ކްރައުން ކޮމްޕެނީ ޕްރައިވެޓް ލިމިޑެޓުން ކުރިން ހިންގަމުންދިޔަ، ކޮންރަޑް މޯލްޑިވްސް ރަންގަލި އައިލެންޑް ރިސޯޓުން 2012 ވަނަ އަހަރު ވަޒީފާ އިން ވަކި ކުރި 22 މުވައްޒަފަކަށް 27.1 މިލިއަން ރުފިޔާ ދޭންޖެހޭ ކަމަށް ހައިކޯޓުން ނިންމާފައިވާ މައްސަލައިގެ އިސްތިއުނާފް އަޑުއެހުމެއް ހޯމަ ދުވަހު ސުޕްރީމް ކޯޓުގައި ކުރިއަށް ގެންގޮސްފިއެވެ.
ހޯމަ ދުވަހު، ސުޕްރީމް ކޯޓުގައި ކުރިއަށް ގެންދިޔަ އަޑުއެހުމުގައި ހުލާސާ ގޮތެއްގައި އިސްތިއުނާފް ކުރާ ކްރައުން ކޮމްޕެނީގެ ފަރާތުންނާއި، މުވައްޒަފުންގެ ފަރާތުން ވަކާލާތު ކުރައްވާ ގާނޫނީ ވަކީލުން ވާހަކަ ދައްކަވާފައި ވެއެވެ.
ނަމަވެސް މި މައްސަލަ ބައްލަވާ ސުޕްރީމް ކޯޓުގެ ފަނޑިޔާރުގެ ބެންޗުގެ އިސްފަނޑިޔާރު މަހާޒު އަލީ ޒާހިރު ވިދާޅުވީ، ހޯމަ ދުވަހަށް ކަނޑައެޅިފައިވާ ވަގުތަށް ވުރެ އިތުރަށް ދެފަރާތުން ބައެެއް ވާހަކަތައް ދެއްކުމަށް އެދިފައިވާތީ، އިތުރު އަޑުއެހުމެއް ބާއްވާނެ ކަމަށެވެ. ނަމަވެސް އަޑުއެހުން ބާއްވާނެ ވަކި ތާރީހެއް އިއުލާން ކުރައްވާފައެއްް ނުވެއެވެ.
ކްރައުން ކޮމްޕެނީން އެ 22 މުވައްޒަފުންނަށް މުސާރަ އާއި އެލަންވަންސްގެ ގޮތުގައި ލިބެންޖެހޭ ފައިސާ އާއި ވަޒީފާ އިއާދަކުރަން ޖެހުނީ، ވަޒީފާއާ ބެހޭ ޓްރައިބިއުނަލުން ކުރި ހުކުމް ހައިކޯޓުން ވެސް ތާއީދުކުތުމާއި ގުޅިގެން ނެވެ.
ހައިކޯޓުން ވެސް ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނިންމުން ރަނގަޅު ކަމަށް ނިންމުން ކްރައުން ކޮމްޕެނީން ވަނީ މި މައްސަލަ ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކޮށްފައެވެ.
ވަޒީފާއާ ބެހޭ ޓްރައިބިއުނަލް އިން ކޮށްފައިވާ ހުކުމްގައި ބުނެފައި ވަނީ ވަޒީފާއާ ބެހޭ ގާނޫނާއި އެ ގާނޫނުގެ ދަށުން އެކުލަވާލާފައިވާ އެއްވެސް ގަވާއިދެއްގައި ވެސް "ރިޑަންޑަންސީ" ނުވަތަ ވަޒީފާ އުވާލުމުގެެ ހާލަތު މެދުވެރިވުމަކީ މުވައްޒަފަކު ވަޒީފާއިން ވަކި ކުރުމަށް އެކަށީގެންވާ ސަބަބެއް ކަމަށް ބަޔާންކޮށްފައި ނުވާ ކަަމަށެވެ.
މީގެ އިތުރުން މި މައްސަލައިގައި ހިމެނޭ ފަރާތްތައް ވަކިކޮށްފައި ވަނީ އެ ފަރާތްތައް ވަޒީފާ އަދާކުރަންޖެހޭ ކޮންރަޑް މޯލްޑިވްސް ރަންގަލި އައިލެންޑް ހިންގުމަށް ބޭނުންވާ މުވައްޒަފުންގެ އަދަދު ކުރިއަށް ވުރެ މަދުކޮށް ރިޑަންޑަންސީ އިއުލާނު ކުރުމާ ގުޅިގެން ކަަމަށް މައްސަލަ ރައްދުވި ފަރާތުން ބުނާ އިރު، މައްސަލަ ހުށަހެޅި ފަރާތްތައް ވަޒީފާއިން ވަކިކުރި މަރުހަލާއަށް ފަހު މުވައްޒަފުން މަދުކުރަން ޖެހޭތޯ ވަޒަންކޮށް މައްސަލަ ރައްދުވި ކުންފުނިން ބަލާފައިވާ ގޮތެއް އެނގެން ނެތް ކަމަށް ވެސް ހުކުމުގައިވެ އެވެ.
ވަޒީފާއާ ބެހޭ ގާނޫނުގެ 27 ވަނަ މާއްދާއަށް ރިއާޔާތްކޮށް މައްސަލަ ހުށަހެޅި ފަރާތްތައް ވަޒީފާއިން ވަކިކޮށްފައި ވަނީ، ވަޒީފާއާ ބެހޭ ގާނޫނާ ހިލާފަށް ކަމަށް ޓްރައިބިއުނަލްގައި މި މައްސަލަ ބެއްލެވި ފަނޑިޔާރުންގެ އިއްތިފާގުން ކަނޑަޅާފައިވެ އެވެ. ވަޒީފާއާ ބެހޭ ގާނޫނުގެ 29 ވަނަ މާއްދާގެ (ހ) ގެ އެއް ނަންބަރަށް ރިއާޔަތްކޮށް މައްސަލަ ހުށަހެޅި ފަރާތްތައް ކުރިން އަދާކުރަމުންދިޔަ ވަޒީފާގައި އަލުން ބެހެއްޓުމަށާއި އެފަރާތްތަކަކީ އެއްވެސް ހާލެއްގައި ވަޒީފާއިން ވަކިވެފައިވާ ފަރާތްތަކެއް ކަމުގައި ނުބެލުމަށާއި އެފަރާތްތަކަށް ވަޒީފާއިން ވަކިކުރިކަމަށް ބުނާ ތާރީހުން ފެށިގެން މި މައްސަލަ ނިމުނު ދުވަހާ ހަމައަށް މުސާރަ އާއި އިނާޔަތުގެ ގޮތުގައި އެފަރާތްތަކަށް ލިބެންޖެހޭ ފައިސާގެ ތެރެއިން ވަޒީފާއިން ވަކިކުރިއިރު ދީފައިވާ ފައިސާ އުނި ކުރުމަށް ފަހު މައްސަލަ ހުށަހެޅި ފަރާތްތަކަށް ބާކީ ދޭން ޖެހޭ މިންވަރު 2012 ވަނަ އަހަރުގެ ފެބްރުއަރީ 19 އިން ފެށިގެން 10 ދުވަހުގެ ތެރޭގައި އެކީ އެއްފަހަރާ ދީ ހަލާސް ކުރުމަށް ވަޒީފާއާބެހޭ ޓްރައިބިއުނަލުން ވަނީ އަންގާފަ އެވެ.
ރަންގަލި ރިސޯޓުން 22 މުވައްޒަފަކު ވަކި ކުރި މި މައްސަލައިގައި ހިމެނޭ ހުރިހާ މުވައްޒަފުންނަކީ ޓޫރިޒަމް އެމްޕްލޮއީސް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ޓީމް) ގެ މެންބަރުންނެވެ. ޓީމް އަކީ ފަތުރުވެރިކަމުގެ ދާއިރާގައި މަސައްކަތް ކުރާ މުވައްޒަފުންގެ ހައްގުތަކަށް ވަކާލާތު ކުރާ ޖަމިއްޔާއެކެވެ.
މައްސަލައިގައި އެއިން ކޮންމެ މުވައްފަކަށް ގާތްގަނޑަކަށް 80،000 އެމެރިކާ ޑޮލަރު ކްރައުން ކުންފުނިން ދައްކަން ޖެހޭ އިރު މިއީ މުޅި ޖުމްލަ ގާތްގަނޑަކަށް 1.7 މިލިއަން ޑޮލަރެވެ. އަދި ދިވެހި ފައިސާ އިން ނަމަ، 27.1 މިލިއަން ރުފިޔާއެވެ.