ހދ ކުޅުދުއްފުއްޓާއި މާލެ އާ ދޭތެރޭ ދަތު ކުރާ ބޯޓެއްގެ ކެޕްޓަން ކޮވިޑް-19 އަށް ޕޮޒިޓިވްވުމާއި ގުޅިގެން ކުޅުދުއްފުއްޓާއި ނޮޅިވަރަމް މޮނިޓަރިންގ ގެ ހާލަތަށް ގެނެސްފިއެވެ.
ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނީ ކުޅުދުއްފުށްޓަށް އަރައި ފޭބުން މަނާކޮށްް މޮނިޓަރ ކުރަން ފެށީ އެރަށުގެ އުޅަނދަކުން ކޮވިޑްގެ ކޭހެއް ފެނިގެން ކަމަށާއި އެ ރަށް މޮނިޓަރިން އަށް ލާފައި ވަނީ ކޮންޓެކްޓް ޓްރޭސިން ނިމެންދެން ކަމަށެވެ. ކުޅުދުއްފުށި މޮނިޓަރިންގ އަށް ލާފައިވާކަމަށް އެރަށު ކައުންސިލަށް އެޗްޕީއޭ އިން އަންގާފައިވަނީ ހުކުރު ދުވަހުގެ ރޭ 8:45ން ފެށިގެންނެވެ.
މީގެއިތުރުން މިބޯޓުން މީހަކު ޕޮޒިޓިވްވުމާއި ގުޅިގެން އެއަތޮޅު ނޮޅިވަރަމް ވެސް ވަނީ ކޮންޓެކްޓް ޓްރޭސިންގ ނިމެންދެން މޮނިޓަރިންގ އަށް ލާފައެވެ. އެޗްޕީއޭ އިން ނޮޅިވަރަމް މޮނިޓަރިންގ އާ ލާފައިވާކަން ހާމަކޮށް އެރަށު ކައުންސިލް އިދާރާއަށް ފޮނުވާފައިވާ ލިޔުމުގައި ބުނެފައިވަނީ ހުކުރު ދުވަހުގެ ރޭ 8:48ން ފެށިގެން އެރަށް މޮނިޓަރިންގ އަށް ލާފައިވާ ކަމަށެވެ. އެހެންކަމުން އެޗްޕީއޭ އިން ވަކިގޮތެއް އަންގަންދެން އެރަށަށް އެރުމާއި ފޭބުން މަނާވާނެ ކަމަށް ވަނީ ބުނެފައެވެ.
މިދިޔަ މަހުގެ 29ވަނަ ދުވަހު ވެސް ވަނީ ކުޅުއްދުފުށީ ރީޖަނަލް ހޮސްޕިޓަލުގައި ފަރުވާ ދިނުމަށްފަހު އިތުރު ފަރުވާއަށް މާލެ ގެނައި ކުއްޖަކު ކޮވިޑް-19އަށް ޕޮޒިޓިވްވެފައެވެ. އެއާ ގުޅިގެން ވެސް އެރަށަށް އަރާފޭބުން އެޗްޕީއޭ އިން ވަނީ މަނާކޮށްފައެވެ.
ރާއްޖެއިން މިހާތަނަށް 10014 މީހުންނަށް ކޮވިޑް-19 ވަނީ ޖެހިފައެވެ. މިވަގުތު 22 ރަށެއްގައި ކޮވިޑް-19 އަށް ޕޮޒިޓިވް މީހުން އެބަތިއްބެވެ.
މިވަގުތު މޮނިޓަރންގެ ހާލަތުގައި ވަނީ ހދ ހޯނޑެއްދޫ އާއި ހދ ކުޅުދުއްފުށި އަދި ނޮޅިވަރަމް އެވެ.