Advertisement
ކ. މާލެ
|
19 އޭޕްރިލް 2017 | ބުދަ 00:03
އަބުރުފުޅު ފަންޑު
އަބުރުފުޅު ފަންޑު
ރާއްޖެ އެމްވީ
ބްރޮޑްކާސްޓިން ކޮމިޝަނުގެ މެން
ބްރޮޑްކާސްޓިން ކޮމިޝަނުގެ މެންބަރުން ވަކި ކުރުމަށް އެދި ހުށަހަޅާ ޕެޓިޝަންގައި ރާއްޖެޓީވީ ހުރިހާ މުއައްޒަފުން ސޮއިކޮށްފި
މި ޕެޓިޝަނުގައި ވަނީ ރާއްޖެޓީވީ ހުރިހާ މުއައްޒަފުން ސޮއި ކޮށްފަ
އާއްމުންނަށްވެސް ޕެޓިޝަންގައި ސޮއި ކުރުމަށް ވަނީ ހުޅުވާލާފަ

ބްރޯޑްކާސްޓިން ކޮމިޝަނުން މިނިވަން މީޑިއާގެ މާހައުލެއް ގާއިމް ކުރުމުގެ ބަދަލުގައި ވަކިވަކި މިޑިއާތަކަށް ހުރަސްއަޅަމުންދާތީ، އެ ކޮމިޝަނުގައި މިހާރު ތިބި މެންބަރުން މަގާމުން ވަކިކުރުމަށް އެދި ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާ ޕެޓިޝަންގައި ރާއްޖެޓީވީގެ ހުރިހާ މުއައްޒަފުން ސޮއި ކޮށްފިއެވެ.

"މޯލްޑިވްސް ބްރޮޑްކާސްޓިން ކޮމިޝަނުގެ މެންބަރުންގެ އިތުބާރު އާއްމު ރައްޔިތުންނަށް ގެއްލުން" މި ނަމުގައި ރާއްޖެޓީވީން އިސްނަގައިގެން މަޖިލީހަށް ހުށަހެޅުމަށް ހަމަޖެހިފައިވާ ޕެޓިޝަންގައި ވަނީ ރާއްޖޭގެ ގާނޫނު އަސާސީ އާއި ބައިނަލްއަޤުވާމީ މުއާހަދާތަކުން ކަށަވަރުކޮށްދީފައިވާ ޚިޔާލުފާޅުކުރުމުގެ މިނިވަންކަމުގެ ހައްގާއި މީޑިއާގެ މިނިވަންކަމުގެ ހައްގަށް ބްރޯޑްކާސްޓިން ކޮމިޝަނުން ހީނަރުކަން ފޯރުވަމުންދާކަން ފާހަގަކޮށްފައެވެ.

ބްރޯޑްކާސްޓިން ކޮމިޝަނަކީ، މުސްތަގިއްލު މުއައްސަސާއަކަށްވާއިރު ސިޔާސީ ނުފޫޒުން އެއްކިބާވެފައިވާ ގޮތެއްގައި އެކޮމިޝަނުން މަސައްކަތް ނުކުރާކަމުގެ ހެކިތައް ފެންނަމުންދާކަމަށްވެސް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާ މި ޕެޓިޝަންގައި ވަނީ ބުނެފައެވެ.

އެގޮތުން ބައެއް މީޑިއާތައް ބޮޑެތި އަދަދުތަކުން ޖޫރިމަނާކުރުމުން ދިއުމާއި މީޑިޔާތައް ބާރުވެރިކުރުމުގެ ބަދަލުގައި މީޑިއާގެ މަސައްކަތައް ނަހަމަގޮތުގައި ނުފޫޒު ފޯރުވަމުންދާކަން ފާހަގަކުރެވިފައިވާ ކަމަށް މި ޕެޓިޝަނުގައި ބުނެއެވެ.

"ޓާގެޓް ކޮށްގެން ބްރޯޑްކާސްޓިންގް ކޮމިޝަނުން އަޅަމުންދާ ބޭއިންސާފު ފިޔަވަޅުތަކުގެ ސަބަބުން ބިރުވެރި ކަމެއް، ބިރު ދެއްކުމެއް ނެތި ނޫސްވެރިކަން ކުރެވޭ މާހަލެއް ރާއްޖޭގައި އޮތަ ނުދިނުމަށް ކޮމިޝަނުގެ މެންބަރުން މަސައްކަތް ކުރަމުންގެންދާ ކަމަށް ބެލެވޭތީއާއި؛.." ޕެޓިޝަންގައި ބުނެފައިވެއެވެ.

ޕެޓިޝަނުގައި އިތުރަށް ވަނީ ބްރޯޑްކާސްޓިން ކޮމިޝަނުން ޕްރޮފެޝަނަލް މިންގަނޑުތަކުން އެއްކިބާވެ، އަދުލު އިންސާފުގެ މަގުން އެކަހެރިވެ އަމަލު ކުރަމުންދާކަން ފާހަގަކޮށްފައެވެ.

މީގެ އިތުރުން ކޮމިޝަނުގައި މިހާރު ތިބި މެންބަރުންނަކީ އިތުބާރު ކުރެވޭނެ މެންބަރުން ކަމަށް ގަބޫލު ކުރެވޭނެ އެއްވެސް ހަމައެއް އޮތް ކަމަށް ގަބޫލު ނުކުރާ ކަމަށް މި ޕެޓިޝަންގައި ބުނެފައިވެއެވެ. އަދި ބްރޮޑްކާސްޓިން ކޮމިޝަނުގެ މެންބަރުންގެ އަމަލުތައް ހުރި ގޮތުން ޑިމޮކްރަސީގެ ހަތަރުވަނަ ބާރު ކަމުގައިވާ ނޫސްވެރިކަމަށް ހީނަރުކަން އައިސްފައިވާ ކަމަށް މި ޕެޓީޝަނުގައި ފާހަގަކޮށްފައިވެއެވެ.

ބްރޮޑްކާސްޓިން ކޮމިޝަނުގެ މެންބަރުން ވަކި ކުރުމަށް ގޮވާލާ ޕެޓިޝަނެއް އެކުލަވާލާފައިވާ އިރު، މި ޕެޓިޝަނުގައި ސޮއި ކުރުމުގެ ފުރުސަތު އާއްމުކޮށް ވަނީ ހުޅުވާލާފައެވެ.

ރާއްޖެޓީވީން ރައްޔިތުންގެ މަޖިލީހަށް މިފަދަ ޕެޓިޝަނެއް ހުށަހެޅުމަށް ނިންމާފައިވާއިރު، އަބުރުގެ ގާނޫނުގެ ދަށުން ރާއްޖެޓީވީ ދެ ލައްކަ ރުފިޔާއިން ޖޫރިމަނާކޮށް އެފައިސާ ބްރޯޑްކާސްޓިން ކޮމިޝަނަށް ދެއްކި ދުވަހު އަނެއްކާ އެއް މިލިއަން ރުފިޔާ އިން ވަނީ ޖޫރިމަނާކޮށްފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ދުވަަސް ކުރިން
ރިވިއު ކުރީ: އިސްމާއިލް ނާއިލް ނަޝީދު
- ކޮމެންޓް