މާލޭ ހުކުރު މިސްކިތް އަންނަ ހަފްތާގެ ތެރޭގައި ހުޅުވާލުމުގެ މަސައްކަތްތައް ކުރަމުންދާ ކަމަށް މިނިސްޓްރީ އޮފް އާރޓްސް، ކަލްޗަރ އެންޑް ހެރިޓޭޖްއިން ބުނެފި އެވެ.
މާލޭގެ ހުކުރު މިސްކިތް އާބާތުރަ ފިލުވުމުގެ މަސައްކަތްތައް ކުރިއަށްދާ ގޮތާ ބެހޭ ގޮތުން ހެރިޓޭޖް މިނިސްޓްރީގެ މީޑިއާ އޮފިޝަލް އިސްމާއިލް ނާއިލް ނަޝީދު ވިދާޅުވީ، ކޮވިޑް-19ގެ މިހާލަތުގައި މިސްކިތް ހުޅުވި ނަމަވެސް އަމަލު ކުރަމުންދާނީ ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)ގެ މިންގަނޑުތަކާ އެއްގޮތަށް ކަމަށެވެ.
އެގޮތުން މިހާރު މިސްކިތުގެ ކާޕެޓު ނަގައި، ކޮލެޓީ ރަނގަޅު ނެވިލޯނު އަޅާފައިވާ ކަމަށް ނާއިލް ވިދާޅުވިއެވެ.
އަންނަ ހަފްތާގެ ތެރޭގައި ހުކުރު މިސްކިތް ހުޅުވާލުމަށް ކުރަން ޖެހޭ މަސައްކަތްތައް ކުރާކަން ފާހަގަކުރައްވައި ނާއިލް ވިދާޅުވީ މަސައްކަތް ކުރަނީ މި މަހުގެ 25 ވާ "ހެރިޓޭޖް ޑޭ އިން ދަ އިސްލާމިކް ވޯލްޑް" ދުވަހާ ގުޅުވައި މިސްކިތް ހުޅުވާލުމަށް ކަމަށެވެ.
މާލޭ ހުކުރު މިސްކިތް ހިމާޔަތް ކުރުމުގެ މަސައްކަތް ކުރަމުން އަންނަނީ އާކިއޮލޮޖިކަލް ސަރވޭ އޮފް އިންޑިއާގެ ޚާއްސަ ޓީމަކުންނެވެ. ހުކުރު މިސްކިތް މަރާމާތު ކުރުމަށް ހެރިޓޭޖް މިނިސްޓްރީން ބަންދު ކުރީ މިދިޔަ އަހަރުގެ ސެޕްޓެންބަރު މަހުގެ 13 ވީ ހުކުރު ދުވަހުގެ ހުކުރު ނަމާދަށް ފަހުގަ އެވެ.
ކޮންމެ އަހަރެއްގެ ސެޕްޓެމްބަރުމަހުގެ 25 ވަނަ ދުވަހަކީ "ހެރިޓޭޖް ޑޭ އިން ދަ އިސްލާމިކް ވޯލްޑް''ގެ ދުވަހުގެ ގޮތުގައި ކަނޑައަޅާފައިވަނީ މިދިޔަ އަހަރުގެ ޑިސެންބަރު މަހުގެ 17 ވަނަ ދުވަހު ގައި ތޫނިސްގައި ބޭއްވި އިސްލާމިކް ކޮންފަރެންސް އޮފް ކަލްޗަރަލް މިނިސްޓަރސްގެ 11 ވަނަ ބައްދަލުވުމުގައެވެ.
މިއަހަރު ހެރިޓޭޖް ޑޭ އިން ދަ އިސްލާމިކް ވޯލްޑް ދުވަހުގެ ޝިއާރަކީ އާސާރީ ބިނާތަކާއި، ތަރިކައާއި ތާރީޚީ ތަންތަން އަދި ދާރުލް އާސާރުތަކަށް ލިބޭ ގެއްލުންތައް ހައްލު ކުރުމުގައި ޒަމާނީ ޓެކްނޮލޮޖީ ބޭނުންކުރުމެވެ.