ގުޅިފައިވާ އިދިކޮޅު ޕާޓީތަކުން އެމްޑީޕީ އޮފީސް ކުރިމަތީގައި ކުރިއަށް ގެންދިޔަ ކަންމަތީ ބައްދަލުވުން އެއްވެސް އިންޒާރެއް ދިނުމެއްނެތި ފުލުހުން ގަދަކަމުން ރޫޅާލައިފިއެވެ.
އަންގާރަ ދުވަހުގެ ރޭ އެމްޑީޕީ އޮފީސް ދޮރުމަތީގައި މި ހަރަކާތް ކުރިއަށް ދިޔައީ ސޯސަންމަގު ދެފަރާތު ދުވާރު މަތީގައި ޢާއްމުން ތިބެ ހަރަކާތް ކުރިއަށް ގެންދާ ގޮތަށެވެ. ދުއްވާއެއްޗިއްސަށާއި ހިނގާ މީހުންނަށް އެއްވެސް ދަތިކަމެއް ނެތި މަގު ބޭނުން ކުރެވޭގޮތަށް ހުޅުވާލައިގެން އެއްވުން ކުރިއަށް ގެންދިޔައިރު ދެފުލަހަކު އެސަރަހައްދުަގއި ހަރަކާތެރިވަމުން ދިޔައެވެ.
އެއްވުން ފެށި 3 ބޭފުޅަކު ވާހަކަ ދެއްކެވިފަހުން އެސްއޯފުލުހުންގެ ގިނަ އަދަދެއްގެ ބަޔަކު އެސަރައްހައްދަށް ގޮސް އެއްވެސް އިންޒާރެއް ދިނުމެއްނެތި، ވާހަކަ ދައްކަވަމުން ގެންދެވި އެމްޑީޕީގެ ޗެއަރޕާސަން ހަސަން ލަތީފް ހައްޔަރުކޮށްގެން ގެންދިޔައެވެ.ނަމަވެސް ކުޑައިރުކޮޅެއްގެ ތެރޭގައި ހަސަން ލަތީފް ދޫކޮށްލާފައިވާއިރު ފުލުހުން ބުނެފައިވަނީ ހަސަން ލަތީފް ހައްޔަރު ކޮށްފައި ނުވާ ކަމަށެވެ.
ހަސަން ލަތީފް ގެންދިއުމާއެކު މަގުގެ ދެފަރާތުގައި ތިބި ޢާއްމުން މަގުމެދަށް ނުކުތުމާއެކު ހަލަބޮލިވެގެން ދިޔައެވެ. ނަމަވެސް ފުލުހުން ވަނީ އެއްވެފައިވާ މީހުން ފަހަތަށް ޖައްސާ އެސަރަހައްދުން މާ ދުރަށް ފޮނުވާލާފައެވެ. އެކަން ކުރުމުގެ ތެރޭގައި ފުލުހުން ޕެޕަރސްޕްރޭ ޖެހުމުގެ ސަބަބުން 11 މީހަކަށް އޭޑީކޭ ހޮސްޕިޓަލުން ފަރުވާ ހޯދަން ޖެހިފައިވެއެވެ.
މިހަރަކާތުގައި ބައިވެރިވި މީހުްނ ފަހަތަށް ޖެއްސިއިރު އެހަރަކާތް ކަވަރ ކުރުމުގައި އެސަރަހައްދުގައި ހަރަކާތްތެރިި ނޫސްވެރިންވެސް އިސްތިސްނާ ކޮށްފައެއް ނުވެއެވެ. އެގޮތުން ނޫސްވެރިންވެސް އާއްމުންނެކޭ އެއްހިސާބަކަށް ދުރަށް ޖައްސާފައެވެ.
ކުރިން އެންގުމަކާ ނުލައި އެއްވެ އުޅެވޭނެ ކަމަށް ޤާނޫން އަސާސީގައި ބުނެފައިވާއިރު އެފަދަ ހަރަކާތެއް ހުއްޓުވީ ކީއްވެތޯ އެސަރަހައްދަށް އެއްވެތިބި ޢާއްމުންނާއި ޕާޓީތަކުގެ އިސްބޭފުޅުން ފުލުހުންނާ ސުވާލު ކުރަމުން ގެންދިޔަނަމަވެސް ފުލުހުން އެސުވާލު ތަކަށް ޖަވާބު ދީފައެއް ނުވެއެވެ. އަދި ނޫސްވެރިން އެސަރަހައްދުން ފަހަތަށް ޖައްސާ އެމީހުންގެ މަސައްކަތަށް ހުރަސްއަޅަނީ ކީއްވެތޯ ތަކުރާރުކޮށް ސުވާލު ކުރުމުންވެސް ފުލުހުން ޖަވާބު ދީފައެއް ނުވެއެވެ.
އެމްޑީޕީ އޮފީސް ކުރިމަތީގައި ގުޅިފައިވާ ޕާޓީތަކުން ހިންގި ހަރަކާތް އިންޒާރެއް ނުދީ ހުއްޓުވިއިރު މާވެޔޮ މަގު ބަންދުކޮށްގެން ޕީޕީއެމްގެ ރައީސް ޔާމީން ފެކްޝަނުން ސިޔާސީީ ހަރަކާތެއް ކުރިއަށް ގެންދިޔަ އެވެ.
ގުޅިފައިވާ ޕާޓީތަކުން ކުރިއަށް ގެންދިޔަ ކަންމަތީ ބައްދަލުވުން އެއްވެސް އިންޒާރެއް ދިނުމެއްނެތި ހުއްޓުވި ހުއްޓުވުން ގުޅިފައިވާ ޕާޓީތަކުން ވަނީ ކުށްވެރިކޮށްފައެވެ. އެޕާޓީތަކުގެ ފަރާތުން ރާއްޖެ އެމްވީއާ ވާހަކަ ދެއްކެވި އެމްޑީޕީގެ ޗެއަރޕާސަން ހަސަން ލަތީފް ވިދާޅުވީ އެއީ ވަރަށް ސުލަހަވެރި ކަމާއެކު ބޭއްވި ހަރަކާތެއް ކަމަށާއި ނަމަވެސް އެއީ ޤާނޫނީ އިމުގެ ބޭރުން ފުލުހުން އެއްވުން ރޫޅާލުމަކީ ކޮށްގެން ވާނެ ކަމެއް ނޫން ކަމަށެވެ.
ހަސަން ލަތީފް ވިދާޅުވީ ސަރުކާރުން އެއްވެސް ވަރަކަށް އިދިކޮޅު ފަރާތްތަކުން ސިޔާސީ ހަރަކާތް ހިންގުމަށް ޖާގަދޭން ބޭނުން ނުވާ ކަމަށާއި މިއީ ވަރަށް ބޮޑު މައްސަލައެއް ކަމަށެވެ.