ކޮޗިން ފެރީން މުދާ ބޭލުމުގެ ކަންތައްތައް ކުރިއަށް ދާނީ ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އާއި ޕޯޓު ހެލްތްގެ ލަފާގެ މަތިން ކަމަށް ހދ. ކުޅުދުއްފުށި ޕޯޓުގެ ޗީފް މެނޭޖަރ މުހައްމަދު އަހްމަދު ވިދާޅުވެއްޖެއެވެ.
ކޮޗިން ފެރީ ހާއްސަ ކަވަރޭޖަށް ހޮނިހިރު ދުވަހުގެ ހެނދުނު ރާއްޖެއެމްވީއަށް ދެއްވި ފޯން އިންޓަވިއުއެއްގައި މުހައްމަދު އަހްމަދު ވިދާޅުވީ މުދާ ބޭލުމުގެ ކަންތައްތަކުގައި އެމްޕީއެލްގެ 50 މުވައްޒަފުން ހަރަކާތްތެރިވާނެ ކަމަށެވެ. އަދި މުދާ މެނޭޖް ކުރުމުގައި އާންމު އުސޫލުން މުދާ ކްލިއަރ ކުރުމުގެ ކަންތައްތައް ކުރިއަށްދާނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
ކާގޯ ފެރީ ކުޅުދުއްފުއްޓަށް ބަނދަރު ކުރަންވާއިރަށް ފުރިހަމަ ތައްޔާރުވެފައިވާކަން ފާހަގަކުރައްވާ މުހައްމަދު އަހްމަދު ވިދާޅުވީ މުދާތައް ދޫކުރުމަށް ބެގެޖް ރޫމެއް ތައްޔާރު ކޮށްފައިވާ ކަމަށެވެ.
ކާގޯ ފެރީ ފުރަތަމަ ދަތުރުގައި ކުޅުދުއްފުއްޓަށް 500 ޓަނުގެ ސިމެންތި އާއި، ކާބޯތަކެއްޗާއި އާއްމުކޮށް ބޭނުން ކުރާ ބާވަތްތަކުގެ މުދަލުގެ އިތުރުން އަންނައުނު ގެނައުމަށް ވަނީ ހަމަޖެހިފައެވެ. މި ކާގޯ ފެރީ އިން 3000 މެޓްރިކް ޓަނުގެ މުދާ އުފުލޭނެއެވެ.
ރާއްޖެއާއި އިންޑިއާއާއި ދެމެދު ކާގޯ ފެރީގެ ހިދުމަތް ރަސްމީކޮށް ފަށާފައިވަނީ ހޯމަ ދުވަހު އެވެ. ސޫތުކުޅިންނާއި ކޮޗިން އިން މުދާ ހިފައިގެން ރާއްޖެ އަންނަ މި ކާގޯ ފެރީން ކުޅުދުއްފުއްޓަށް މުދާ ބޭލުމަށްފަހު މާލެއަށް ވެސް ބަނދަރު ކުރާ ގޮތަށް ވަނީ ހަމަޖެހިފައެވެ.
މި ޚިދުމަތް ފެށުމާއެކު ރާއްޖެ އާއި ކޮޗިންއާ ދެމެދު މަހަކު 2-3 ދަތުރު ކުރާނެ ކަމަށް ޓްރާންސްޕޯޓް މިނިސްޓްރީން ވަނީ ބުނެފައެވެ. މި ދަތުރުތައް ކުރާނީ ކޮޗިން އިން ކުޅުދުއްފުށީގެ ޕޯޓަށާއި މާލޭގެ ޕޯޓަށެވެ. އެއާއެކު ރާއްޖޭގެ ވިޔަފާރިތައް އިތުރަށް ފުޅާވެ، އަތޮޅު ތެރޭގައި ވެސް ވިޔަފާރީގެ އިތުރު ފުރުސަތުތައް ފަހި ކުރުމަށް މިވަނީ މަގު ފަހިވެގެން ގޮސްފައެވެ.