ކޮވިޑް-19 އާއި ގުޅިގެން ހިނގާފައިވާ ހަރަދުތައް އޮޑިޓްކުރަން މަޖިލީހުން ފާސްކުރީ އެމްޑީޕީން ހުށަހަޅައިގެން ކަމަށާއި އެއީ ޕީޕީއެމް ޕީއެންސީން ބުނެގެން ކުރި އޮޑިޓެއް ނޫން ކަމަށް އައްޑޫ މީދޫ ދާއިރާގެ މެންބަރު ރޮޒައިނާ އާދަމް ވިދާޅުވެއްޖެއެވެ.
ކޮވިޑާ ގުޅިގެން ހިނގާފައިވާ ހަރަދުތަކުގެ ތަފްސީލު އޮޑިޓް އޮފީހުން ހާމަކޮށްފައިވާއިރު، އެކަމުގައި ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް ގިނަ ކަންތައްތަކެއް ވަނީ ފެންމަތިވެފައެވެ. އަދި އެ މައްސަލަތައް ބެލުމަށް ކަމާބެހޭ އިދާރާތަކަށް ވަނީ ގޮވާލާފައެވެ.
ކޮވިޑާ ގުޅުންހުރި އޮޑިޓް ރިޕޯޓަށް އިދިކޮޅު ފަރާތްތަކުން ދައްކާ ވާހަކަތަކަށް ރައްދު ދެއްވަމުން މެންބަރު ރޮޒައިނާ އާދަމް ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ ކޮވިޑް ހަރަދުތައް އޮޑިޓް ކުރަން ފާސްކުރީ ވައްކަންކުރާ މީހުން ހޯދުމަށް ކަމަށާއި، އެކަމަކީ އެމްޑީޕީން ހުށަހަޅައިގެން އެ ޕާޓީއަށް ނިސްބަތްވާ ރައްޔިތުންގެ މަޖިލީހުގެ 65 މެންބަރުން ވޯޓު ދީގެން ފާސްކޮށްފައިވާ ހުށަހެޅުމެއް ކަމަށެވެ. އަދި އެއީ ޕީޕީއެމް ޕީއެންސީން ބޭނުންވެގެން ކުރި އޮޑިޓެއް ނޫން ކަމަށްވެސް ރޮޒޭނާ ވިދާޅުވިއެވެ.
ރޮޒޭނާ ވިދާޅުވީ އެމްޑީޕީން ވައްކަން ކުރަން ބޭނުން ނަމަ އެކަންކަން ބެލުމަށް ފާސް ނުކުރީސް ކަމަށެވެ. މީގެ އިތުރުން ރޮޒޭނާ ވިދާޅުވީ ރައީސް އިބްރާޙީމް މުހައްމަދު ޞާލިހަކީ ވައްކަމާ ދެކޮޅު ބޭފުޅެއް ކަމަށެވެ.
ރޮޒޭނާ ވަނީ އަދުގެ ސަރުކާރުން ހިންގާ ކޮރަޕްޝަންގެ އަމަލުތައް ބެއްލެވުމުގައި އެއްވެސް މަޖުބޫރުކަމެއް ނެތި މިނިވަންކަމާއެކު މަސައްކަތްކުރައްވާ ބޭފުޅެއްގެ ގޮތުގައި އޮޑިޓަރ ޖެނެރަލް ސިފަކުރައްވާފައެވެ.
ރައީސް އިބްރާޙިމް މުހައްމަދު ޞާލިހުވެސް ވަނީ އެމަނިކުފާނުގެ އިންތިހާބު ދުވަސްވަރު، އެމްޑީޕީގެ ވެރިކަމެއްގައި މިނިވަންކަމާއެކު މަސައްކަތް ކުރެއްވުމުގެ ފުރުސަތު އޮޑިޓަރ ޖެނެރަލްއަށް ދެއްވާނެ ކަމަށް ވިދާޅުވެފައެވެ. މީގެ އިތުރުން ރައީސް ވަނީ އޮޑިޓަރ ޖެނެރަލް ނެރުއްވާ ރިޕޯޓެއްގައި އޮންނަ ކަންކަން ތަންފީޒުކުރެއްވުމަށް އެންމެ ހިނދުކޮޅެއްވެސް ފަހަތަށް ޖެހިވަޑައި ނުގަންނަވާނެ ކަމަށް ވިދާޅުވެފައެވެ.