ބްރޯޑްކާސްޓިންގ ކޮމީޝަންގައި ތިބީ އެންމެ ޤާބިލު ފަރާތްތައް ނޫން ކަމަށާ، އެ ކޮމިޝަންގައި ތިބީ ސިޔާސީ އެކްޓިވިސްޓުން ކަމަށް ރައްޔިތުންގެ މަޖިލީހުގެ މާފަންނު އުތުރު ދާއިރާގެ މެންބަރު އަދި އިދިކޮޅު އެމްޑީޕީގެ ތަރުޖަމާނު، އަލްއުސްތާޛް އިމްތިޔާޒް ފަހުމީ (އިންތި) ވިދާޅުވެއްޖެއެވެ.
ހޯމަ ދުވަހުގެ ރޭ މ. ކުނޫޒުގައި ވާހަކަ ދައްކަވަމުން، އިންތި ވަނީ، މިނިވަން ނޫސްވެރިކަމަށް ހުރަސް އެޅުމަށް މުއައްސަސާތަކުން ކުރަމުންދާ އެކިއެކި މަސައްކަތްތަކަށް ފާޑުވިދާޅުވެފައެވެ. އެގޮތުން ނޫސްވެރިންނާއި މީޑިއާތައް ޖޫރިމަނާކޮށް، ޖިނާއީ އަދަބުދެމުންދަނީ ނާއިންސާފުން ކަން ފާހަގަކުރައްވާ އިންތި ވިދާޅުވީ، މީޑިއާ ރެގިއުލޭޓު ކުރުމަށް ބްރޯޑްކާސްޓިންގް ކޮމިޝަންގައި ތިބީ އެ މަސައްކަތަށް ޤާބިލު ބައެއް ނޫން ކަމަށެވެ.
"އަޅުގަނޑަކީ ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީގަ އިން މީހެއް. އިންޓަރވިއު ކުރި މީހެއް. ރިކޯޑްތައް ބައްލަވާ މި މުއައްސަސާއަށް ގޮސް ތިއްބެވީ، މުސްތަޝާރުގެ ފެކްޝަންގަ ދިދަ ފަހަން ތިބި ކުދިން ކޮޅެއް. މާ ބޮޑަށް މިކަމުގަ ޤާބިލް، މުޅި ހަޔާތް، މުޅި އުމުރު ދުވަސް، އިންޓެގްރިޓީއާއި އެކު ހޭދަކުރި ބޭފުޅުން، މާމައްޗަށް ތަޢުލީމު ލިބިވަޑައިގެންފަ ތިއްބެވި ބޭފުޅުން ތިއްބަވަނިކޮށް، މުސްތަޝާރުގެ ފެކްޝަނުގަ ފޮތިފަހަން ތިބި ކުދިން ކޮޅަކަށް ދިނީމާ މިނޫން ގޮތެއް ވާނެތޯ؟،" އޭނާ ވިދާޅުވި އެވެ.
މީގެ އިތުރުން ހޯމަ ދުވަހުގެރޭގެ ޖަލްސާގައި އިންތި ވަނީ ރާއްޖެޓީވީގައި ރޯކޮށްލި މައްސަލަ އަދިވެސް ނިމިފައި ނުވާތީ އެކަމަށް ފާޑު ވިދާޅުވެފައެވެ. ހަމަ މިއާއެކު، ރައްޖެޓީވީގެ ނޫސްވެރިޔާ މުޙައްމަދު ވިސާމްގެ މައްޗަށް، ޤާނޫނު ތަންފީޒުކުރާ ފަރާތެއްގެ ވާޖިބަށް ހުރަސްއެޅުމުގެ ކުށް ސާބިތުނުވާ ކަމަށް ދަށު ކޯޓުން ނިންމި ނިންމުން ޕްރޮސިކިއުޓަރ ޖެނެރަލް ހައިކޯޓުގައި އިސްތިއުނާފު ކުރައްވާފައިވާތީ، އެކަމަށް އިޝާރާތް ކުރައްވާ، އިންތި ވަނީ، މި މައްސަލައަށްވުރެ ބޮޑަށް ދައުލަތުގެ މަސްލަހަތު އޮތް މައްސަލައެއް ނެތީތޯ ސުވާލު އުފައްދަވާފައެވެ.
"ރާއްޖެޓީވީގެ ޖަރނަލިސްޓް ވިސާމް، ޖިނާއީ ކޯޓުން އެކުށް ސާބިތު ނުވީމާ، ވަގުތުން އެމައްސަލަ ޕްރޮސިކިއުޓަރ ޖެނެރަލްގެ ފަރާތްޕުޅުން މިހާރު އެވަނީ ހައިކޯޓަށް އެޕީލްކޮށްފަ. ދައުލަތުގެ މަސްލަހަތު އޮތް މިއަވުރެ ބޮޑު ކަމެއް ނެތީތޯ މި ދައުލަތުގެ ތެރޭގަ ހިނގާ؟ މީ ކިހިނެއް ވެފަ ހުރި އަންހެނެއްތޯ؟،" އޭނާ ވިދާޅުވި އެވެ.
އިތުރަށް ވާހަކަ ދައްކަވަމުން އިންތި ވަނީ ގެއްލުވާލާފައިވާ ނޫސްވެރިޔާ އަޙުމަދު ރިލްވާން ގެއްލުވާލި މައްސަލައިގައި ސަރުކާރާއި މުއައްސަސާތަކުން ފާރުވާ ކުޑަކޮށްފައިވާ ކަމަށް ތުހުމަތު ކުރައްވާ އެ ފަރާތްތަކަށް ފާޑުވިދާޅުވެފައެވެ.
ހޯމަ ދުވަހުގެރޭ އިންތި ދެއްކެވި ވާހަކަތައް މައިގަނޑު ގޮތެއްގައި ނޫސްވެރިނަށް ކުރިމަތިކޮށްފައިވާ ދަތިތަކާއި، ނޫސްވެރިކަމަށް ހުރަސްއެޅުމަށް ކޮށްފައިވާ ކަންކަމަށް އަލިއަޅުވާލައްވާފައެވެ. އިންތި ވިދާޅުވީ ދުނިޔޭގެ އެކި ތަންތަނުގައި ހިންގި ބޮޑެތި ޖަރީމާތައް ހާމަކުރީ ނޫސްވެރިން ކަމަށާ، އެ ޤައުމުތަކުގައި ރާއްޖެ ފަދައިން ނޫސްވެރިންނަށް ހުރަސްއަޅާފައި އޮތްނަމަ އެފަދަ ބޮޑެތި ޖަރީމާތައް ހާމަ ނުވާނެކަމަށެވެ.