ހަނިމާދޫ އިންޓަރނޭޝަނަލް އެއަރޕޯޓް ތަރައްޤީ ކުރުމުގެ މަޝްރޫއުގެ ފީސިބިލިޓީ ސްޓަޑީ އަންނަ ނޮވެމްބަރު މަހުގެ ނިޔަލަށް ނިންމާލެވޭނެ ކަމަށް އިކޮނޮމިކް މިނިސްޓަރ ފައްޔާޒް އިސްމާއިލް ވިދާޅުވެއްޖެއެވެ.
ރާއްޖެ.އެމްވީ އާ ވާހަކަ ދައްކަވަމުން މިނިސްޓަރ ފައްޔާޒް ވިދާޅުވީ ހަނިމާދޫ އެއަރޕޯޓް ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ މަސައްކަތް ފެށިގެން ކުރިއަށްދާތާ ހަ މަސް ދުވަސް ވެފައިވާ ކަމަށާއި، މި މަޝްރޫ ޢަކީ އިންޑިއާ ސަރުކާރުގެ ކްރެޑިޓް ލައިންގެ ތެރެއިން 54 މިލިއަން އެމެރިކާ ޑޮލަރު ޚަރަދު ކޮށްގެން ހިންގާ މަޝްރޫޢެއް ކަމަށެވެ.
އިންޑިއާ ސަރުކާރުން ރާއްޖެއަށް ދެއްވާނެ ކަމަށް އިއުލާން ކޮށްފައިވާ 800 މިލިއަން ޑޮލަރުގެ ކްރެޑިޓް ލައިންގެ ތެރެއިން ބައެއް މަޝްރޫޢުތައް ހިންގުމަށް ނިމުނު އޮގަސްޓް މަހުގެ މެދުތެރޭ އިންޑިއާގެ އެކްސްޓަރނަލް އެފެއަރޒް މިނިސްޓަރ ޑރ ޖައިޝަންކަރާއި، ރާއްޖޭގެ ޚާރިޖީ ވަޒީރު އަބްދުﷲ ޝާހިދުގެ މަޝްވަރާ ތަކަށްފަހު އިއުލާން ކޮށްފައިވެއެވެ. މީގެ ތެރޭގައި ހަނިމާދޫ އެއަރޕޯޓް ތަރައްޤީ ކުރުން ހިމެނެއެވެ.
މިނިސްޓަރ ފައްޔާޒް ވިދާޅުވީ މިހާރު ތައްޔާރުވަމުން ދަނީ މަޝްރޫޢުގެ ފީސިބިލިޓީ ހެދުމަށް ކަމަށާއި، އެކަމާ ބެހޭ ގޮތުން ހޯމަ ދުވަހު އިންޑިއާ ސަރުކާރާއެކު މަޝްވަރާ ކުރައްވާފައިވާ ކަމަށެވެ. ފީސިބިލިޓީ ހެދުމަށް އަންނަ ހަފްތާގައި އިންޑިއާގެ އެއަރޕޯޓްސް އޮތޯރިޓީ ކުންފުނީގެ ޓީމެއް އަންނާނެއެވެ. އަދި މި މަސައްކަތް ނޮވެމްބަރު މަހުގެ ނިޔަލަށް ނިންމައި، މަޝްރޫޢު ހިންގުމަށް ޓެންޑަރއަށް ހުޅުވާލުމުގެ މަސައްކަތް އިންޑިއާގެ އެގްޒިމް ބޭންކުން ކުރިއަށް ގެންދާނެ ކަމަށް މިނިސްޓަރ ފައްޔާޒް ވިދާޅުވިއެވެ.
މީގެ އިތުރަށް، އުތުރާއި ދެކުނުގައި އެއަރޕޯޓްތައް ތަރައްޤީ ކުރުމުގެ މަސައްކަތް ނިމުމުން، ރާއްޖެއަށް މިހާރު އަންނަ އަދަދަށްވުރެ ގިނައިން ފަތުރުވެރިން ގެނެވި، ސީދާ އެ އެއަރޕޯޓްތަކަށް ޑައިރެކްޓް ފްލައިޓްތައް ބޭއްވުމުން، އުތުރާއި ދެކުނަށް ތަރައްޤީ އަންނާނެ ކަމަށް ވެސް ފައްޔާޒް ވިދާޅުވިއެވެ.