ދިވެހި އަސްކަރިއްޔާގެ ބަޑި ބަޑިގުދަނުގެ ނުވަތަ އާމަރީގެ ހުރި ހަތިޔާތުތަކެއް ނަގައި، އެތަކެތި ބ. ހިބަޅިދޫ ކައިރި ކަނޑު އަޑިއަށް ފެއްތީ ކުރީގެ ނައިބު ރައީސް އަހުމަދު އަދީބާއި އަދި އެސްއޯއެފް ކުންފުނީގެ ވެރިޔާ މުހައްމަދު އައްލާމް ލަތީފްގެ ގާތް އެކުވެރިޔާ އަހުމަދު އިޝްފާހު އަލީގެ އެންގުމަށް ބަންގްލަދޭޝް ރައްޔިތެއްކަން، މި މައްސަލާގައި ރާއްޖެއެމްވީއަށް އެއްކުރެވިފައިވާ މައުލޫމާތުތަކުން ހާމަވެއެވެ.
ދިވެހި އަސްކަރިއްޔާގެ ބަޑި ގުދަނުގައި ހުރި ހަތިޔާރުތަކެއް، ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ވެރިކަމުގައި 2015 ވަނަ އަހަރު ބ. ހިބަޅިދޫ ކައިރި ކަނޑުގެ 42 މީޓަރު އަޑިން ފެނުނު މައްސަލައާ ގުޅިގެން، މިހާތަނަށް "ރާއްޖެއެމްވީ"އަށް އެއްކުރެވިފައިވާ މައުލޫމާތުތަކަށް ބަލާއިރު، އެ ހަތިޔާރުތައް އެރަށަށް ގެންދިޔަ މީހުންނާއި އެ ހަތިޔާރުތަކާ، ހަވާލުވެ، ހިބަޅިދޫގައި ތިބި މީހުންނާއި، އަދި އެ ހަތިޔާރުތައް ހިބަޅިދޫ ކައިރި ކަނޑަށް ފެއްތި ބަންގްލަދޭޝް މީހެއްކަން އެނގިފައިވީ ނަމަވެސް، މިހާތަނަށް ސިފައިންގެ ބަޑި ގުދަނުން، އެ ހަތިޔާރުތައް ނެރުނީ، "ސީދާ" ކާކުކަމެއް އެނގިފައެއް ނުވެއެވެ.
ނަމަވެސް، ރިޔާސީ ލޯންޗު ކޮށްޅު ގޮއްވާލި ހާދިސާއާ ޖެހެންދެން އަސްކަރިއްޔާގެ ބަޑި ގުދަނާ ހަވާލުވެ ހުންނެވީ އަހުމަދު ފަޔާޒު އަލީ ރިޒާ (ޕާޕާ) އެވެ. ރިޔާސީ ލޯންޗުކޮޅުގައި އިމްޕްރޮވައިޒްޑް އެކްސްޕްލޯސިވް ޑިވްއިސް (އައިއީޑީ)އެއް ގޮއްވާލާފައިވަނީ 28 ސެޕްޓެމްބަރު 2015 ގަ އެވެ. ހިބަޅިދޫ ކައިރި ކަނޑުގެ ސަރަހައްދަށް ފައްތާފައި ހުރި ދިވެހި އަސްކަރިއްޔާގެ ބަޑި ގުދަނުގެ ހަތިޔާރުތައް ހޯދާފައި ވަނީ 31 އޮކްޓޯބަރު 2015 ގަ އެވެ.
ޕާޕާއަކީ ރައީސް ޔާމީނާއި ދައުލަތުގެ އިސްވެރިންތަކެއް ދަތުރު ކުރެއްވި، ރިޔާސީ ލޯންޗުކޮށްޅު "ފިނިފެންމާ" ގޮއްވާލުމުގައި އުޅުއްވި ކަމަށް ތުހުމަތު ކުރެވޭ އޭރު ރައީސް ޔާމީންގެ އެންމެ އަރިސް ބޮޑީ ގާޑެވެ. އަދި ސިފައިންގެ ސްޕެޝަލް ޕްރޮޓެކްޝަން ގްރޫޕް (އެސްޕީޖީ)ގެ އިސްވެރިޔާ އެވެ. ރިޔާސީ ލޯންޗްކޮޅު ގޮއްވާލި މައްސަލަގައި ހެކި ނައްތާލި ކަމުގެ ކުށުގައި އޭނާ ހައްޔަރުކޮށް، ދައުވާ އުފުލިއިރު، ދައުވާ ސާބިތުވާކަމަށް ނިންމައި 2016 ވަނަ އަހަރު ޖޫން މަހުގެ ތެރޭގައި ދެ އަހަރުގެ ޖަލު ހުކުމެއް ޕާޕާގެ މައްޗަށް ކްރިމިނަލް ކޯޓުން އިއްވާފައި ވެއެވެ.
ހިބަޅިދޫއަށް ހަތިޔާރާއި ގޮވާޒާތުގެ ތަކެތި ގެންދިޔައީ، ކޮންބައެއްކަމާއި ހަތިޔާރު ގެންދިޔައީ ކޮން އުޅަނދެއްގަކަން ރާއްޖޭއެމްވީއަށް އެނގިފައިވާއިރު، މިކަމުގައި އިސްކޮށް އުޅުނު މީހުން ވަނީ، ހިބަޅިދޫގައި ހަތިޔާރުތަކާ ހަވާލުވެ ހުރި ދިވެހި މީހާ، ފުލުހުންނާއި ސިފައިން ވެގެން، ހައްޔަރު ކުރި ހިސާބުން ރާއްޖެ ދޫކޮށް ފިލާފަ އެވެ.
ހިބަޅިދޫއަކީ އެސްއޯއެފް ކުންފުނީގެ ވެރިޔާ އައްލާމް ލަތީފްގެ އާއިލާއަށް ރިސޯޓެއްގެ ގޮތުގައި ތަރައްގީ ކުރުމަށް ދޫކޮށްފައިވާ ރަށެވެ. އެރަށް ރިސޯޓެއްގެ ގޮތުގައި ތަރައްގީ ކުރަމުންދިޔައީ، އައްލާމު ލަތީފްމެންގެ އެހެން ކުންފުންޏެއްގެ ދަށުންނެވެ. މިބުނާ ކުންފުނީގެ ޖެނެރަލް މެނޭޖަރު، ހިބަޅިދޫގެ ކޮޓަރީއެއްގައި އެނދުމަތީގައި ސިފައިންގެ އަސްކަރިއްޔާގެ ހަތިޔާރާއި ގޮވާތަކެތި، އަތުރައިގެން އިންދާ ނަގާފައިވާ ފޮޓޯއެއް ރާއްޖެއެމްވީއަށް ވަނީ ލިބިފަ އެވެ.
މިބުނާ ޖެނެރަލް މެނޭޖަރު ހައްޔަރު ކުރީ މާލެއިން ނެވެ. އޭނާ ހައްޔަރު ކުރުމާއެކު، ހަތިޔާރު އެރަށަށް ގެންދިއުމުގައި އުޅުނުކަމަށް ބުނާ އިޝްފާހު އާއި އައްލާމް ވަނީ ރާއްޖެ ދޫކޮށް ފިލާފަ އެވެ.
އޭރު ހިބަޅިދޫގައި، ރާއްޖޭގައި އުޅޭތާ 15 ވަރަކަށް އަހަރު ވެފައިވާ ބަންގްލަދޭޝް މީހަކު ވެސް އުޅުނެވެ. ހަތިޔާރުތައް ސިފައިން ހޯދަން އުޅުމުގެ ތެރޭގައި، މިބުނާ ބިދޭސީ މީހާ، ދިވެހި ބަސް ދަންނަކަމަށް ވެސް ނުހަދާ، އޮޅުވާލަން ވަރަށް މަސައްކަތް ކޮށްފައި ވެއެވެ. އަދި ހަތިޔާރާއި ގޮވާތަކެތި، ރަށުގެ ކޮންމެވެސް ތަނެއް ދެއްކުމަށްފަހު، އެތަނުގައި ވަޅުލާފައިވާ ކަމަށް ފުރަތަމަ ބުނުމުން، އެތަން ކޮނުނުއިރު، އެތަނުގައި އެތަކެތި ނެތްކަން އެނގުމުން އިތުރު ދެތިން ތަނެއް އޭނާ ދެއްކުމުން އެތަންތަން ވެސް ކޮނެ ބަލާފައި ވެއެވެ. އަދި އެތަންތަނުގައި ނެތްކަން އެނގުމުން، އެންމެފަހުން، އޭނާ ވަނީ ކަންކުރިގޮތް ކިޔާ ދީފަ އެވެ.
މިބުނާ ބަންލަދޭޝް މީހާ ބުނެފައިވާ ގޮތުން، އޭނާ އެ ހަތިޔާރުތައް ކަނޑަށް ފެއްތީ އިޝްފާހު ބުނެގެން ނެވެ. އޭނާ ބުނެފައިވާ ގޮތުގައި ހަތިޔާރު ކަނޑަށް ފައްތަން ދިޔަ ދުވަހަކީ މޫސުމްވެސް އެހާ ރަނގަޅު ދުވަހެއް ނޫނެވެ. އެހެންކަމުން ޑިންގީއެއްގައި އެހާ ދުރަށް ނުގޮސް، ހިބަޅިދޫ ކައިރި ކަނޑުގެ ސަރަހައްދަށް ފެއްތީ ކަމަށް އޭނާ ބުނެއެވެ. ހަތިޔާރާއި ގޮވާޒާތުގެ ތަކެތި އަޅާފައިވާ ދަބަސްތައް އޭނާ ފެއްތި ކަމަށްވަނީ، ހިބަޅިދޫ ހަދަން ގެންގޮސްފައި ހުރި ހިލަތުކުން ހިލަ ނަގައިގެން ދަބަސްތަކުގައި އައްސައިގެން ކަމަށް ވެއެވެ.
މިބުނާ ބަންގްލަދޭޝް މީހާ ރާއްޖޭގައި މިހާރު ނެތް ކަމަށް ވެއެވެ. އޭނާ ފުރުވާލާފައިވާތީ، އޭނާގެ މައްޗަށް ދައުވާ ކުރެވޭނެ ގޮތެއް ވެސް ނެތެވެ. ދެން ހުރީ، ހިބަޅިދޫ ކުއްޔަށް ދޫކޮށްފައިވާ ކުންފުނީގެ ޖެނެރަލް މެނޭޖަރެވެ. އޭނާ މިހާރު ކޮބައިކަން ސާފު ކުރަން ބަލާއިރު، ފުލުހުންގެ މުއައްސަސާއާއި ދައުލަތުގެ ކަމާބެހޭ އިދާރާތަކުން މައުލޫމާތު ހޯދުމުގައި ހުރި ގޮތްޖެހުންތަކާހުރެ މިހާތަނަށް އެމައުލޫމާތު ލިބިފައެއް ނުވެއެވެ.