އައިއެސްއޯގެ ސްޓޭންޑާޑް ތަކަށް ފެނަކަ ސަރޓިފައިވެއްޖެއެވެ.
ފެނަކަ ކޯޕަރޭޝަނުން ވަނީ އައިއެސްއޯ ސްޓެންޑަޑުގެ ކޮލިޓީ މެނޭޖްމަންޓާއި، އޮކިއުޕޭޝަނަލް ހެލްތު އެންޑް ސޭފްޓީ ސެޓްފިކެޓް ހާސިލްކޮށްފައެވެ. އެއީ އައިއެސްއޯ 2015-9001 (ކޮލިޓީ މެނޭޖްމަންޓް) އަދި އައިއެސްއޯ 2018-45001 (އޮކިއުޕޭޝަނަލް ހެލްތު އެންޑް ސޭފްޓީ) އިން ލިބުނު ސެޓްފިކެޓެވެ.
އެގޮތުން ކޮލިޓީ މެނޭޖްމަންޓަކީ ބައިނަލްއަގްވާމީ ގޮތުން މުއައްސަސާތަކާއި ކުންފުނިތަކުން ފޯރުކޮށްދޭ ހިދުމަތްތަކަކީ ރަނގަޅު ފެންވަރުގައި ހިފެހެއްޓިފައިވާ ހިދުމަތްތަކެއްތޯ ބަލާނެ ގޮތް ކަނޑައެޅުމުގެ ގޮތުން އެކުލަވާލާފައިވާ މިންގަނޑުތަކެވެ.
އަދި އޮކިއުޕޭޝަނަލް ހެލްތު އެންޑް ސޭފްޓީގެ މިންގަނޑުތަކަކީ މަސައްކަތުގެ މާހައުލުގައި އެކަށޭނެ މިންވަރަށް ސަލާމަތާއި ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅިފައިވޭތޯ ބަލަން އެކުލަވާލާފައިވާ މިންގަނޑުތަކެކެވެ.
އެގޮތުން ފެނަކަ އިން ބުނީ އައިއެސްއޯ އަށް ސަރޓިފައި ވުމަށް ކުރެވުނު މަސައްކަތުގެ ތެރެއިން މިހާރު ކުންފުނީގެ ލަނޑުދަނޑި ހާސިލް ކުރުމަށް މަސައްކަތް ކުރާނެ ގޮތާ، ކުރެވޭ މަސައްކަތް ވަޒަން ކުރެވޭނެ މިންގަނޑުތައް އަދި މަސައްކަތްތަކަާ ގުޅުން ހުރި މައުލޫމާތު ގެ އިތުރުން ފޯމެޓްތަކާ ރިޕޯޓުތައް ހުށަހަޅަންޖެހޭ ފަރާތްތަކުން އަދި މަސައްކަތް ބަލާނެ އިންތިޒާމް ހަމަޖައްސާ، އެގޮތަށް އަމަލު ކުރެވޭނެ ކަމަށެވެ.
މީގެ އިތުރުންވެސް އާ މިންގަނޑުގެ ދަށުން ކޮންމެ ޑިޕާޓްމަންޓަކަށް ވެސް ހާސިލް ކުރަންޖެހޭ ސްމަރޓް ލަނޑުދަނޑި ތަކެއް ކަނޑައެޅިފައިވާ ކަމަ ށްވެސް ފެނަކައިން ބުނެފައިވެއެވެ. އަދި މި ލަނޑުދަނޑިތައް ކުންފުނީގެ ތަސައްވުރާ ވަކިވަކި މުވައްޒަފުންގެ ކީ ޕަރފޯމެންސް އިނޑިކޭޓަރސް އާ ގުޅުވިފައި ހުންނާނެ ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ.
ފެނަކައިން ބުނީ މިއީ ފެނަކައިގެ ގެއްލިފައިވާ އިތުބާރު ހޯދަން މެނޭޖިން ޑިރެކްޓަރު އަހްމަދު ސައީދާއި މުވައްޒަފުން ކުރި ބުރަ މަސައްކަތުގެ ނަތީޖާ ކަމަށެވެ.
މީގެ އިތުރުން 2018 ވަނަ އަހަރާ ހަމައަށް ކުންފުނި ހިންގަމުން ދިޔައީ ދަރަނީގެ ތައްގަނޑު ޖަހައިގެން ކަމަށް ވީނަމަވެސް 2019 ވަނަ އަހަރު ނިންމާލިއިރު ފުރަތަމަ ފަހަރަށް ފެނަކަ އަރަނި ކުންފުންޏެއްގެ ގޮތުގައި ނަފާ ތައްގަނޑު ޖަހާފައިވާ ކަމަށާއި މިއީ ކުންފުނި ހިންގުމަށް އައި ފުރިހަމަ ބަދަލާއެކު ލިބިފައިވާ އެންމެ ބޮޑު ހިތްހަމަ ޖެހުން ކަމަށް ވެސް އެ ކުންފުނިން ވަނީ ހާމަކޮށްފައެވެ.
ކުންފުންޏަށް ގެނެވުނު ހެޔޮ ބަދަލާއެކު ކުންފުނީގެ ހުރިހާ މުވައްޒަފުންނަކީ ވެސް ނަޒާހަތްތެރިކަމާއެކު ހަލާލު މަސައްކަތުން ތާހިރު ދިރިއުޅުމަކަށް ވާސިލްވުމަށް ކަމަރު ބަނދެގެން ތިބި ކުންފުނި ފަހުރުވެރިވާ ފަދަ މުވައްޒަފުން ކަމަށެވެ.
އެކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަހްމަދު ސައީދު ވަނީ ބައިނަލްއަގްވާމީ މިންގަނޑަށް ފެނަކައިގެ މަސައްކަތްތައް ގެންދެވުނު ކަމަށްޓަކައި އެ ކުންފުނީގެ މުވައްޒަފުންނަށް މަރުހަބާ ދަންނަވާ، ޝުކުރު ދަންނަވާފައެވެ.