ކޮވިޑް-19 ޖެހިގެން ރާއްޖޭގައި ފަރުވާ ދެމުންދާ މީހުންގެ ތެރެއިން އައިސީޔޫގައި ފަރުވާދެމުންދާ މީހުންގެ އަދަދު ދަށަށް ގޮސްފި އެވެ.
ހެލްތް އިމަރޖެންސީ އޮޕަރޭޝަންސް ސެންޓަރު (އެޗްއީއޯސީ)ން ބުރާސްފަތި ދުވަހު ގެ ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެސެންޓަރުގެ ތަރުޖަމާން ޑރ. ނަޒްލާ ރަފީގު ވިދާޅުވީ މިހާރު އައިސީޔޫގައި ފަރުވާ ދެމުންދަނީ 4 މީހަކަށް ކަމަށެވެ. އޭގެތެރެއިން 2 މީހަކަށް ފަރުވާ ދެމުން އަންނަނީ ވެންޓިލޭޓަރުގަ އެވެ.
އެގޮތުން ދަރުމަވަންތަ ހޮސްޕިޓަލްގެ 11 ވަނަ ފަންގިފިލާގައި 3 މީހަކަށް އައިސީޔޫގައި ފަރުވާ ދެމުން އަންނައިރު 1 ށް ފަރުވާދެމުން އަންނަނީ ވެންޓިލޭޓަރުގަ އެވެ. އަދި ހުޅުމާލެ މެޑިކަލް ފެސިލިޓީގައި އެކަކަށް އައިސީޔޫގައި ފަރުވާދެމުންދާއިރު އެމީހާ އޮތީ ވެންޓިލޭޓަރުގައެވެ. މިވަގުތު ހުޅުމާލެ މެޑިކަލް ފެސިލިޓީގައި 81 މީހަކަށް އެޑްމިޓްކޮށްގެން އަންނަނީ ފަރުވާދެމުންނެވެ. އޭގެތެރެއިން 80 މީހުން ތިބީ ވޯރޑްގައެވެ.
މީގެކުރިން ހޯމަ ދުވަހުގެ ރޭ އެސެންޓަރުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޑރ ނަޒްލާ ހާމަކުރެއްވި މައުލޫމާތަށް ބަލާއިރު އޭރު އައިސީޔޫގައި އަށް މީހަކަށް ފަރުވާ ދެމުންދިޔައިރު އޭގެ ތެރެއިން ތިން މީހަކަށް ފަރުވާ ދެމުން ދިޔައީ ވެންޓިލޭޓަރުގައެވެ.
އަތޮޅުތެރޭގައި ހުރި ކޮވިޑް ފެސިލިޓީތަކުގެ ތެރެއިން މިވަގުތު މީހުންނަށް ފަރުވާ ދެމުން އަންނަނީ ގއ ވިލިގިނލި ކޮވިޑް ފެސިލިޓީގައެވެ. އެއީ ތިން މީހަކަށެވެ. މި ތިން މީހުންނަށްވެސް ފަރުވާ ދެމުން އަންނަނީ ވޯރޑްގައެވެ.
މިވަގުތު ރާއްޖޭގައި 1301 އެކްޓިވް ކޭސް ހިމެނޭއިރު، މިހާރު ވެސް 87 މީހަކަށް ހޮސްޕިޓަލްގައި ދަނީ ފަރުވާ ދެމުންނެވެ. އަދި މިވަގުތު ވެސް އައިސޮލޭޝަން ފެސިލިޓީގައި 645 މީހަކު އެބަތިބި ކަމަށް އެޗްޕީއޭއިން ބުނެއެވެ.
ކޮވިޑް-19ގައި މިހާތަނަށް މަރުވެފައިވަނީ 34 މީހުންނެވެ. މީގެ ތެރޭގައި ގިނައީ އުމުރުން ދުވަސްވީ މީހުންނެވެ.