ސިވިލް ކޯޓުގެ ޤާޟީ ޒުބައިރު މުހައްމަދުގެ މައްސަލަ ތަހުޤީގު ކުރުމަށް ތަހުޤީގު ކޮމިޓީއެއް އެކުލަވާލުމަށް ޖުޑިޝަލް ސާރވިސް ކޮމިޝަނުން ނިންމައިފިއެވެ.
އަންގާރަ ދުވަހު ޖޭއެސްސީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ޤާޟީ ޒުބެއިރު ސިޔާސީ ހަރަކާތްތަކާއި ޖަމުއިއްޔާއެއްގެ މަސައްކަތުގައި އަމަލީ ގޮތުން ބައިވެރިވި ކަމަށް ބުނެ ކޮމިޝަނަށް ހުށަހަޅާފައިވާ މައްސަލައެއް ތަހުޤީގު ކުރުމަށް ކޮމިޝަނުން ނިންމާފައިވާ ކަމަށެވެ.
އެގޮތުން މިހިނގާ ސެޕްޓެމްބަރު މަހުގެ 9 ވަނަ ދުވަހު ބޭއްވި ކޮމިޝަންގެ މިއަހަރުގެ 65 ވަނަ ބައްދަލުވުމުގައި މި މައްސަލަ ބަލަން ތަހުޤީގު ކޮމިޓީއެއް އެކުލަވާލަން ނިންމާފައިވާ ކަމަށް ބަޔާނުގައި ވެއެވެ.
ޤާޟީ ޒުބައިރު މުހައްމަދުގެ މައްސަލަ ބެލުމަށް ކޮމެޓީއެއް އެކުލަވާލަން ޖޭއެސްސީ އިން ނިންމާފައިވާއިރު މޯލްޑިވިއަން ޑިމޮކްރަސީ ނެޓްވޯކް (އެމްޑީއެން) އިން ނެރުނު ރިޕޯޓާ ގުޅިގެން ފިޔަވަޅު އެޅުމަށް ގޮވާލައި ބޭއްވި ޙަރަކާތެއްގައި ބައިވެރިވެފައިވާތީ ރ ހުޅުދުއްފާރުގެ އިސް މެޖިސްޓްރޭޓް ޢަލީ މުޞްޠަފާ އާމެދު ފިޔަވަޅު އެޅުމަށް ވެސް އެ ކޮމިޝަނުން ވަނީ ނިންމާފައެވެ.