ޓޫރިސްޓް ރިސޯޓެއް ތަރައްގީ ކުރުމަށް ދައުލަތުގެ ވިޔަފާރި ކުންފުނި، އެސްޓީއޯ އަށް ކުރިން ދިން ބ. މުތާފުށި ޗައިނާގެ ކުންފުންޏަކާއި ދިވެހި ކުންފުންޏެއް ގުޅިގެން ރާއްޖޭގައި ހަދާފައިވާ ކުންފުންޏަކަށް ވިއްކާލައިފި އެވެ.
ތައިލޭންޑުގެ ނޫސްތަކުގައި ބުނެފައިވާ ގޮތުގައި މުތާފުށި ވިއްކާލާފައި ވަނީ މުތާފުށި އޮރިއެންޓް އިންވެސްޓްމެންޓް ލިމިޓެޑް ކިޔާ ކުންފުންޏަކަށެވެ. އެ ކުންފުންޏަކީ ޗައިނާގެ ޗައިނާ އޮރިއެންޓް އެސެޓް މެނޭޖްމެންޓް ހޯލްޑިންގ ޕްރައިވެޓް ލިމިޓެޑާއި، ދިވެހި ކުންފުންޏެއް ކަމަށްވާ، ވެލް ލޭންޑް އިންވެސްޓްމެންޓް ޕްރައިވެޓް ލިމިޓެޑްގެ ހިއްސާ އޮންނަ ކުންފުންޏެއް ކަމަށް ނޫސްތަކުގައި ބުނެފައިވެ އެވެ.
އޮރިއެންޓް އިންވެސްޓްމެންޓް އިން ވަނީ މުތާފުށީގައި ފަސްތަރީގެ ރިސޯޓެއް ތަރައްގީކޮށް، 2019 ވަނަ އަހަރު ހުޅުވުމަށް މަސައްކަތް ފަށާފަ އެވެ. އަދި އެ ރިސޯޓް މެނޭޖްކުރުން ތައިލޭންޑުގެ ހޮސްޕިޓާލިޓީ ގްރޫޕް، ސެންޓާރާއާ ހާވަލުކޮށް އެއްބަސްވުމުގައި ވަނީ ސޮއިކޮށްފަ އެވެ. ސެންޓާރާގެ ރަސްމީ ވެބްސައިޓުގައި ވެސް އެ މައުލޫމާތުތައް ފެންނަން އެބަހުއްޓެވެ. އެއްބަސްވުމުގައި ސޮއިކުރުމަށް ބޭއްވި ހަފްލާގައި ޗައިނާ އޮރިއެންޓް އެސެޓް މެނޭޖްމެންޓް ހޯލްޑިންގ ޕްރައިވެޓް ލިމިޓެޑްގެ އެގްޒެކެޓިވް ޑިރެކްޓަރ ޖިން ޒާއީ އާއި، މުތާފުށި އޮރިއެންޓް އިންވެސްޓްމެންޓް ލިމިޓެޑްގެ ޑިރެކްޓަރު މުހައްމަދު ހަމީދު ބައިވެރިވެވަޑައިގެންނެވި ކަމަށް ވެބްސައިޓުގައި ބުނެފައި ވެ އެވެ.
މުތާފުށި ވިއްކާލުމަށް އިއުލާނުކުރީ މިއަހަރުގެ ފެބްރުއަރީ މަހުގެ ތެރޭގަ އެވެ. ޓޫރިޒަމް މިނިސްޓްރީން ފެބްރއަރީ 26 ވަނަ ދުވަހު ކުރި އިއުލާނުގައި ބުނެފައި ވަނީ، މުތާފުށީގެ ލީސް އެގްރީމަންޓްގެ ދަށުން އެރަށް ކުއްޔަށްހިފާފައިވާ ފަރާތަށް ލިބިދީފައިވާ އެންމެހާ ހައްގުތައް އެހެންފަރާތަކަށް ބަދަލު ކުރުމުގެ ހުއްދައަކަށް އެދިފައި ވާތީ އެ ރަށާއި ގުޅިގެން އެއްވެސް ދަރަންޏެއް ނުވަތަ މައްސަލައެއް އޮތް ފަރާތެއް ވާނަމަ އެކަން މިނިސްޓްރީ އަށް ހުށަހެޅުމަށް އެދޭ ކަމަށެވެ.
މުތާފުށީގައި "ސެންޓާރާ ގްރޭންޑް މުތާފުށި ރިސޯޓް އެންޑް ސްޕާ މޯލްޑިވްސް" ގެ ނަމުގައި ތަރައްގީކުރާ ރިސޯޓުގައި 24 ވިލާ އާއި 77 މޫދު ވިލާގެ އިތުރުން ކަނޑުއަޑީގެ ރެސްޓޯރެންޓެއް އެޅުމަށް ވަނީ ނިންމާފަ އެވެ. އަދި ފްލޯޓިން ސިނަމާއަކާއި އިންޓަނޭޝަނަލް ރެސްޓޯރެންޓެއްގެ އިތުރުން ތައި ސްޕާއެއް ތަރައްގީކުރުމަށް ހަމަޖެހިފައިވާ ކަމަށް ސެންޓާރާއިން ވަނީ މިމަހުގެ ފަސް ވަނަ ދުވަހު އިއުލާނުކޮށްފަ އެވެ.
މުތާފުށި އެސްޓީއޯއާ ހަވާލުކުރީ، ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި 2010 ވަނަ އަހަރު އެވެ. އޭރު 50 އަހަރަށް އެސްޓީއޯ އަށް އެ ރަށް ދޫކޮށްފައިވަނިކޮށް، 2015 ވަނަ އަހަރުގެ ތެރޭގައި ސަރުކާރުން ވަނީ އެސްޓީއޯއާއެކު ހަދާފައިވާ އެއްބަސްވުން ބާތިލްކޮށްފަ އެވެ.
މުތާފުއްޓާ ގުޅިގެން 2013 ވަނަ އަހަރުގެ ތެރޭގައި އެސްޓީއޯ އިން ބުނެފައި ވަނީ، އެ ރަށުގައި އިންވެސްޓްމެންޓެއް ކުރުމަށް އެ ކުންފުނީގައި މާލީ ހާލަތު ތަންނުދޭ ކަމަށެވެ. މިދިޔަ އަހަރު ބޭއްވި އެސްޓިއޯގެ އަހަރީ އާންމު ޖަލްސާގައި އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ޝަހީރު ވިދާޅުވެފައި ވަނީ މުތާފުށި ސައިޒުން ކުޑަވުމުގެ ސަބަބުން އެ ރަށް ދޫކޮށްލަން ނިންމާފައިވާ ކަމަށެވެ.
މުތާފުށީގެ ބަދަލުގައި ސަރުކާރުން ވަނީ އެސްޓީއޯ އަށް ނ. އެކުޅިވަރު ކިޔާ ފަޅުރަށް ދީފަ އެވެ.
މުތާފުށި ޗައިނާގެ ހިއްސާ އޮންނަ ކުންފުންޏަކަށް ވިއްކާލާފައިވާއިރު، ސަރުކާރުން ވަނީ ފުލުހުންގެ ވެލްފެއާ ކުންފުނީގެ ބެލުމުގެ ދަށުގައި އޮތް ފޭދޫ ފިނޮޅު ވެސް ޗައިނާގެ ކުންފުންޏަކަށް ގާތްގަނޑަކަށް ހަތަރު މިލިއަން ޑޮލަރަށް ޑިސެމްބަރު މަހުގެ ތެރޭގައި ވިއްކާލާފަ އެވެ. ފޭދޫ ފިނޮޅު ގަނެފައި ވަނީ ޕާލް އެޓޯލް ޕްރައިވެޓް ލިމިޓެޑް ކިޔާ ކުންފުންޏަކުންނެވެ.
ޕާލް އެޓޯލް ކުންފުންޏަކީ ޗައިނާގެ ޝެންޒެން ސުންޕެން އިންވެސްޓްމެންޓް ނަމަކަށް ކިޔާ ކުންފުންޏަކާއި ހޮންގ ކޮންގެ މިރީޗް އިންވެސްޓްމެންޓް ނަމަކަށް ކިޔާ ކުންފުންޏެއްގެ އިތުރުން ދިވެހި ވިޔަފާރިވެރިޔަކު ހިއްސާވާ ކުންފުންޏެކެވެ.