކަން ކުރިއަރުވަން ކުރާ މަސައްކަތުގައި ގެސްޓު ހައުސް ވިޔަފާރީ ޕްރޮމޯޓް ކުރަން އިތުރަށް މަސައްކަތް ކުރަން ޖެހޭ ކަމަށެވެ.
ހިތް ހަމަޖެހޭ ވަރަށް ގާތަށްވެސް މަސައްކަތެއް އަދިވެސް ނުކުރެވޭ. އެެހެން ނަމަވެސް މި އިންޑަސްޓްރީގައި ހުރި ހުރިހާ ޕްރޮޑަކްޓްތަކެއް ޕްރޮމޯޓް ކުރަމުންދާ ފަދައިން އިތުރަށް (ގެސްޓު ހައުސް ޓޫރިޒަމް) މަސައްކަތް ކުރަން ޖެހޭ ކަމެއްކަންވެސް އަޅުގަނޑު ދެކެންތޮއްޔިބު މުހައްމަދު - އެމްއެމްޕީއާރްސީގެ މެނޭޖިން ޑިރެކްޓަރު
ކޮވިޑް-19 ސަބަބުން ގެސްޓުހައުސްތައް ބަންދުކުރި ގޮތަށް އަދިވެސް ނުހުޅުވައެެވެ. ސަރުކާރުން މަސައްކަތް ކުރަނީ ނޮވެމްބަރު މަހުގައި ގެސްޓުހައުސްތައް ހުޅުވާށެވެ. މި ސިނާއަތުގައި މަސައްކަތް ކުރާ ފަރާތްތަކަށް ވެސް ހީނަރުކަމެއް އައިސް ބައެއް ގެސްޓުހައުސްތައް ވަނީ ބަންދުކޮށްފައެވެ.
އެ ޖަލްސާގައި ތޮއްޔިބު ވަނީ، ޖުލައި މަހުގެ 15 ވަނަ ދުވަހު ރާއްޖޭގެ ބޯޑަރުތައް އަލުން ހުޅުވާލަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ނިންމެވި ނިންމެވުމަށް ތައުރީފް ކުރައްވާފައެވެ. ތޮއްޔިބު ސިފަކުރެއްވި ގޮތުގައި ރައީސްގެ ނިންމެވުމަކީ ''ބޯލްޑް މޫވް'' އެކެވެ.
އޭނާ ވިދާޅުވި ގޮތުގައި، ފަތުރުވެރިކަމުގެ ވާދަވެރި މަންޒިލްތަކަށް ވުރެ ކުރިން ރާއްޖޭގެ ބޯޑަރުތައް ހުޅުވާލުމަކީ އެ ފަރާތްތަކުން ރާއްޖޭގެ މަސައްކަތްތައް ބަލައިގެން, ތަޖުރިބާ އާއި ހުރި ގޮންޖެހުންތައް ދެނެގަންނަމުންދާ ކަމެއް ގޮތުގައެެވެ.
އަދި ކޮވިޑް-19 ގެ ސަބަބުން ރާއްޖެ އިޝްތިހާރު ކުރުމަށް ބަދަލެއްނައިސް އެކަން ވެސް ކުރަމުންދާ ކަމަށް ވިދާޅުވިއެވެ. އޭނާ ވިދާޅުވީ، ފަތުރުވެރިކަމުގެ ސިނާއަތުން ލިބުނު ތަރުހީބު އައު ހިޔާލުތަކާއި އެކީ ކުރިޔަށް ދާނީ އައު އަޒުމާއެކުކަން ފާހަގަ ކުރައްވާފައެވެ.