ޗައިނާގެ ކުންފުނިތަކުން ދިވެހިރާއްޖޭގައި ކުރަމުންދާ އިންވެސްޓްމެންޓްތަކާއި ގުޅިގެން ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ.
ޗައިނާއިން ރާއްޖެއަށް ދޫކޮށްފައިވާ ދަރަނިތަކާއި ގުޅިގެން ބީބީސީން ތައްޔާރުކުރި ރިޕޯޓަކަށް ދެއްވި ޚާއްސަ އިންޓަރވިއުއެއްގައި ރައީސް ނަޝީދު ވަނީ ރާއްޖޭގައި ތަރައްގީ ކުރަމުން އަންނަ ބައެއް ރިސޯޓުތަކާއި ހޮޓެލްތަކުގެ ފަހަތުގައި ޗައިނާގެ އިންވެސްޓްމެންޓްތައް ހިމެނޭކަން ފާހަގަކުރައްވާ ކަންބޮޑުވުން ފާޅުކުރައްވާފައެވެ.
ދިވެހި ޕާޓްނަރުންނާއި ޗައިނާގެ ޕާޓްނަރުންވެސް ހިމެނޭގޮތަށް ހިންގާ މި ޕްރޮޖެކްޓުތަކަށް އަލިއަޅުއްވާލައްވާ އެމަނިކުފާނު ވިދާޅުވެފައިވަނީ މިފަދަ މަޝްރޫއުތަކަށް އިންވެސްޓުކުރުމަށް ދިވެހި ގިނަ ޕާޓްނަރުންގެ މާލީ ގާބިލުކަމެއް ނުހުންނަ ކަމަށެވެ. އެހެންކަމުން ޗައިނާ ޕާޓްނަރުން މުޅި ޕްރޮޖެކްޓު ގަންނަ ކަމަށާއި މިހެން ތަރައްގީ ކުރާ ރަށްތަށް އެމީހުންގެ އަތް ދަށަށް ދާ ކަމަށް ވިދާޅުވިއެވެ.
ބީބީސީއަށް ދެއްވި ޙާއްސަ އިންޓަރވިއުއެއްގައި ޗައިނާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ޒަންގ ލީ ޒޮންގް ވަނީ ދިވެހިރާއްޖެއަށް ޗައިނާއިން ދޫކޮށްފައިވާ ލޯނުތަކަކީ ލޯނުގެ ދަންތުރަތަކެއް ކަމަށް ދެކެވޭ ވާހަކަތަކަށް ރައްދުދެއްވާފައެވެ. ސަފީރު ވިދާޅުވެފައިވަނީ ޗައިނާގެ ލޯނުތަކަކީ ދަރަނީގެ ދަންތުރައެއް ކަމުގައި ދެކެވޭ ވާހަކަތަކަކީ ހިޔާލީ ވާހަކަތަކެއް ކަމަށެވެ. އަދި އެއްވެސް ގައުމަކުން ގަބޫލުކުރަން ބޭނުން ނުވާފަދަ އިތުރު ޝަރުތެއް ގަބޫލުކުރުމަށް މަޖުބޫރެއް ނުކުރާނެ ކަމަށް ވެސް ވިދާޅުވިއެވެ.
ދިވެހިރާއްޖެއިން ޗައިނާއަށް 3 ބިލިޔަން ޑޮލަރު ދަރާފައިވާ ކަމަށް ރައީސް ނަޝީދު ދެއްކެވި ވާހަކަވެސް ސަފީރު ވަނީ ދޮގުކުރައްވާފައެވެ. ޗައިނާގެ ލޯނުތަކާއި ގުޅޭ ގޮތުން ޗައިނާ ސަފީރާ، ރައީސް ނަޝީދާ ދެބޭފުޅުންގެ ދެމެދު މީގެ ކުރިން ވެސް ބަހުގެ ހޫނު ހަމަލާތައް ބަދަލު ކުރެވިފައިވެއެވެ.