ގެވެށި އަނިޔާގެ ޝިކާރަކަށްވާ މީހުންނަށް ހާއްސަކޮށް މަރުކަޒުތައް ކަނޑައަޅައި ޚިދުމަތް ފޯރުކޮށްދިނުމަށް ކުރަންޖެހޭ މަސައްކަތްތައް ޖެންޑަރ މިނިސްޓްރީއިން ފަށައިފިއެވެ.
އެ މިނިސްޓްރީއިން ބުނީ ގެވެށި އަނިޔާގެ ޝިކާރަކަށްވާ މީހުން، ދިރިއުޅުމަށް އަނބުރާ ގެނައުމަށް އެހީތެރިވުމަށްޓަކައި ބައިތިއްބަންޖެހޭ ވަގުތީ ރައްކާތެރިކަމުގެ މަރުކަޒުތައް ކަނޑައަޅައި އެތަންތަނުގެ ޚިދުމަތް ފޯރުކޮށްދިނުމަށް ކުރަންޖެހޭ މަސައްކަތްތައް މިނިސްޓްރީއިން ކުރަން ފަށާފައިވާކަމަށެވެ.
އެގޮތުން “ގެވެށި އަނިޔާ ހުއްޓުވުމުގެ ޤާނޫނު"، ޤާނޫނު ނަމްބަރު (2012/3)ގައި ގެވެށި އަނިޔާގެ ޝިކާރައަކަށްވާ މީހުން، ދިރިއުޅުމަށް އަނބުރާ ގެނައުމަށް އެހީތެރިވުމަށްޓަކައި ބައިތިއްބަންޖެހޭ ވަގުތީ ރައްކާތެރިކަމުގެ މަރުކަޒުތައް ބިނާކުރުމާއި އެފަދަ މަރުކަޒުތަކުގެ މިންގަނޑުތަކާއި، ހަމަތަކާއި، އުޞޫލުތަކާއި އަމާޒުތައް ކަނޑައަޅައި މޮނިޓަރ ކުރުމުގެ މަސައްކަތްތައް ކުރުމަށް ބަޔާންކޮށްފައިވާކަމަށް އެ މިނިސްޓްރީއިން ބުދަ ދުވަހު ނެރުނު އިއުލާނެއްގައި ވެއެވެ.
އަދި ވަގުތީ ރައްކާތެރިކަމުގެ މަރުކަޒުތަކުގެ ގޮތުގައި ފަސް މަރުކަޒެއް ކަނޑައަޅާފައިވާ ކަމަށާ އެ ފަސް މަރުކަޒަކީ ހދ. ކުޅުދުއްފުށި، ށ.ފުނަދޫ، ތ.ވޭމަންޑޫ، ގދ.ތިނަދޫ އަދި ވިލިމާލޭ އަމާން ހިޔާ ކަމަށް ޖެންޑަރ މިނިސްޓްރީއިން އިތުރަށް ބުނެފައި ވެއެވެ.
ޖެންޑަރ މިނިސްޓްރީއިން އިތުރަށް ބުނީ އެ މަރުކަޒުތަކުގައި ހުރި ހިޔާތަކަކީ ޚިދުމަތްތައް އެންމެ ފުރިހަމައަށް ދެވޭ ވަޞީލަތްތައް ހުރި ތަންތަން ކަމުގައި ނުވާތީ ފުރިހަމަ ގޮތުގައި ޚިދުމަތް ފޯރުކޮށްދިނުމަށް ބޭނުންވާ ފައިސާގެ އެހީ އޭޝިއަން ޑިވެލޮޕްމަންޓް ބޭންކުގެ ކެއަރ ޕްރޮޖެކްޓްގެ އެހީގެ ދަށުން މިހާރު ލިބިފައި ވާކަމަށެވެ.