ސައިޒު ދެއްކުމަށް ވުރެ، ރުނބާ މުށިގަނޑެއް ނަގައިގެން އިދިކޮޅަށް ތުނބުޅި ބާލަން އޮތަސް މާ ރަނގަޅުވާނެ ކަމަށާއި އެއިރުން ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދަށް ކަމެއް ކުރެއްވޭކަމުގެ އިހުސާސުވާނެކަމަށް އެމްޑީޕީގެ ނައިބު ރައީސް އަދި ރައީސް އޮފީހުގެ މިނިސްޓަރ، މުހައްމަދު ޝިފާޒް ވިދާޅުވެއްޖެއެވެ.
ރާއްޖެޓީވީގެ ސިޔާސީ ދުނިޔެ ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން ޝިފާޒް ވިދާޅުވީ ވަހީދަކީ ރާއްޖޭގެ ރައީސް ކަން ކުރެއްވި ބޭފުޅެއް ކަމަށް ގަބޫލު ނުކުރައްވާނެކަމަށެވެ.
ޕީޕީއެމް އިން ބޭއްވި ސައިކަލު ބުރެއްގައި ވާހަކަ ދައްކަވަމުން އެ ޕާޓީގެ އެޑްވައިޒަރެއްގެ ގޮތުގައި ހުންނަވާ ރައީސް ވަހީދު ވަނީ ސަރުކާރަށް ސައިޒު ދައްކާލާނެކަމަށް ވިދާޅުވެފައެވެ. އެކަމަށް އިޝާރަތް ކުރައްވާ ޝިފާޒު ވިދާޅުވީ، ހަމަ އިސްކޮޅަށް ތެދުވެފަައި ހުންނަ އިރު ސައިޒު ވަރަށް ރަނގަޅަށް ފެންނަ ކަމަށާއި އެބޭފުޅާ އެ ބުނާ ސައިޒެއް ބަލަން ބޭނުން ނުވާކަމަށެވެ.
ޝިފާޒު ވިދާޅުވީ، ސައިޒު ދެއްކުމުގެ ވާހަކައިގެ ބަދަލުގައި އެބޭފުޅާ ރުނބާ މުށިގަނޑެއް ނަގައިގެން އިދިކޮޅަށް ތުނބުޅި ބާލަން އޮތަސް މިވަގުތު މާ ރަނގަޅު ވާނެ ކަމަށެވެ. އެއިރުން ކަމެއް ކުރެވޭ ކަމުގެ އިހުސާސު އެބޭފުޅާ އަށް ވާނެ ކަމަށް ވދާޅުވިއެވެ.
ޝިފާޒު އިތުރަށް ވިދާޅުވީ، ރައީސް ޔާމީން މިނިވަންކުރުމުގެ ނަމުގައި އެ މަސައްކަތް ކުރި ކަމުގައި ވީ ނަމަވެސް ހަގީގަތުގައި އެބޭފުޅާ މިނިވަންކުރަން އެ ޕާޓީން މަސައްކަތް ނުކުރާ ކަމަށެވެ. އަދި އެ ދަނޑިވަޅުގެ ބޭނުން ހިފައިގެން އިތުބާރު ގެއްލިފައި ތިބި ބޭފުޅުން އެޑްވައިޒަރުންގެ ގޮތުގައި އެބަ ތިއްބެވި ކަމަށެވެ.
ޕްރޮގްރާމްގައި ރައީސް ވަހީދަށް ބަހުގެ ހޫނު ހަމަލާތަކެއް ދެއްވަމުން ޝިފާޒު ވިދާޅުވީ، ގައުމުގައި ކިރިޔާ ކަމެއް ދިމާވުމުން ގައުމު ދޫކޮށް ވަޑައިގަންނަވާ "ފިލި ވަހީދު" ގައުމުގެ ރައްޔިތުންގެ ހައްގުގައޭ ވިދާޅުވާތީ ހައިރާންވާކަމަށެވެ.
ކުރީގެ ރައީސް ޑރ. ވަހީދު ވަނީ 2012 ވަނަ އަހަރު، އެއިރުގެ ރައީސް، ރައީސް މުހައްމަދު ނަޝީދުގެ ވެރިކަން ބަޢާވާތަކުން ވައްޓާލުމުން، އެމަނިކުފާނުގެ ނައިބު ރައީސްކަމުގެ މަގާމުގައި ހުނެނެވުމަށްފަހު ރައީސް ކަމަށް ވަޑައިގެންފައެވެ. އަދި ވެރިކަން ނިމުމަށްފަހު އަމިއްލަފުޅު ގައުމީ އިއްތިހާދު ޕާޓީ ދޫކުރައްވާ ޕީޕީއެމަށް ސޮއިކުރައްވާފައެވެ.
2013 ވަނަ އަހަރު އެމަނިކުފާނު ރިޔާސީ ރޭހުގައި ވާދަކުރައްވައި ވޯޓުލީ މީހުންގެ 5 އިންސައްތަ ލިބުމާއި އެކު އެމަނިކުފާނު ވަނީ ޕީޕީއެމްއަށް ސޮއި ކުރައްވާފައެވެ. ޑރ. ވަހީދަށް ޕީޕިއެމްގެ ސްޕެޝަލް އެޑްވައިޒަރުކަން ދެއްވާފައިވަނީ ޕީޕީއެމްގެ ހަރަކާތްތައް އިތުރަށް ވަރުގަދަ ކުރުމަށެވެ.