ރާއްޖެއިން އިތުރު 200ށް ވުރެ ގިނަ މީހުން ކޮވިޑް-19ން ރަނގަޅު ވެއްޖެއެވެ.
ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ)ގެ އެންމެ ފަހުގެ ތަފާސް ހިސާބުތައް ދައްކާ ގޮތުން ހޯމަ ދުވަހުގެ ހަވީރު 06:00ގެ ނިޔަލަށް ރާއްޖެއިން އިތުރު 210 މީހަކު ވަނީ ބަލިން ފަސޭހަވެފައެވެ. އެއާއެކު، ރާއްޖެއިން ކޮވިޑް ޖެހިގެން ރަނގަޅުވި މީހުންގެ އަދަދު ވަނީ 7536ށް އަރާފައެވެ.
އޭގެ އިތުރުން، އިތުރު 70 މީހަކު ބައްޔަށް ޕޮޒިޓިވް ވެފައިވާއިރު، އޭގެ ތެރޭގައި 48 ދިވެހިންނާއި، 22 ބިދޭސީއަކު ހިމެނެއެވެ. އެއާއެކު ރާއްޖެއިން ކޮވިޑް-19 އަށް ޕޮޒިޓިވްވި މީހުންގެ ޖުމުލަ އަދަދު ވަނީ 9243ށް އަރާފައެވެ. އަދި މިވަގުތުގެ އެކްޓިވް ކޭސްތަކުގެ އަދަދަކީ 1668 އެވެ.
އެޗްޕީއޭގެ ތަފާސް ހިސާބުތައް ދައްކާ ގޮތުން މިވަގުތު ވެސް 834 މީހަކަށް އައިސޮލޭޝަން ފެސިލިޓީތަކުގައި ދަނީ ފަރުވާދެމުންނެވެ. އަދި ހޮސްޕިޓަލުގައި 105 މީހަކަށް ފަރުވާދެމުންދެއެވެ.
އެޗްޕީއޭއިން ބުނީ، މިވަގުތު ވެސް 21 ރަށަކުން އެކްޓިވް ކޭސްތައް ފެނިފައިވާ ކަމަށެވެ. އަދި 32 ރިސޯޓަކުން ކޭސްތައް ފެނިފައިވާއިރު، 22 ފަތުރުވެރިއަކާއި، 50 މުވައްޒަފަކު ކޮވިޑަށް ޕޮޒިޓިވް ވެފައިވެއެވެ.