އިންޑިއާގެ ކޮޗިންއިން ކުޅުދުއްފުށްޓާއި ދެމެދު ކާގޯ ފެރީގެ ދަތުރުތައް ފެށިގެން ދިޔުމަކީ މުޅި ބޮޑުތިލަދުންމަތީގެ ތަރައްގީގެ ބިންގާ ކަމަށް މިނިސްޓަރ އޮފް ފޮރިން އެފެއަރޒް އަބްދުﷲ ޝާހިދު ވިދާޅުވެއްްޖެއެވެ.
ކޮޗިން ކާގޯ ފެރީ ފެށުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ޝާހިދު ވިދާޅުވީ މިއީ މާލެއަށް ބަރޯސާވެ ތަރައްޤީގެ ކަންތައްތައް ކުރަމުން އައި އައުން ނިމުމަކަށް އައުމުގެ ފެށުން ކަމަށެވެ. އަދި ރާއްޖޭގެ އުތުރުގެ ބަނދަރަކަށް ސީދާ ބޭރުން މުދާ ގެނެސް އެ މުދާ ރާއްޖޭގެ އުތުރުގެ ސަރަހައްދަށް ފެތުރިގެންދާނެ ގޮތް ފަހިކޮށްދެވިގެން ދިއުން ކަމަށެވެ.
ހުޅުވާލެވޭ ކޮންމެ ދޮރަކީ އިޤްތިސާދަށް އަންނަ ދިރުމެއް.އެއްތަނެއްގައި ހުންނަ މުދާ އަނެއް ތަނަކަށް ގެނައުމަށް މަގުފަހިކޮށްދިނުން މިއީ ހަޤީޤީ ދިރުން އައުމަކީ... މިއީ އަޅުގަނޑުމެން އެކަމަކާއި މެދު ފަޚުރުވެރިވާން ޖެހޭނެކަމެއް. މީގެ ނަތީޖާ ރާއްޖޭގެ ރައްޔިތުނަށް ކުރިއަށް އަހަރުތަކުގައި އެތައް ގޮތަކުން ފެނިގެންދާނެ.މިނިސްޓަރ އޮފް ފޮރިން އެފެއަރޒް އަބްދުﷲ ޝާހިދު
ރާއްޖޭގެ އުތުރުގެ ތަރައްޤީއަށް ރައީސް އިބްރާހިމް މުހައްމަދު ސާލިޙުގެ ސަރުކާރުން ގެންގުޅުއްވަނީ ވަރަށް ބޮޑެތި އުފާވެރި މަންޒަރުތަކެއް ކަމަށާއި، އުތުރުގައި ތަރައްޤީ ކުރަމުންދާ ހަނިމާދޫ އެއަރޕޯޓާއި ހޯރަފުށީ އެއަރޕޯޓްގެ މަސައްކަތް މިނިސްޓަރ ވަނީ ފާހަގަކުރައްވާފައެވެ.
މިނިސްޓަރ ވިދާޅުވީ ރަންވޭއެއްގެ ކޮޅުގައި ބައިނަލްއަޤްވާމީއޭ ޖަހާލުމަކުން މި ސަރުކާރަށް ނުފުދޭ ކަމަށާއި، ސަރުކާރުން ބޭނުންވަނީ ބައިނަލްއަޤްވާމީ އެއަރޕޯޓެއްގެ ގޮތުގައި ހަނިމާދޫ އެއަރޕޯޓް ތަރައްޤީކޮށް އެ އެއަރޕޯޓަށް ބޭރުގެ މަތިންދާބޯޓްތައް ޖައްސާ މުޅި ބޮޑުތިލަދުންމަތި ފަތުރުވެރިކަމުގެ މުއްސަނދިކަމުން ފުރާލަދިނުން ކަމަށެވެ.
މިނިސްޓަރ އިތުރަށް ވިދާޅުވީ މި ސަރުކާރުން ކުރަމުންގެންދާ ކޮންމެ މަސައްކަތެއްގައި އެނމަސައްކަތެއް ފަށަން އުޅޭއިރު ފިތުނައިގެ ކޮންމެވެސް ވަރެއްގެ ވާހަކަކޮޅެއް ފެތުރެމުންދާނެ ކަމަށާއި، އެކަމަށް ސަމާލުކަން ނުދިނުމަށް އެދިވަޑައިގެންނެވިއެވެ. އަދި ސަރުކާރުގެ ވިސްނުމަކީ ރައްޔިތުންނަށް ފައިދާވާ ކަންކަން ކޮށްދިނުން ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.