ރާއްޖެއިން ބޭރުގެ އާބިޓްރޭޝަން ޓްރައިބިއުނަލްއަކުން ނިންމާ ނިންމުން ރާއްޖޭގައި ތަންފީޒްކުރަން ޖެހޭނީ ސިވިލް ކޯޓުން ކަމަށް ހިލްޓަން އިންޓަނޭޝަނަލް އިން ބުނާ ބުނުމާ ސަން ޓްރެވަލްސް އިން އެއްބަސްވެއްޖެ އެވެ.
އެމްޑީއޭގެ ލީޑަރު އަހުމަދު ސިޔާމް މުހައްމަދުގެ އިރުފުށި ރިސޯޓް ހިންގަން ހިލްޓަނާ އެކު ސޮއި ކުރި އެއްބަސްވުން އުވާލައި، އެ ރިސޯޓް އަތުލި މައްސަލާގައި ހިލްޓަން އަށް 24 މިލިއަން ޑޮލަރު (370 މިލިއަން ރުފިޔާ) ދޭން ސިންގަޕޫރު އާބިޓްރޭޝަނުން ސަން ޓްރެވަލްސް އަށް ވަނީ އަންގާފަ އެވެ.
ސިންގަޕޫރުގެ އާބިޓްރޭޝަނުގެ ހުކުމް ތަންފީޒްކޮށްދިނުމަށް އެދި ހިލްޓަން އިން ސިވިލް ކޯޓަށް ހުށަހެޅުމުން، މިދިޔަ އަހަރުގެ ނޮވެމްބަރުގައި އެ ކޯޓުން ނިންމީ އާބިޓްރޭޝަންގެ ނިންމުން ތަންފީޒުކޮށްދެވޭނީ އެ މައްސަލަ ހައި ކޯޓަށް ހުށަހަޅައި، އެ ކޯޓުން ކުރާ ހުކުމަށް ފަހު ކަމަށެވެ.
ސިވިލް ކޯޓުން އެގޮތަށް ނިންމުމުން ހިލްޓަން އިން ވަނީ އެ މައްސަލަ ހައިކޯޓަށް ހުށަހަޅާފަ އެވެ. ހައިކޯޓުގައި ހޯމަ ދުވަހު ބޭއްވި އެ މައްސަލައިގެ އަޑުއެހުމުގައި ހިލްޓަންގެ ގާނޫނީ ވަކީލު މުހައްމަދު ޝަހުދީ އަންވަރު ވަނީ އާބިޓްރޭޝަން ގާނޫނުގެ 73 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ އިބާރާތް ފާހަގަކުރައްވާފަ އެވެ.
ގާނޫނުގެ އެ މާއްދާގައި ބަޔާންކޮށްފައިވަނީ ދިވެހިރާއްޖޭން ބޭރުގައި ހިންގާފައިވާ އާބިޓްރޭޝަނެއްގައި ކަނޑައަޅާފައިވާ އާބިޓްރަލް އެވޯޑެއް ދިވެހިރާއްޖޭގައި ތަންފީޒުކުރަން ބޭނުންކަމަށްވާނަމަ، އެ މައްސަލަ ހުށަހަޅަންޖެހޭނީ ދިވެހިރާއްޖޭގެ ކަމާބެހޭ ކޯޓަށް ކަމަށެވެ. އަދި ދިވެހިރާއްޖޭގައި އެ ނިންމުން ތަންފީޒުކޮށްދޭނީ، އެ ކޯޓުން ކުރާ އަމުރަކާ އެއްގޮތްވާ ގޮތުގެމަތިން ކަމަށް ބަޔާންކޮށްފައިވެ އެވެ.
ގާނޫނުގެ އެ މާއްދާގެ އިތުރުން، ހައިކޯޓުން ކަނޑައަޅާފައިވާ "އާބިޓްރޭޝަންގެ މައްސަލަތައް ދިވެހިރާއްޖޭގެ ހައިކޯޓުން ބެލުމާބެހޭ ގަވާއިދު" ގެ 16 ވަނަ މާއްދާގެ ވެސް ހިލްޓަންގެ ގާނޫނީ ވަކީލު ފާހަގަކުރެއްވި އެވެ.
ހައިކޯޓުގެ ގަވާއިދުގެ 16 ވަނަ މާއްދާގައި ބަޔާންކޮށްފައިވަނީ އާބިޓްރަލް ޓްރައިބިއުނަލުން ދީފައިވާ އެވޯޑު ތަންފީޒުކުރާނީ، ޝަރުއީ ކޯޓުތަކުން ކުރާ ހުކުމްތައް ތަންފީޒުކުރުމަށް ކަނޑައަޅާފައިވާ އުސޫލުތަކާ އެއްގޮތްވާ ގޮތުގެ މަތިން ކަމަށެވެ.
އެކަންކަން ފާހަގަކުރައްވައި، ހިލްޓަންގެ ވަކީލު ވަނީ، ސިވިލް ކޯޓުގެ ހުކުމް ބާތިލްކޮށް، އެ މައްސަލައަކީ ސިވިލް ކޯޓުގެ އިހުތިސާސްގެ ތެރޭގައި ހިމެނޭ މައްސަލައެއް ކަމަށް ކަނޑައަޅައި ދެއްވުމަށް އެދިވަޑައިގަންނަވާފަ އެވެ.
ސަން ޓްރެވަލްސްގެ ގާނޫނީ ވަކީލު އަހުމަދު މުއިއްޒު ވިދާޅުވީ އާބިޓްރޭޝަން ޓްރައިބިއުނަލްއަކުން ނިންމާ މައްސަލަ ފުރަތަމަ ބެލެންޖެހޭނީ ސިވިލް ކޯޓަށް ކަމަށް އެ ކުންފުނިން ވެސް ގަބޫލުކުރާ ކަމަށެވެ. އަދި ގާނޫނީ ގޮތުން އެ ބާރު ލިބެނީ ވެސް ސިވިލް ކޯޓަށް ކަމަށް ފާހަގަކުރައްވައި، މުއިއްޒު ވެސް އެދިވަޑައިގަތީ އެ މައްސަލައަކީ ސިވިލް ކޯޓުގެ އިހުތިސާސްގެ ތެރޭގައި ހިމެނޭ މައްސަލައެއް ކަމަށް ކަނޑައަޅައި ދެއްވުމަށެވެ.
ނަމަވެސް، މުއިއްޒު ވިދާޅުވީ އާބިޓްރޭޝަނުން ކަނޑައަޅާފައިވާ 24 މިލިއަން ޑޮލަރަކީ ނަގައިދެވޭނެ އާބިޓްރަލް އެވޯޑެއް ކަމަށް ގަބޫލުނުކުރައްވާ ކަމަށެވެ.
މުއިއްޒުގެ ވާހަކަތަކަށް ރައްދު ދެއްވައި ހިލްޓަންގެ ވަކީލު ވިދާޅުވީ އާބިޓްރަލް އެވޯޑެއް ބާތިލްކުރުމަށް އެދި ހުށަހެޅޭނެ މުއްދަތެއް އާބިޓްރޭޝަން ގާނޫނުގެ 70 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާއިރު، ގާނޫނު ބުނާ ތިން މަސް ދުވަހުގެ ތެރޭގައި އެ ކުންފުނިން މައްސަލަ ކޯޓަށް ހުށަހަޅާފައިނުވާ ކަމަށެވެ.
އާބިޓްރޭޝަން ގާނޫނުގެ 70 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވަނީ އާބިޓްރަލް އެވޯޑެއް ބާތިލު ކުރުމަށް އެދި ކޯޓަށް ހުށަހެޅޭނީ އެ އެވޯޑުގެ ތާރީޚުން ފެށިގެން ތިން މަސް ދުވަސް ހަމަވުމުގެ ކުރިން ކަމަށާއި އެ މުއްދަތު ހަމަވުމަށްފަހު، އެ އެވޯޑު ބާތިލުކުރުމަށް ކޯޓަށް ހުށައެއް ނޭޅޭނެ ކަމަށެވެ.
އެ ވާހަކައަށް ރައްދު ދެމުން މުއިއްޒު ވިދާޅުވީ އާބިޓްރޭޝަން މައްސަލަ ހުށަހެޅޭނެ ދެ ގޮތެއް އޮންނަ ކަމަށާއި އެގޮތުން ބާތިލްކުރުމަށް ހުށަހެޅުމަކީ އެއްގޮތް ކަމަށެވެ. އަދި އަނެއް ގޮތަކީ، އާބިޓްރަލް އެވޯޑް ތަންފީޒްކޮށްދޭން ހުށަހަޅާ މައްސަލައިގެ ތެރެއިން އެކަން ކުރުން ކަމަށް އޭނާ ވިދާޅުވި އެވެ.
މުއިއްޒު ވިދާޅުވީ އެ އާބިޓްރަލް އެވޯޑް ނަގައި ނުދެވޭނެކަން، ސިވިލް ކޯޓުން މިދިޔަ މާޗް މަހު ކޮށްފައިވާ ހުކުމުން އެނގެން އޮންނަ ކަމަށެވެ. އެގޮތުން ދެ ކުންފުނީގެ ދެމެދުގައި ހަދާފައިވާ އެއްބަސްވުން ބާތިލްކަމަށް ސިވިލް ކޯޓުން ކަނޑައަޅާފައިވާކަން އޭނާ ފާހަގަކުރެއްވި އެވެ.
އިރުފުށީ އެއްބަސްވުމުގައި މަކަރާއި ހީލަތުން ސޮއި ކުރުވާފައިވާ ކަމަށާއި އެއްބަސްވުމާ ޚިލާފްވެފައިވާ ކަމަށް ބުނެ، އެއްބަސްވުން ބާތިލްކޮށް، ލިބުނު ގެއްލުމުގެ ބަދަލު ހޯދުމަށް ސަން ޓްރެވަލްސް އިން ހުށަހެޅުމުން ކޯޓުން ނިންމީ ސަން ޓްރެވަލްސް ލައްވާ އެއްބަސްވުމުގައި ސޮއިކުރުވުމަށް، އޮޅުވާލައިގެން ހަގީގަތާ ޚިލާފު ކަމެއް ނުވަތަ އެއްޗެއް އެއީ ތެދެއްކަމުގައި ދައްކައިގެން އެއްބަސްވުމުގައި ސޮއިކޮށް ރިސޯޓުގެ ހިންގުމާއި ހިލްޓަން އިން ހަވާލުވުމުގެ ސަބަބުން ސަން ޓްރެވަލްސް އަށް ލިބިފައިވާ މާލީ ގެއްލުމަށް ކޮންޓްރެކްޓާއި ބެހޭ ގާނޫނުގެ 23 ވަނަ މާއްދާގެ ދަށުން ބަދަލު ދޭންޖެހޭ ކަމަށެވެ. ސިވިލް ކޯޓުން ވަނީ ހަ މަސް ދުވަހުގެ ތެރޭގައި 16 މިލިއަން ޑޮލަރު ސަން ޓްރެވަލަސް އަށް ދެއްކުމަށް ހިލްޓަންގެ މައްޗަށް ހުކުމް ކޮށްފަ އެވެ.
ހިލްޓަންގެ ވަކީލު ވިދާޅުވީ ސިވިލް ކޯޓުން އެ މައްސަލަ ބަލާފައިވަނީ އަމިއްލައަށް ގާނޫނީ ހުދޫދު ލިބިގެންވާ ކަމަށް ދެކިގެން ކަމަށާއި އެ މައްސަލައަކީ ސިވިލް ކޯޓަށް ބެލޭނެ މައްސަލައެއް ނޫން ކަމަށެވެ.
މައްސަލަ ބައްލަވާ ބެންޗު އަދި ހައިކޯޓުގެ އިސްފަނޑިޔާރު އަބްދުﷲ ދީދީ ހޯމަ ދުވަހުގެ އަޑުއެހުން ނިންމަވާލެއްވީ ދެން އޮންނަ އަޑުއެހުމެއްގައި އެ މައްސަލައިގެ ހުކުމް އިއްވާނެކަން އިއުލާނުކުރައްވާނެކަމަށް ވިދާޅުވުމަށް ފަހުގަ އެވެ.
އިރުފުށި ހިންގުން ހިލްޓަން އިންޓަނޭޝަނަލްއާ 2009 ވަނަ އަހަރުގެ ތެރޭގައި ހަވާލު ކުރުމަށް ފަހު 2013 ވަނަ އަހަރު ސަން ޓްރެވަލްސް އިން ވަނީ އެކުންފުނީގެ އަތުން ރިސޯޓް އަތުލައިފަ އެވެ. މިހާރު އެ ރިސޯޓް ހިންގަމުން ދަނީ "ދަ ސަން ސިޔާމް އިރުފުށި މޯލްޑިވްސް" ގެ ނަމުގަ އެވެ.