ކޮވިޑް-19 ޖެހިގެން ރާއްޖޭގައި މިހާރު އައިސީޔޫގައި ފަރުވާދެމުން އަންނަނީ 3 މީހަކަށް ކަމަށާއި އޭގެތެރެއިން 2 މީހަކު އޮތީ ވެންޓިލޭޓަރުގައި ކަމަށް ހެލްތް އިމަރޖެންސީ އޮޕަރޭޝަންސް ސެންޓަރު (އެޗްއީއޯސީ)ން ބުނެފި އެވެ.
އެސެންޓަރުން ހޮނިހިރު ދުުވަހުގެ ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ސެންޓަރުގެ ތަރުޖަމާން ޑރ ނަޒްލާ ރަފީގު ވިދާޅުވީ ދަރުމަވަންތަ ހޮސްޕިޓަލްގެ 11 ވަނަ ފަންގިފިލާފައި 2 މީހަކަށް އައިސީޔޫގައި ފަރުވާ ދެމުން އަންނަކަމަށާއި އޭގެތެރެއިން އެކަކު އޮތީ ވެންޓިލޭޓަރުގައި ކަމަށެވެ. އަދި ހުޅުމާލެ މެޑިކަލް ފެސިލިޓީގެ އައިސީޔޫގައި އެކަކަށް ފަރުވާ ދެމުން އަންނައިރު އެމީހާ އޮތީ ވެންޓިލޭޓަރުގައި ކަމަށް ޑރ ނަޒްލާ ވިދާޅުވި އެވެ.
މިވަގުތު ކޮވިޑް-19 އަށް ޕޮޒިޓިވް 84 މީހަކަށް އެޑްމިޓްކޮށްގެން ފަރުވާ ދެމުން އަންނައިރު 81 މީހުންނަށް ފަރުވާ ދެމުން އަންނަނީ ވޯރޑްގައި ކަމަށް ޑރ ނަޒްލާ ވިދާޅުވިއެވެ. މީގެތެރެއިން 78 މީހުންނަށް ފަރުވާ ދެމުން އަންނަނީ ހުޅުމާލެ މެޑިކަލް ފެސިލިޓީގެ ވޯރޑްގަ އެވެ. އަދި ގއ ވިލިގިނލި ކޮވިޑް ފެސިލިޓީގެ ވޯރޑްގައި 3 މީހަކަށް ފަރުވާ ދެމުން އަންނަ ކަމަށް ޑރ ނަޒްލާ ވިދާޅުވި އެވެ.
ރާއްޖޭގައި މިހާތަނަށް އައިއިރު 10045 މީހަކު ވަނީ ކޮވިޑް-19 އަށް ޕޮޒިޓިވްވެފައެވެ. މިވަގުތު 41 ރަށެއްގައި 21 އެކްޓިވްކޭސް އެއް އުޅޭކަމަށް ޑރ ނަޒްލާ ވިދާޅުވި އެވެ.