އައްޑޫ ސިޓީން އިތުރު ދެ މީހަކު ކޮވިޑް-19އަށް ޕޮޒިޓިވްވެ، އެ ސިޓީން ކޮވިޑް-19އަށް ޕޮޒިޓިވްވި މީހުންގެ ޖުމްލަ އަދަދު 14ށް އަރައިފިއެވެ.
އެޗްއީއޯސީން ބުނެފައިވާ ގޮތުގައި، ބުދަ ދުވަހު އައްޑޫ ސިޓީން ކޮވިޑް-19އަށް ޕޮޒިޓިވް ވެފައިވަނީ 38 އަހަރުގެ މީހަކާއި 42 އަހަރުގެ މީހެކެވެ.
ޕޮޒިޓިވްވި މީހުންގެ ތެރެއިން އެކަކީ ހުޅުދޫގައި ހޯމް ކަރަންޓީންގައި ހުރި ބަންގްލަދޭޝް މީހެއް ކަމަށާއި ދެން ޕޮޒިޓިވްވި މީހާއަކީ ގަމުގައި ކަރަންޓީންގައި ހުރި މީހެކެވެ. އެ ދެ މީހުންގެ ހާލުވެސް ރަނގަޅު ކަމަށް އައްޑޫ އެކުއެޓޯރިއަލް ހޮސްޕިޓަލްގެ މެނޭޖަރ ޝަރަފް ސާދާތުއާ ހަވާލާ ދެއްވައި އައްޑޫ އޮންލައިންއިން ބުނެފައި ވެއެވެ.
އައްޑޫ ސިޓީން މިހާތަނަށް ޖުމްލަ 14 މީހަކު ކޮވިޑް-19އަށް ޕޮޒިޓިވްވެފައިވާއިރު، އެންމެފަހުން މި ބައްޔަށް ޕޮޒިޓިވްވި ދެ މީހުން ފިޔަވައި އެހެން އެންމެން މިހާރު ވަނީ މި ބަލިން ރަނގަޅުވެފައެވެ.
ކޮވިޑް-19 އަށް ޕޮޒިޓިވްވާ ކޭސްތައް ރަށްތަކުން ފެންނަމުންދާލެއް ގިނަވެފައިވަނީ، މާލެ ސަރަހައްދުން ރަށްތަކަށް ދާމީހުން ގިނަ ކަމުން ނެވެ. އެގޮތުން، ރަށްރަށަށް ހޯމް ކަރަންޓީނަށް ފޮނުވާ ގިނަ ބަޔަކު މި ބައްޔަށް އަންނަނީ ޕޮޒިޓިވް ވަމުންނެވެ. އެކަމާއި ގުޅިގެން ހޯމް ކަރަންޓީނަށް ފޮނުވާ އުސޫލުތައް މިހާރު ވަނީ ހަރުކަށި ކޮށްފައެވެ.