ބަންގުލަދޭޝްގައި ދަންޖެހި މަރުވެފައި ހުއްޓާ ފެނުނު ކަމަށް ބުނާ ދިވެހި ދަރިވަރު އަދި މޮޑެލް ރައުދާ އާތިފުގެ ދެވަނަ އޮޓޯޕްސީއެއް ހެދުމުގެ ހުއްދަ ރާޖުޝާހީ މެޓްރޮޕޮލިޓަން މެޖިސްޓްރޭޓް ކޯޓުން އަންގާރަ ދުވަހު ދީފިއެވެ.
ރާއްޖެ އެމްވީއަށް މައުލޫމާތު ދެމުން ރައުދާގެ ބައްޕަ ޑރ. މުހައްމަދު އާތިފް ބުނީ ދެ ވަނަ އޮޓޯޕްސީއެއް ހެދުމުގެ ހުއްދަ ކޯޓުން ދީފައިވާ ކަމަށާއި، ނަމަވެސް ކޯޓުން ދިން އެ ހުއްދައިގެ މާނައަކީ ރައުދާގެ ހަށިގަނޑު އަލުން ނަގައިގެން ހަށިގަނޑު ފަޅައިގެން ތަހުލީލުތައް ކުރުން ނޫން ކަމަށެވެ.
ޑރ. އާތިފް ބުނީ ކޯޓުން ހުއްދަ ދިން ނަމަވެސް އަދި ބޮޑީ ނަގަން ނިންމާނީ ބޯޑަކުން ކަމަށެވެ. އެގޮތުން ހަށިގަނޑު ޑިކޮމްޕޯޒްވެފައި އޮންނާނެ ވަރާއި މިހާރު ނަގައިގެން ތަހުގީގަށް ލިބިދާނެ އެހީގެ މިންވަރުމެދު ބޯޑުން ބަލާނެ ކަމަށެވެ.
ޑރ. އާތިފް ބުނީ ހަށިގަނޑު ނުނަގާ ދެވަނަ އޮޓޯޕްސީއެއް ހެދުމަށް އާއިލާއިން ދެކޮޅު ނުހަދާ ކަމަށާއި ސަބަބަކީ ހަތަރު ވަކީލުންގެ މައްޗަށް ހިމެނޭ ލޯޔަރުންގެ ޓީމުން އެކަމަށް އެދިފައިވާތީ ކަމަށެވެ. ލޯޔަރުން ބުނާ ގޮތުގައި އޮޓޮޕްސީއަށް ދެކޮޅު ހަދައިފިނަމަ އާއިލާއިން އެއްބާރުލުން ނުދިން ކަމަށް ބުނެ އެމައްސަލަ ތަހުގީގް ކުރުން ހުއްޓާލުމަކީ އެކަށީގެންވާ ކަމެއް ކަމަށެވެ.
ޑރ. އާތިފް ބުނީ އޮޓޯޕްސީ ބިނާ ވަނީ ހަމައެކަނި ހަށިގަނޑު ފަޅައިގެން ތަހުލީލް ކުރުމަށް ނޫން ކަމަށާއި އިންޓަރނަލް ސައިންތަކަށް ބަލައިގެންވެސް އޮޓޯޕްސީއެއް ހެދިދާނެ ކަމަށެވެ. އަދި މިހާރު އެއްކޮށްފައި ހުރި ސާމްޕަލުތަކުންވެސް އަލުން ޓެސްޓުތައް ހެދިދާނެކަމަށާއި އޮޓޯޕްސީ ހެދުމާއި، ހަށިގަނޑު އަލުން ނަގައިގެން އިންޓާނަލް ޑައިސެކްޝަނަކަށް ދިއުމަކީ ތަފާތު ކަމެއްކަމަށް ޑރ. އާތިފު ބުންޏެވެ.
ޑރ. އާތިފް ބުނީ ދަންޖެހިފައި ހުންނަ މީހެއްގެ މަރާމެދު ގޮތެއް ކަނޑައެޅުމުގައި ބޮޑަށް ބަލާނީ ބޭރުފުށުން ފެންނާން ހުންނަ ކަންތައްތަކަށް ކަމަށާއި ރައުދާގެ ފޮޓޯތަކުން ކިތައްމެހާވެސް ރަނގަޅު ހެކިތަކެއް ފެންނަން އެބަހުރިކަމަށެވެ. އަދި ކޯޓުންވެސް މައްސަލަ ބަލައިގަނެ ދެވަނަ އޮޓޯޕްސީއަކަށް ދިއުމަށް ނިންމީވެސް އެކަންކަމަށް ބެލުމަށްފަހު އަމިއްލައަށް މަރުވީކަމާމެދު ޝައްކު ކުރެވޭ ހެކިތަކެއް ހުރީތީ ކަމަށެވެ.
ރައުދާގެ ބައްޕަ ބުނީ ރައުދާ ކިޔަވަމުން ދިޔަ ކޮލެޖުން ފުރަތަމަވެސް ސިޓީ ފޮނުވީ ދަންޖެހިގެން މަރުވީކަމަށް ކަމަށާއި އޭރު އަދި ތަހުގީގެއްކޮށް އޮޓޮޕްސީއެއްވެސް ހަދާފައި ނުވާ ކަމަށެވެ. އަދި އޮޓޮޕްސީއެއް ހެދިއިރު އެކަމުގައި އުޅުނު ޓީމުގައި ކޮލެޖުގެ ފަރާތުން ދެމީހުން ތިބި ކަމަށާއި އެދެމީހުންނަކީވެސް ޝައްކު ކުރެވޭވަރުގެ މާޒީއެއް އޮތް ދެމީހުން ކަމަށެވެ. އެގޮތުން އެކަކީ އަމިއްލަ އަނބިމީހާއާއި ބޭބެ މަރާލުމުގެ ކުށުގައި ތުޙުމަތު ކުރެވުނު މީހެއް ކަމަށާއި އަނެކަކީ އޮޓޮޕްސީއެއްގެ މައްސަލައިގާ 7 އަހަރުގެ ހުކުމެއް އައިސްފައިވާ މީހެއް ކަމަށެވެ.
ޑރ. އާތިފް ބުނީ އޮޓޮޕްސީ ރިޕޯޓްވެސް އޮތީ ރަނގަޅަށް ނޫންކަމަށާއި އެގޮތުން އެރިޕޯޓްގައި ދަންޖެހިގެން މަރުވިކަމަށް ބުނުމުގެ އިތުރުން ފޮރެންސިކް އަދި ޓެކްނިކަލް ޑީޓެއިލްއެއް އޭގައި ނެތްކަމަށެވެ. އަދި އާއިލާއިން ފާހަގަ ކުރާ ކަންކަމާ އެރިޕޯޓާ މެޗު ނުވާ ކަމަށާއި ފުލުހުންވެސް އެކަން ޤަބޫލުކުރާ ކަމަށެވެ.
މީގެ އިތުރުން ޑރ. އާތިފް ބުނީ ރައުދާގެ އޮޓޯޕްސީއެއް އިތުރަށް ހަދަން ނިންމީ ފޮޓޯތަކުން ފެންނަންހުރި ކަންކަމަށް އެރިޕޯޓުގައި އަލިއަޅުވާލާފައި ނެތުމާއި އެފޮޓޯތަކުން ބަލާއިރު ރައުދާ މަރާލިކަމަށް ކޯޓަށްވެސް ބެލެވޭތީ ކަމަށެވެ.
ޑރ. އާތިފް ބުނީ ރައުދާ މަރުވެފައިވާއިރު ފެންނާން ހުރި ނިޝާންތަކުގައި އެއްވެސް ވަރަކަށް ދަންޖެހޭ މީހެއްގެ ގައިން ފެންނަން ހުންނަން ޖެހޭނެ ނިޝާންތަކެއް ފެނިފައި ނުވާކަމަށެވެ. އެގޮތުން ކަރުގައި ހިފާ މަރާލިކަން ސާބިތުވާވަރުގެ ނިޝާންތަކެއް ވަރަށް ސާފުކޮށް ފެންނާން ހުރިކަމަށާއި ދަންޖެހިފައި ހުރިކަމަށް ބުނާ ސްކާފުން އަރާފައިވާ ނިޝާންތަކާ އެއާ އެއްވެސް ގުޅުމެއް ނެތްކަން އެއްކަމެއްގެ ގޮތުގައި ޑރ. އާތިފް ފާހަގަ ކުރިއެވެ.