އޮގަސްޓް މަހުގެ އިންކަމް ސަޕޯޓު އެލަވަންސް އަށް ހުށައެޅުމުގެ ފުރުސަތު 30 ސެޕްޓެމްބަރުގައި ހަމަވާނެ ކަމަށް ޖޮބް ސެންޓަރުން ބުނެފިއެވެ.
އެ ސެންޓަރުން ކޮށްފައިވާ ޓުވީޓެއްގައި ވަނީ އޮގަސްޓް މަހުގެ އިންކަމް ސަޕޯޓު އެލަވަންސް އަށް ހުށައެޅުމުގެ ފުރުސަތު 30 ސެޕްޓެމްބަރުގައި ހަމަވާނެ ކަމަށާއި، އެހެންކަމުން މި މުއްދަތު ހަމަވުމުގެ ކުރިން ފޯމު ހުށައެޅުމަށް އެދޭ ކަމަށެވެ.
އިންކަމް ސަޕޯޓް އެލަވަންސް ދިނުމަށް ސަރުކާރުން ނިންމީ ކޮވިޑް-19 ގެ ސަބަބުން ރާއްޖޭގެ އިގްތިސާދަށް ކުރި އަސަރާއި އެކު ވަޒީފާ ގެއްލުނު މީހުންނަށް އެހީތެރިވުމުގެ ގޮތުންނެވެ.
މި އެލަވަންސް ވަޒީފާ އަދާކުރާ ނުވަތަ އަމިއްލަ މަސައްކަތް ކުރާ ދިވެހި ރައްޔިތުންގެ ތެރެއިން، މާޗް އެކެއްގެ ފަހުން ވަޒީފާއިން ވަކިކޮށް ނުވަތަ މުސާރަ ނުލިބޭ ގޮތަށް ސަސްޕެންޑް ކޮށްފައިވާ، ނުވަތަ މުސާރަ ނުލިބޭ ގޮތަށް ނޯޕޭއަށް ފޮނުވައިފައިވާ ނުވަތަ މުސާރައިގެ ގޮތުގައި ލިބޭ އަދަދުން ބައެއް އުނިކޮށްފައިވާ ފަރާތްތަކަށް ލިބޭނެ ކަމަށް ފިނޭންސް އިން ބުނެއެވެ.
އެގޮތުން ވަޒީފާ އިން ވަކިކުރެވިފައިވާ ނުވަތަ ސަސްޕެންޑް ކުރެވިފައިވާ ފަރާތެއްނަމަ، މަހަކު 5000 ރުފިޔާ އަދި މުސާރަ ނުލިބޭ ގޮތަށް ޗުއްޓީ (ނޯޕޭ ލީވް) އަށް ފޮނުވައިފައިވާ ފަރާތެއްނަމަ ވެސް އެވަރު އެލަވަންސްގެ ގޮތުގައި ލިބޭނެ ކަމަށާއި މުސާރައިގެ ގޮތުގައި ލިބޭ އަދަދު އުނިކޮށްފައިވާ ފަރާތެއްނަމަ، އެފަދައިން އުނި ކުރާ އަދަދު އުނި ކުރުމަށްފަހު މުސާރައިގެ ގޮތުގައި ލިބޭ އަދަދަކީ 5000 ރުފިޔާއަށްވުރެ ދަށް އަދަދެއްނަމަ، 5000 ރުފިޔާއިން މިހާރު ލިބޭ މުސާރައިގެ އަދަދު އުނި ކުރުމުން ޖެހޭ އަދަދު ލިބޭނެ ކަމަށް ފިނޭންސް އިން ވަނީ ބުނެފައެވެ.
ފިނޭންސް އިން ވަނީ އުމުރުން 18 އަހަރާއި 65 އަހަރާ ދެމެދުގެ ދިވެހިންނަށް ދޭން ނިންމާފައިވާ މި އެލަވަންސް އަށް ހުށަހަޅައިފައިވާ ފަރާތަކީ އެހެން އާމްދަނީއެއް ލިބޭ މީހެއް ނަމަ، އެފަދައިން ލިބޭ އިތުރު އާމްދަނީން މަހެއްގެ މައްޗަށް ލިބޭ އަދަދަކީ 5000 ނުވަތަ އެއަށްވުރެ މަތީ އަދަދެއް ނަމަ، އެ މީހަކަށް އެލަވަންސް އެއް ނުލިބޭނެ ކަމަށް ވެސް ބުނެފައެވެ.
ފިނޭންސް މިނިސްޓްރީން ވަނީ ކޮވިޑް-19 އާ ގުޅިގެން ޑިސެމްބަރު މަހުގެ ފަހުން ވަޒީފާ އަށް އަސަރުކޮށްފައިވާ ފަރާތްތަކުގެ ތެރެއިން އެލަވެސް ލިބޭ ޝަތުރު ހަމަވާ މީހުންނަށް އެލަވެންސް ދޭން ވަނީ ނިންމާފަ އެވެ.