ކ. މާލެ
|
27 ސެޕްޓެންބަރ 2020 | އާދީއްތަ 16:47
ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު
ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު
މަޖިލިސް
އެލައިޑްގެ މައްޗަށް 22 މިލިއަން ޑޮލަރު ދެއްކުމަށް
ޖާބިރުގެ ޔޮޓް ޓުއަރސް މައްސަލަ: އިސްތިއުނާފު އަޑުއެހުން ކެންސަލް ކޮށްފި
ޔޮޓް ޓުއަރސް ކުންފުނީގެ ފަރާތުން ހޯދުމަށް އެދިފައިވަނީ 22،784،837.59 ޑޮލަރު
މި ފައިސާ ޔޮޓް ޓުއަރސްއަށް ދައްކާ ހަލާސްކުރުމަށް 6 މަސް ދުވަސް ދީފައިވޭ
އެއީ ފަޔަރ އިންޝުއަރެންސް ޕޮލިސީގެ ދަށުން ދެފަރާތުން ވެފައިވާ އެއްބަސްވުމެއް

އެލައިޑް އިންޝުއަރެންސްގެ މައްޗަށް ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރުގެ ޔޮޓް ޓުއަރސްއަށް 22 މިލިއަން ޑޮލަރު ދެއްކުމަށް ކޮށްފައިވާ ހުކުމުގެ އިސްތިއުނާފް އަޑުއެހުމެއް އާދިއްތަ ދުވަހަށް ހައިކޯޓުގައި ތާވަލް ކުރުމަށްފަހު ތާވަލުން ނަގައިފި އެވެ.

މި މައްސަލަ ހައިކޯޓުގައި ތާވަލް ކޮށްފައިވަނީ އާދިއްތަ ދުވަހުގެ 11:30 އަށެވެ. އެ އަޑުއެހުން ތާވަލް ކުރުމަށްފަހު ކެންސަލް ކުރި ސަބަބެއް ހައިކޯޓުން ހާމައެއް ނުކުރެ އެވެ. ނަމަވެސް "ރާއްޖެއެމްވީ"އަށް އެނގިފައިވާ ގޮތުގައި މި އަޑުއެހުން ކެންސަލް ކުރީގައި އިސްތިއުނާފް ކުރި، އެލައިޑް އިންޝުއަރެންސުން އެދިގެން ނެވެ.

މި މައްސަލަަކީ، އިންޝުއަރެންސް ކްލެއިމްގެ ގޮތުގައި ބަދަލު ދޭންޖެހޭ ކަމަށް ނިންމައި، އެލައިޑް އިންޝުއަރެންސް މައްޗަށް، ޔޮޓް ޓުއަރސްއަށް 22 މިލިއަން ޑޮލަރު ދެއްކުމަށް ސިވިލް ކޯޓުން ކޮށްފައިވާ ހުކުމާއި ގުޅިގެން، އެލައިޑް އިންޝުއަރެންސުން ހައިކޯޓުގައި އިސްތިއުނާފް ކޮށްފައިވާ މައްސަލައެކެވެ. މި މައްސަލާގައި އަދި މިހާތަނަށް ހައިކޯޓުންގައި އަޑުއެހުމެއް ބާއްވާފައެއް ނުވެއެވެ.

ސިވިލް ކޯޓުން މިދިއަ ޖުލައި މަހުގެ 19 ވަނަ ދުވަހު ކޮށްފައިވާ ހުކުމުގައި ވަނީ، އެލައިޑް އިންޝުއަރެންސްގެ ފަޔަރ އިންޝުއަރެންސް ޕޮލިސީގެ ދަށުން، ޔޮޓް ޓުއަރސް ކުންފުނީގެ ފަރާތުން ހިންގަމުން ދިޔަ ރިސޯޓެއް ކަމަށްވާ ހއ. އަލިދޫ ރިސޯޓުން ދައްކަން ޖެހޭ ފައިސާ ދައްކާފައިވަނިކޮށް، 30 އޯގަސްޓް 2014 އިން 15 ސެޕްޓެމްބަރު 2014 އާ ދެމެދު މޫސުން ވަރަށް ބޮޑަށް ގޯސްވެ، ރާޅުބޮޑުވެ، ކުރިމަތިވި ޤުދުރަތީ ޙާދިސާއެއްގައި އެ ރިސޯޓުގެ މޫދު ރޫމްތަކަށް ބޮޑެތި ގެއްލުންތަކެއް ލިބި އެތަންތަން ބޭނުން ނުކުރެވޭވަރަށް ހަލާކުވެފައިވާ ކަމަށެވެ.

އެ ހާދިސާގައި އަލިދޫ ރިސޯޓަށް ލިބިފައިވާ ގެއްލުންތަކަކީ ދެފަރާތުގެ ދެމެދުގައި ސޮއިކުރެވިފައިވާ ފަޔަރ އިންޝުއަރެންސް ޕޮލިސީގެ ދަށުން ރައްކާތެރިކަން ލިބެންޖެހޭ ނުރައްކަލަކުން ވެފައިވާ، ގެއްލުންތަކެއް ކަމަށެވެ. އަދި އެ ގެއްލުންތަކަކީ އެލައިޑް އިންޝުއަރެންސް ކުންފުނީގެ ފަރާތުން އަލިދޫ ރިސޯޓަށް ދޫކޮށްފައިވާ ފަޔަރ އިންޝުއަރެންސް ޕޮލިސީގެ ދަށުން ޔޮޓް ޓުއަރސްއަށް އިންޝުއަރެންސް ކްލެއިމްގެ ގޮތުގައި ބަދަލު ދޭންޖެހޭ ގެއްލުންތަކެއްކަން ހުށަހެޅިފައިވާ ލިޔެކިޔުންތަކުން ޝަރީއަތަކަށް ސާބިތުވާ ކަމަށެވެ.

އެެހެންކަމުން، އެ ޙާދިސާއާ ގުޅިގެން، އަލިދޫ ރިސޯޓަށް ލިބިފައިވާ ގެއްލުމުގެ ބަދަލުގެ ގޮތުގައި، ޔޮޓް ޓުއަރސް ކުންފުނީގެ ފަރާތުން ހޯދުމަށް އެދިފައިވާ 22،784،837.59 ޑޮލަރަކީ އެ ދެފަރާތުގެ ދެމެދު އެކުލަވާލެވުނު އަލިދޫ ރިސޯޓްގެ ފަޔަރ އިންޝުއަރެންސް ޕޮލިސީގައި ބަޔާން ކޮށްފައިވާ ގޮތުގެ މަތީން، އަލިދޫ ރިސޯޓަށް ލިބިފައިވާ ގެއްލުުގެ ބަދަލުގެ ގޮތުގައި އެލައިޑް އިންޝުއަރެންސް ކޮމްޕެނީ އޮފް ދަ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން ޔޮޓް ޓުއަރސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑަށް ދޭންޖެހޭ ފައިސާއެއްކަން މަދަނީ މިންގަނޑުން ޝަރީއަތަށް ސާބިތުވާ ކަމަށެވެ.

ސިވިލް ކޯޓުން ކޮށްފައިވާ އެ ހުކުމުގައި ބުނެފައިވަނީ، އެ ފައިސާ ޔޮޓް ޓުއަރސްއަށް ލިބިދިނުމުގެ ގޮތުން، 19 ޖުލައި 2020 ވަނަ ދުވަހުން ފެށިގެން މަދުވެގެން، އެ މަހަކަށް ޖެހޭވަރު، ސިވިލް ކޯޓަށް ފައިސާ ދައްކަމުން ގޮސް، 6 މަސް ދުވަހުގެ ތެރޭގައި. 22،784،837.59 ޑޮލަރު ދައްކާ ހަލާސްކުރުމަށް އެލައިޑް އިންޝުއަރެންސް ކުންފުނީގެ މައްޗަށް އަންގާ ކަމަށެވެ.

- ކޮމެންޓް