ކ. މާލެ
|
18 އޭޕްރިލް 2017 | އަންގާރަ 23:37
އެމްޕީއެލް ސަރަހައްދު
އެމްޕީއެލް ސަރަހައްދު
މުހައްމަދު ޝަރުހާން
އެމްޕީއެލް
މިހާރު ތެޔޮ ގަންނަނީ އެސްޓީއޯއިން، މެރީޑިއަމްއިން ތެޔޮ ގަތުމާމެދު ގޮތެއް ނިންމާނީ ކޯޓުން މައްސަލަ ނިމޭ ގޮތަކުން: އެމްޕީއެލް
މައްސަލަ ހައިކޯޓުގައި އިސްތިއުނާފް ކުރި ފަހުން މިހާތަނަށް ބޭއްވީ އެންމެ ދެ އަޑުއެހުން
މައްސަލަ އިސްތިއުނާފުކުރީ އެ އަމަރުގެ ސަބަބުން ކުންފުންޏަށް މަހަކު 300،000 ރުފިޔާ، އަހަރަކު 3.6 މިލިއަން ރުފިޔާގެ ބޮޑު ގެއްލުމެއް ލިބޭނެތީ

މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އަށް މިހާރު ތެޔޮ ގަންނަނީ އެސްޓީއޯ އިން ކަމަށާއި މެރީޑިއަމްއިން ތެޔޮ ގަތުމާމެދު ގޮތެއް ނިންމާނީ މެރީޑިއަމްއާ ދެކޮޅަށް ކޯޓަށް ހުށަހަޅާފައިވާ މައްސަލަ ނިމޭ ގޮތެއްގެ މަތިން ކަމަށް އެމްޕީއެލް އިން ބުނެފިއެވެ.

އެމްޕީއެލް އިން މެރީޑިއަމް މެދުވެރިކޮށް ތެޔޮ ގަންނަމުންދާ ކަމަށް ބުނެ ރާއްޖެއެމްވީ އަށް ލިބުނު މައުލޫމާތަކާ ގުޅިގެން އެކަން ސާފު ކުރުމަށް އެމްޕީއެލްގެ މީޑިއާ އޮފިޝަލަށް ގުޅުމުން ވިދާޅުވީ މެރީޑިއަމް އިން ތެޔޮ ނުގަތުމަށް އެ ކުންފުނިން ނިންމާފައިވާ ނިންމުމަށް އަދި އެއްވެސް ބަދަލެއް ނުގެންނަ ކަމަށެވެ. އަދި މިހާރު އެމްޕީއެލް އަށް ތެޔޮ ގަންނަނީ އެސްޓީއޯ އިން ކަމަށް އޮފިޝަލް ވިދާޅުވިއެވެ.

އޮފިޝަލް ވިދާޅުވީ މެރީޑިއަމްއާ ދެކޮޅަށް އެމްޕީއެލް އިން ކޯޓަށް ހުށަހަޅާފައިވާ މައްސަލައިގައި ގޮތެއް ނުނިމެނީސް އެމްޕީއެލް އިން މެރީޑިއަމް މެދުވެރިކޮށް ތެޔޮ ނުގަންނާނެ ކަމަށާއި މެރީޑިއަމް އިން ތެޔޮ ގަތުމާމެދު ގޮތެއް ނިންމާނީ ކޯޓުން ނިންމާ ގޮތެއްގެ މައްޗަށް ބިނާކޮށްކަމަށް އޮފިޝަލް ވިދާޅުވިއެވެ.

އެމްޕީއެލް އިން ކޯޓަށް ހުށަހަޅާފައިވާ މައްސަލައާ ގުޅޭ ގޮތުން އެ ކުންފުނިން ބުނެފައި ވަނީ މައްސަލަ ހައިކޯޓުގައި އިސްތިއުނާފް ކުރި ފަހުން މިހާތަނަށް ބޭއްވީ އެންމެ ދެ އަޑުއެހުން ކަމަށާއި އޭގެ ފަހުން އެއްވެސް އަޑުއެހުމެއް ބާއްވާފައި ނުވާ ކަމަށެވެ. މައްސަލަ ކުރިއަށް ނުދާ ސަބަބެއް ދަންނަވަން ނޭނގޭ ކަމަށް ވެސް އޮފިޝަލް ވިދާޅުވިއެވެ.

އެމްޕީއެލްގެ ފަރާތުން އެ އަމުރު މުރާޖާ ކޮށްދިނުމަށް އެދި ސިވިލް ކޯޓަށް ހުށަހެޅުމުން އަމުރު މުރާޖާ ކުރުމަށްފަހު ނެރުނު ކޯޓުގެ އަމުރުގައި ބުނެފައި ވަނީ، މެރީޑިއަމް ނޫން އެހެން ބަޔަކަށް އެމްޕީއެލްއަށް ތެޔޮ ސަޕްލައިކުރަން ނުދިނުމަށް ނެރުނު އަމުރު "ނިމުމަކަށް ގެންނަން ޖެހޭ ސަބަބެއް މިހިނދު ފާޅުވެފައި ނެތް" ކަމަށެވެ. އެހެންކަމުން އެ އަމުރަށް ބަދަލު ގެންނަން ޖެހޭ އެއްވެސް ސަބަބެއް ނެތް ކަމަށް ސިވިލް ކޯޓުން ކުރި މުރާޖާއާ ޙުކުމުގައި ބުނެފައިވެއެވެ.

ސިވިލް ކޯޓުން އެފަދަ އަމުރެއް ނެރެފައިވަނީ، އެމްޕީއެލްގެ ވެހިކަލްތަކަށް ބޭނުންވާ ތެޔޮ ސަޕްލައިކުރުން މެރީޑިއަމްއާ ހަވާލުކޮށްފައިވަނިކޮށް އެހެން ފަރާތަކާ ހަވާލުކޮށްގެން ތެޔޮ ސަޕްލައި ކުރަމުންދާތީ އެކަން ހުއްޓުވައިދިނުމަށް އެދި މެރީޑިއަން ކުންފުނިން ހުށަހެޅި މައްސަލައަކާ ގުޅިގެންނެވެ.

އެމްޕީއެލް އިން ސިވިލް ކޯޓުގެ އަމުރު އިސްތިއުނާފުކުރީ އެ އަމަރުގެ ސަބަބުން ކުންފުންޏަށް މަހަކު 300،000 ރުފިޔާ، އަހަރަކު 3.6 މިލިއަން ރުފިޔާގެ ބޮޑު ގެއްލުމެއް ލިބޭނެތީ އެ ބޮޑު ގެއްލުމުން ކުންފުނި ސަލާމަތް ކުރުމަށް ކަމަށް އެމްޕީއެލް އިން ބުނެފައިވެއެވެ.
ނޫސްވެރިންނަށް މަޢުލޫމާތު ދެއްވަމުން އެމްޕީއެލްގެ ކުރީގެ ސީއީއޯ މުޙައްމަދު ޖުނައިދު ވިދާޅުވެފައިވަނީ މެރީޑިއަމް ކުންފުންޏާއިއެކު ހަދާފައިވަނީ ސަރުކާރުގެ އުޞޫލުތަކާއި ޚިލާފަށް ބިޑް ކުރުމަކާއިވެސް ނުލައި ކަމަށެވެ. އަދި އެއްބަސްވުމުގައި އެމްޕީއެލްއަށް ބޭނުންވާ ހުރިހައި ތެލެއް ގަންނަން ޖެހޭނީ މެރީޑިއަމުން ކަމަށް ބަޔާންކޮށްފައި ވެސް ނެތް ކަމަށެވެ.
ޖުނައިދު ވިދާޅުވީ އެމްޕީއެލްއަށް ބޭނުންވާ ޑީސަލް ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދަން ބީލަން ހުޅުވައިލުމުން 6 ރުފިޔާ 90 ލާރިއަށް ލިޓަރެއް ވިއްކަން ހުށަހަޅާފައިވާ ކަމަށާއި މެރީޑިއަމުން އެކުންފުންޏަށް ސަޕްލައި ކުރަނީ ލިޓަރެއް 12 ރުފިޔާއަށް ކަމަށެވެ.
ޖުނައިދު ވިދާޅުވީ އެމްޕީއެލް ހިންގެވުން އޭނާއާއި ރައީސުލްޖުމްހޫރިއްޔާ ހަވާލުކުރެއްވީ ޚަރަދުތައް ވީހައި ކުޑަކޮށް އަދި ކުންފުންޏަށް ވީހައި ބޮޑު ފައިދާއެއް ލިބޭނެ ގޮތަށް ކުންފުނި ހިންގަވަން ކަމަށެވެ.
ޖުނައިދު ވިދާޅުވީ މެރީޑިއަމުގެ ވެރިފަރާތަކީ ޕީޕީއެމްގެ ޕީޖީ ފްރޫޕުގެ ޑެޕިއުޓީ ލީޑަރު، ރިޔާޒު ރަޝީދު ކަމަށް ވީނަމަވެސް، އެއީ އެމްޕީއެލްއަށް އެތައް މިލިއަން ރުފިޔާގެ ބޮޑު މާލީ ގެއްލުންތަކެއް ލިބެންޖެހޭނެ ކަމެއް ކަމަށް ގަބޫލު ނުކުރައްވާ ކަމަށެވެ.
މިމައްސަލަ އިސްތިއުނާފު ކުރައްވައި އެމްޕީއެލްއަށް ލިބެންޖެހޭ ހައްޤުތައް ހޯދަން މަސައްކަތް ކުރުމަކީ، އެކަމުގެ ސަބަބުން ސިޔާސީ އެއްވެސް ޕްރެޝަރެއް ކުރިމަތިވެދާނެ ކަމެއް ކަމަށް ޤަބޫލުފުޅު ނުކުރައްވާ ކަމަށްވެސް ޖުނައިދު ވިދާޅުވިއެވެ.

 

- ކޮމެންޓް