''މިއީ އެހާ އުފާވެރި ދުވަހެއް ނޫން'' މިއީ 1980 ވަނަ އަހަރުން ފެށިގެން ކޮންމެ އަހަރެއްގެ ސެޕްޓެމްބަރު މަހުގެ 27 ވަނަ ދުވަހު ދުނިޔޭގައި ''ވޯލްޑް ޓޫރިޒަމް ޑޭ'' ގޮތުގައި ފާހަގަކުރަމުންދާ ދުވަހާއި ގުޅޭ ގޮތުން، ރާއްޖެ ދުނިޔެއަށް އިޝްތިހާރު ކުރުމުގެ ހުންގާނުގައި ހުންނެވި އެމްއެމްޕީއާރްސީގެ މެނޭޖިން ޑިރެކްޓަރު ތޮއްޔިބު މުހައްމަދުގެ ޝުޢޫރެވެ.
ގޮތް ނޭނގޭ ވައިރަހަކުން އެހެން ސިނާއަތްތަކަށް ލޮޅުން އެރި ގޮތަށް އޭގެ އަސަރު މުޅި ދުނިޔޭގެ ފަތުރުވެރިކަމަށް މި ވަނީ ކޮށްފައެވެ. މި ލޮޅުންތަކާއި އެކު އިގްތިސާދަށް މިއިން ދުވަހަކު ނުކުރާ ވަރަށް، ބިލިއަނުން ދަނީ ގެއްލުން ވަމުންނެވެ. ރާއްޖޭގެ ބޯޑަރުތައް ހުޅުވާލާ ފަތުރުވެރިން އަންނަމުން ދިޔަ ނަމަވެސް އަދިވެސް ''ހިިތްހަމަ ޖެހޭ'' ވަރެއް ނުވެއެވެ. ބޯޑަރު ހުޅުވާލި ފަހުން 16،000 ހާހެއްހާ ފަތުރުވެރިން ވަނީ ރާއްޖެ ޒިޔާރަތް ކޮށްފައެވެ. މި އަދަދުތައް އިތުރުކޮށް ރާއްޖެ އިޝްތިހާރުކުރުމުގައި ތޮއްޔިބު ހުންނެވީ ދޫ ދެއްވާ ގޮތަކަށް ނޫނެވެ.
''ހާލަތު ދަށްވެގެން ތިބެވޭކަށް ނެތޭ. އުފާވެރިކަމަށް ދެވޭތޯ މަސައްކަތް ކުރަނީ''ތޮއްޔިބު ވިދާޅުވިއެވެ. ކޮވިޑާ ހެދި ގައުމުތަކަށް ދަތުރު ނުކުރެވެމުން އެމްއެމްޕީއާރްސީން ރާއްޖެ ''ގަންނާނެ'' ބަޔަކު ހޯދަން ދިޔައީ އޮންލައިނަށެވެ. ތޮއްޔިބު ސިފަކުރައްވާ ގޮތުގައި އެކަމުގެ ނަތީއްޖާ ވަރަށްވެސް ކާމިޔާބެވެ. އޭގެ ހެއްކެއްގެ ގޮތުގައި ތޮއްޔިބު ވިދާޅުވީ، ވާދަވެރި މަންޒިލްތަކާއި އަޅައިބަލާއިރު ރާއްޖެ ހުޅުވިފައި އޮތުމެވެ. ''ރާއްޖޭގެ ބޯޑަރުތައް ހުޅުވާލީ، ހުޅުވާ ތަނުން ފަތުރުވެރިން ފުރާލާކަށް ނޫން''ޖުލައި މަހުގެ 15 ވަނަ ދުވަހު ކޮވިޑާ ހެދި ބަންދުކުރި ރާއްޖޭގެ ބޯޑަރުތައް ހުޅުވުމާއި ބެހޭ ގޮތުން އޭނާ ވިދާޅުވިއެވެ.
އެ ނިންމި ނިންމުމާއި އެކު މަދު މަދުން ރާއްޖެއަށް ފަތުރުވެރިން އަންނަމުން ދެއެވެ. ފަތުރުވެރިން އެންމެ ގިނައިން އަންނަނީ ޔޫއޭއީ، ރަޝިޔާގެ އިތުރުން އިންޑިޔާއިންނެވެ. އެހެނިހެން ސަރަހައްދުތަކުން ފަތުުރުވެރިންނަށް ރާއްޖެ ނާދެވިގެން އުޅެނީ ދަތުރުކުރުމަށް އަޅާފައިވާ ފިޔަވަޅުތަކުގެ ސަބަބަކަށް ވާއިރު އެ ހަތަރު ގައުމުން އެކަނި ރާއްޖެއަށް މީހުން އައުމުންވެސް އަަންގައިދެނީ މިހާލަތުގައި ވެސް ބައިނަލްއަގްވާމީ ނަޒަރުގައި ރާއްޖެ އަކީ ރައްކާތެރި ތަނެއްގެ ގޮތުގައި ބަލައިގަތުން ކަމަށް ތޮއްޔިބު ސިފަކުރެއްވިއެވެ.
ފަތުރުވެރިކަމުގެ ސިނާއަތުގައި މަސައްކަތްކުރާ ގިނަ ފަރާތްތަކުން ގަބޫލުކުރާ ގޮތުގައި ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ އަދަދު އިތުރުވާނެކަމަށް ލަފާކުރެވެނީ މި އަހަރު ފަހުކޮޅެވެ. ކޮވިޑް-19ގެ ސަބަބުން ގައުމުތައް ލޮކްޑައުން ކުރެވުނުއިރުވެސް ފަތުރުވެރިން ދިޔައީ ތޮއްޔިބު ވިދާޅުވާ ގޮތުގައި ރާއްޖޭގެ ''ހުވަފެން ދެކެމުންނެވެ''. އެ ހުވަފެން ހަގީގަތަކަށް ހެދުމަށްޓަކައި، ޖުލައި މަހުން ފެށިގެން އެމްއެމްޕީއާރްސީން ރާއްޖެ އިޝްތިހާރު ކުރަމުންދަނީ ގުދުރަތީ ގޮތުން ރާއްޖެ އަކީ އެންމެ ރައްކާތެރި ތަނުގެ ގޮތުގައި ބުނެދިނުމަށެވެ.
މިއަށްވުރެ ސޭފް ޑެސްޓިނޭޝަނަކީ ކޮބާހޭ. އެ މައުލޫމާތު އަބަދުވެސް ދެމުން މިދަނީ. ޝޯޝަލް މީޑިއާގައި ވިޔަސް އިންޓަނެޓްގައިވިޔަސްތޮއްޔިބު މުހައްމަދު - އެމްއެމްޕީއާރްސީގެ މެނޭޖިން ޑިރެކްޓާ![]()

މި އަހަރުގެ ފުރަތަމަ ކުއާޓާއަށް އެކަނި ބަލާލިޔަސް އެމްއެމްޕީއާރްސީން ވަނީ ރާއްޖެ ޕްރޮމޯޓް ކުރަން 72 ހަރަކާތެއް ހިންގާފައެވެ. ސޯޝަލް މިޑިއާ މެދުވެރިކޮށް ހިންގި ކެމްޕޭނު އިތުރުން ހަތަރު ވައްތަރެއްގެ ކެމްޕޭނެއް އެމްއެމްޕީއާރްސީން ވަނީ ކޮށްފައެވެ. އޭގެ ތެރޭގައި ގިނަ ބައެއްގެ ލޯބި ރާއްޖެއަށް އިތުރުވި ''ވިޒިޓް މޯލްޑިވްސް'' އަދި ''ސީޔޫ ސޫން'' ފަދަ ކެމްޕޭނުތައް ހިމެނެއެވެ.
ބޮޑަށް އަޅުގަނޑުމެން މި ބަލަނީ ރާއްޖެއިން ލިބެން ހުރި އެކްސްޕީރިއަންސް ތައް އެކަން ކަން ބުނެވޭތޯ. އެކަމަށް އަމާޒުކޮށް ހަތަރު ސީރީސްގެ ވެބިނާއެއް ގެންދިޔައިން. ވަރަށް ކާމިޔާބު. އޭގެ ތެރޭގައި ރިސޯޓުގެ އެންމެ މުހިއްމު އެކްސްޕީރިއަންސްތައް ހިއްސާކުރެވުނުތޮއްޔިބު މުހައްމަދު - އެމްއެމްޕީއާރްސީގެ މެނޭޖިން ޑިރެކްޓާ![]()
އެ ކެމްޕޭނުތަކުން ރަށްރަށުގެ ރީތިކަމާއި ކަނޑުއަޑީގެ ރީތިކަމުގެ އިތުރަށް ރާއްޖެއާ ބެހޭ އައު މައުލޫމާތުތައް ފަތުރުވެރިންނާ ހަމަޔަށް ފޯރުކޮށް ދިނުމުގެ މަސައްކަތްތައް ކުރެވޭ ކަމަށް ތޮއްޔިބު ވިދާޅުވިއެވެ. އެކަމަކު އިތުރަށް އަދިވެސް މަސައްކަތްކޮށް ފުޅާކުރަން ޖެހޭ ދާއިރާއެއް އެބައޮތެވެ. އެއީ ގެސްޓު ހައުސް ޓޫރިޒަމް އެވެ. ތޮއްޔިބު ވިދާޅުވީ، ގެސްޓު ހައުސް ޓޫރިޒަމް ޕްރޮމޯޝަން އިތުރުކުރުމަށް އިސްކަމެއް ދެއްވާމުންދާ ކަމަށެވެ.
ވަރަށް ބޮޑަށް ޕުޝްކުރާ ކަމެއް ގެސްޓުހައުސްގެ ފަތުރުވެރިކަން ޕްރޮމޯޓްކުރަން ވަރަށް ގިނަ މަސައްކަތް ކުރެވޭ އެހެން ނަމަވެސް އަދިވެސް ކުރަން އެބައޮތް ބައިވަރު މަސައްކަތްތޮއްޔިބު މުހައްމަދު - އެމްއެމްޕީއާރްސީގެ މެނޭޖިން ޑިރެކްޓާ![]()
އެ ހުރިހާ މަސައްކަތެއްވެސް ކުރެވޭނީ ތޮއްޔިބު ދެކޭ ގޮތުގައި ދިމާވާ ގޮންޖެހުންތަކާއި ދަތިތަކާއި ކުރިމަތިލައިގެންނެވެ. ރާއްޖޭގެ މަގްބޫލުކަން އަދިވެސް ހަމައޮތީ ކުރިން އޮތް ގޮތަށެވެ. މިހާރު މަގުބޫލުކަން ދިޔައީ މާ ބޮޑަށްވެސް އިތުރުވެގެންނެވެ. ތޮއްޔިބުގެ އަންދާޒާތައް ދައްކާ ގޮތުން ފަތުރުވެރިންނަށް އެންމެ ބޮޑަށް ޑިމާންޑް އޮތީ އަންނަ އަހަރުގެ ފުރަތަމަ ކުއާޓާއިން ފެށިގެންނެވެ.
އެ ދުވަހާ ހަމަޔަށްވެސް ގޮންޖެހުންތަކާއި އެކު އެންމެން އެކަތިގަނޑަކަށްވެގެން މަސައްކަތް ކޮށްގެން ނޫނީ ކަމިޔާބީއާ ހަމަޔަށް ވާސިލްވެވެކަށް ނެވެ. މިއަދު ޓޫރިޒަމް ދުވަސް ފާހަގަކުރަމުންދާއިރު ''ހެވިލާފައި'' ތިބެވޭކަށް ނެތެވެ. އަބަދަކު ގައުމެއް ބަންދުކޮށްގެން ތިބެވޭކަށްވެސް ނެތެވެ. ނިންމާލަމުން ތޮއްޔިބުވެސް ވިދާޅުވި ފަދައިން ''ފެންނަނީ ރަނގަޅު މަލަމައްޗެއް''، ނަމަވެސް އެ މަލަމަތި ރަނގަޅު ކުރެވޭނީ ސިނާއަތުގެ ހުރިހާ އެންމެންގެ އެހީތެރިކަމާއި އެއްބާރުލުމާއި އެކުއެވެ.