އިންޑިއާ ސަރުކާރުގެ ހިލޭ އެހީގެ ދަށުން މ. ކޮޅުފުށީގައި މަގު ބައްތި ޖެހުމަށް ހިންގި މަޝްރޫއު ނިންމާލައިފިއެވެ.
މި މަޝްރޫއުގެ ނިމުން ފާހަގަކުރުމަށް ހޯމަ ދުވަހު ވަނީ ވަރޗުއަލްކޮށް ރަސްމިއްޔާތެއް ބާއްވާފައެވެ.
މި ރަސްމިއްޔާތުގައި މިނިސްޓަރ އޮފް ފޮރިން އެފެއަރޒް އަބްދުﷲ ޝާހިދު، އިންޑިއާއިން ދިވެހިރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ސަންޖޭ ސުދީރު، ރައްޔިތުންގެ މަޖިލީހުގެ މުލަކު ދާއިރާގެ މެމްބަރު އިބްރާހިމް ނަސީރުގެ އިތުރުން ކޮޅުފުށި ކައުންސިލްގެ ރައީސް ހުސައިން ޝާމިލް ބައިވެރިވެވަޑައިގަތެވެ.
1.5 މިލިއަން ދިވެހި ރުފިޔާގެ މި މަޝްރޫޢަކީ އިންޑިއާއިން 2019 ވަނަ އަހަރު ދެއްވާފައިވައިވާ 106 މިލިއަން ދިވެހި ރުފިޔާގެ ހިލޭ އެހީގެ ތެރެއިން ހިންގުނު މަޝްރޫއެކެވެ.
މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު ވަނީ ކޮޅުފުށީގެ މަގުތަކުގައި މަގުބައްތި ޖެހުމުގެ މަޝްރޫޢަކީ އެރަށުގެ ރައްޔިތުންނަށް ވަރަށް މުހިއްމު ޕްރޮޖެކްޓެއް ފާހަގަކުރައްވައި، އެކަމަށް ބޭނުންވާ އެހީ ހަމަޖައްސަވައި ދެއްވި ކަމަށް ޓަކައި އިންޑިއާ ސަރުކާރަށް ޝުކުރު އަދާކުރައްވާފައެވެ.
ކޮޅުފުށީގެ މަގުތައް އަލިކުރެވުމުން، އެރަށުގައި ހިންގާ ކުށްތައް މަދުކުރެވި، ރަށުގެ ރައްޔިތުންނަށް މަގުތައް ބޭނުންކުރުމުގައި އިތުރު ފަސޭހަތަކެއް ލިބިގެންދާނެއެވެ.
އިންޑިއާ ސަރުކާރުގެ ހިލޭ އެހީގެ ދަށުން ދެއްވާފައިވާ 106 މިލިއަން ރުފިޔާގެ ތެރެއިން ހިންގާ މަޝްރޫއުތައް މެނޭޖްކުރަމުންދަނީ މަޝްރޫޢު ހިންގާ ރަށްތަކާ ސަރުކާރުގެ އިދާރާތައް ގުޅިގެންނެވެ.