ކ. މާލެ
|
14 ސެޕްޓެންބަރ 2020 | ހޯމަ 18:36
ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު އާއި އިންޑިއާ ސަފީރު ސަންޖޭ ސުދީރު
ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު އާއި އިންޑިއާ ސަފީރު ސަންޖޭ ސުދީރު
ފޮރިން މިނިސްޓްރީ
އިންޑިއާގެ އެހީގައި ހިންގާ މަޝްރޫއުތައް
އިންޑިއާ އާ އެކު އޮންނަ ގުޅުން ހަޖަމް ނުވެގެން އުޅެނީ ސަރުކާރުން ހިންގާ މަޝްރޫއުތައް ފެނި ހިތްދަތިވާ މީހުން: ޝާހިދު
މިސަރުކާރުން ކުރަމުން ގެންދާނީ ރައްޔިތުންނަށް ފައިދާހުރި މަސައްކަތްތައްކަމަށް ވިދާޅުވި
މިސަރުކާރުން ހިންގަމުން ގެންދާ މަޝްރޫއުތައް އެންމެ އުތުރުން އެންމެ ދެކުނަށް ބަލާލުމުންވެސް ފެންނާނެ ކަމަށް ވިދާޅުވި
ކޮވިޑާއި ގުޅިގެންވެސް މަޑުޖެހުމެއްނެތި މަޝްރޫޢުތައް ކުރިއަށްދާކަން ފާހަގަ ކުރެއްވި

އިންޑިއާ އާއި ރާއްޖެއާ މިއޮތް ގުުޅުމަކީ ވަރަށް ޚާއްސަ ގުޅުމެއް ކަމަށާއި އެ ގުޅުން ހަޖަމް ނުވެގެން އުޅެނީ ސަރުކާރުން ހިންގާ މަޝްރޫއުތައް ފެނި ހިތްދަތިވާ މީހުން ކަމަށް މިނިސްޓަރ އޮފް ފޮރިން އެފެއަރޒް އަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.

އިންޑިއާ ސަރުކާރުގެ ހިލޭ އެހީގެ ދަށުން މ. ކޮޅުފުށީގައި މަގު ބައްތި ޖެހުމަށް ހިންގި މަޝްރޫއުގެ ނިމުން ފާހަގަ ކުރުމަށް ހޯމަ ދުވަހު ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން މިނިސްޓަރ ޝާހިދު ވިދާޅުވީ އެ ފަރާތްތަކުން ދައްކާ ވާހަކައަކަށް ބަލަން ނުތިބޭނެ ކަމަށާއި މި ސަރުކާރުން ކުރަމުން ގެންދާނީ ރާއްޖޭގެ ރައްޔިތުންނަށް ފައިދާ ހުރި މަސައްކަތްތައް ކަމަށެވެ.

ރާއްޖޭގެ ރައްޔިތުންގެ ތަރައްޤީއަށް ކުރަން ޖެހޭ ކޮންމެ ކަމެއް ކުރާނެ ކަމަށާއި އެކަމުގައި ފަސް ނުޖެހޭނެ ކަމަށެވެ.

ރާއްޖޭގެ ރައްޔިތުންނަށް ބޭނުންވާ ހުރިހާ ކަމެއް ރައީސް އިބްރާހިމް މުޙައްމަދު ޞާލިހުގެ ސަރުކާރުން ކޮށްދޭނެ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

މިނިސްޓަރ ޝާހިދު ވިދާޅުވީ މި ސަރުކާރުން ހިންގަމުން ގެންދާ ތަރައްގީގެ މަޝްރޫއުތައް ރާއްޖޭގެ އެންމެ އުތުރުން އެންމެ ދެކުނަށް ބަލާލުމުން ވެސް ފެންނާނެ ކަމަށެވެ.

މުޅި ދުނިޔެ ކޮވިޑްގެ ނުރައްކާތެރި ވަބާގައި އޮތްއިރުވެސް އެއްވެސް މަޝްރޫއެއް މަޑުޖެހިލުމެއް ނެތި ހަލުވި ސްޕީޑުގައި ކުރިއަށްދާކަން މިނިސްޓަރ ފާހަގަ ކުރެއްވިއެވެ.

ކޮންމެ ރަށެއްގައި، ކޮންމެ އަތޮޅެއްގައި ހިނގަމުންދާ ޕްރޮޖެކްޓްތައް އެހެރީ އަޅުގަނޑުމެން ކުރިމަތީގައި ނިމެމުން ފެށެމުން، ފެށެމުން ނިމެމުން އެހެރަދަނީ. ކުދި ޕްރޮޖެކްޓްތައް، އެއީ މަގު ބައްތިޖެހުންކަމުގައި ވިއަސް، ބަނދަރު ހެދުން، ސްކޫލް އެޅުން، ފެނާއި ނަރުދަމާގެ މަސައްކަތް، މިހިރަ ކަންތައްތައް އެހެރަދަނީ ހިނގަމުން. މެދު ނުކެނޑި ހިނގަމުން. ބޮޑެތި ޕްރޮޖެކްޓްތައް އަންނަނީ ތައްޔާރުވަމުން. ނަގާ ބޮޑުކުރަމުން އަންނަަނީ. އެންމެ ދެކުނުގައި އައްޑޫ އަތޮޅުގެ މަގުތައް އައްޑޫ އަތޮޅުގެ ތަރައްޤީއަށް އަމާޒު ކުރައްވާފއިވާ ޙާއްސަ މަޝްރޫއު، އިރާދަކުރެއްވިއްޔާ ލަހެއްނުވެ އަމަލީ މަސައްކަތްތައް ފެށިގެންދާނެ. ގްރޭޓާ މާލެ ކަނެކްޓިވިޓީ ޕްރޮޖެކްޓްގެ ގޮތުގައި އޮތް، މާލެއާ ވިލިނގިއްޔާ ތިލަފުއްޓާ ގުޅާލެވިގެންދާ ރާއްޖޭގައި ހިނގޭ އެންމެ ބޮޑުއެއް މަޝްރޫއު މިހާރުނަގާ ބޮޑުކޮށްފަވަނީ، އިރާދަކުރެއްވިއްޔާ އެމަސައްކަތްވެސް ލަހެއްނުވެ ފެށިގެންދާނެ.
ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު

މީގެ އިތުރުން ރާއްޖޭގައި ކެންސަރުގެ ބައްޔަށް ބޭސް ކުރާ ފަރާތްތަކުން އެ އުފުލަމުން ގެންދާ ހިތްދަތި ކަމަށް ހައްލެއް ގެނައުމުގެ ގޮތުން، ހުޅުމާލޭގައި ކެންސަރަށް ޙާއްސަ ކޮށްގެން އަޅާ ހޮސްޕިޓަލެއްގެ މަސައްކަތް ފެށުމަށް ތައްޔާރުވަމުންދާ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

މިފަދަ ބޮޑެތި މަޝްރޫއުތަކާ، ކުދިކުދި މަޝްރޫޢުތަކަށް ވެސް އިންޑިއާގެ ސަރުކާރުން ވެދެއްވާ އެހީތެރިކަން މިނިސްޓަރ ފާހަގަ ކުރެއްވިއެވެ.

އެކަމަށްޓަކައި އިންޑިއާގެ ބޮޑު ވަޒީރަށާއި، އިންޑިއާ ސަރުކާރުގެ ވެރީންނަށް، ޙާއްސަކޮށް ޙާރިޖީ ވަޒީރު، ޑރ. ޖައެޝަންކަރަށް މިނިސްޓަރު ޝުކުރު އަދާ ކުރެއްވިއެވެ. އަދި އިންޑިއާއިން ރާއްޖޭގައި މިހުންނަވާ ސަފީރާ އެމަނިކުފާނުގެ އަރިހުގައި މަސައްކަތް ކުރައްވާ ހީވާގި ޓީމަށް ވެސް މިނިސްޓަރ ޝާހިދު ޝުކުރު އަދާކުރެއްވިއެވެ.

- ކޮމެންޓް