ކޮވިޑް-19 އާއި ގުޅިގެން މިނިސްޓްރީ އޮފް ނެޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ އިން ކޮށްފައިވާ ހަރަދުތައް ކޮށްފައި ވަނީ ދައުލަތުގެ މާލިއްޔަތު ގާނޫނާއި ގަވާއިދުތަކާއި އެއްގޮތަށް ކަމަށް އޮޑިޓަރ ޖެނެރަލް އޮފީހުން ނެރެފައިވާ ރިޕޯޓުގައި ބުނެފިއެވެ.
އޮޑިޓަރ ޖެނެރަލް ހަސަން ޒިޔަތު ސޮއިކުރައްވާ ނެރުއްވި ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރަސްޓަރަކްޗަރ މިނިސްޓްރީގެ އޮޑިޓް ރިޕޯޓުގައިވާ ގޮތުން ޖެނުއަރީ މަހުގެ އެކަކުން ޖޫން މަހުގެ 30 ނިޔަލަށް އެ މިނިސްޓްރީން ހަރަދުކުރަން ކަނޑައެޅީ 38 މިލިއަން ރުފިޔާގެ ތެރެއިން ހަރަދުކޮށްފައިވަނީ 26 މިލިއަންއެވެ. ބާކީ 11.5 މިލިއަން ރުފިޔާ ހުރި ކަމަށް އޮޑިޓް ރިޕޯޓުގައި ބުނެއެވެ.
ރިޕޯޓުގައިވާ ގޮތުން އެންމެ ބޮޑު ހަރަދެއް ކޮށްފައިވަނީ ށ. އަތޮޅު އަދި ބ. އަތޮޅު ހޮސްޕިޓަލުގައި ގާއިމް ކުރެވުނު ފެސިލިޓީއަށެވެ. ށ. އަތޮޅުގެ ފެސިލިޓީ ގާއިމް ކުރުން ޖުމްލަ ހަރަދުގެ ގޮތުގައި 12 މިލިއަން ކަނޑައަޅާފައިވިޔަސް ޖޫން މަހުގެ 30 ނިޔަލަށް ހަރަދު ކޮށްފައިވަނީ ނުވަ މިލިއަނެވެ. ބ، އަތޮޅު ގާއިމްކުރި ފެސިލިޓީ ޕްރޮޖެކްޓުގެ ޖުމްލަ އަދަދުގެ ގޮތުގައި 13 މިލިއަން ކަނޑައަޅާފައިވިޔަސް މިނިސްޓްރީން ޖޫން މަހުގެ 30 ނިޔަލަށްހަރަދު ކޮށްފައިވަނީ އަށްމިލިއަން ކަމުގައި އޮޑިޓްރިޕޯޓް ގައިވެއެވެ.
ކޮވިޑާ ގުޅިގެން ފައިސާ ހަރަދުކުރި ގޮތުގެ އޮޑިޓް ރިޕޯޓްތައް ހާމަކޮށްފައިވާއިރު އެންމެ ބޮޑަށް ގޯސްތަކެއް ހަދާފައިވާ ކަމަށް މިހާތަނަށް ހާމަވެފައިވަނީ ހެލްތް މިނިސްޓްރީގެ އޮޑިޓް ރިޕޯޓުންނެވެ. އެ ރިޕޯޓުގައިވާ ގޮތުން ކޮވިޑުގެ ބަލި މީހުންނަށް ފަރުވާދޭންވެގެން ވެންޓިލޭޓަރު ގެނައުމުގައި މިނިސްޓްރީން ވަނީ ގޯސްކޮށް ކަންތައްތަކެއް ކޮށްފައެވެ. އެ މައްސަލަ އޭސީސީއާ ފުލުހުންވެގެން ތަހުގީގު ކުރަމުންދާއިރު އެ މިނިސްޓްރީގެ ބިޑް ކޮމިޓީގެ އިސްވެރިން ވަނީ ސަސްޕެންޑް ކޮށްފައެވެ. ހެލްތް މިނިސްޓަރު އަމީން ވަނީ އަމިއްލަފުޅައް މަސައްކަތުން އެކަހެރިވެވަޑައިގެންފައެވެ. މިހާރު ހެލްތް މިނިސްޓްރީ ހިންގެވުމާއި ވަގުތީ ގޮތުން ހަވާލުވެޑައިގެން ހުންނެވީ ޕްލޭނިންގ، ހައުސިންގ އެންްޑް އިންފްރަސްޓަރަކްޗަރ މިނިސްޓަރު މުހައްމަދު އަސްލަމްއެވެ.