ކ. މާލެ
|
13 ސެޕްޓެންބަރ 2020 | އާދީއްތަ 09:40
ތޯބެ މަސައްކަތުގައި ހަރަކާތްތެރިވަނީ
ސޯޝަލް މީޑިއާ
ތޯބެ
ކުރެހުމަކާއި ނުލާ ބޯޓުފަހަރު ބަންނަ ކުޅަދާނަ ތޯބެ!
މި ދާއިރާގައި 39 އަހަރުގެ ތަޖުރިބާ ލިބިފައިވޭ
އުމުރުން އެންމެ 11 އަހަރުން ފެށިގެން ބޯޓު ފަހަރު ބަނުމުގެ މަސައްކަތުގައި އުޅެން ފަށައިފި
އަމާޒަކީ މި މަސައްކަތް ކުރި އަރުވާނެ ޒުވާން ޖީލެއް ބިނާ ކުރުން

އުމުރުން އެންމެ 11 އަހަރުން ފެށިގެން ބޯޓު ފަހަރު ބަނުމުގެ މަސައްކަތުގައި އުޅެމުންދާ ތޯޙާ މުހައްމަދު ނުވަތަ އެންމެން ދަންނަ ނަމުންނަމަ ތޯބެ އަކީ، މިއަދު މި ދާއިރާގައި ހުރި އެންމެ ފުންނާބު އުސް އެކަކޭ ބުންޏަސް ދޮގަކަށް ނުވާނެއެވެ. ތޯބެ ބުނި ގޮތުގައި މި ދާއިރާއަށް އެންމެ ފުރަތަމަ ވަދެވުނީ އެމް.އެސް.އެލްގެ ބޯޓް ފަހަރު ބަން ދުވަސްވަރު، އެތަނުން ލިބުނު ވަޒީފާއެއްގެ ސަބަބުންނެވެ. އޭރު ތޯބެގެ އުމުރަކީ އެންމެ 11 އަހަރެވެ.

ތޯބެއަށް މިހާރު މި ދާއިރާގައި 39 އަހަރުގެ ތަޖުރިބާ ލިބިފައިވާއިރު، މި ރޮނގުން ކުރިޔަށް ދިޔައީ، އެމް.އެސް.އެލްގައި މަސައްކަތް ކުރި ބޭރު މީހުންނާއި، މި މަސައްކަތުގައި އޭރު އުޅުނު މީހުންގެ ފަރާތުން ލިބުނު ތަޖުރިބާގެ އަލީގައި ކަމަށް ވަނީ ބުނެފައެވެ.

ތޯބެ މަސައްކަތުގައި ހަރަކާތްތެރިވަނީ
އެއްވެސް ތަމްރީނެއް ކޯހެއް ނުހަދަން، އޭރުގަ ރާއްޖެއިން ބޭރުން މީހުން ގެނެސްގެން މި މަސައްކަތް ކުރަމުން ދިޔައީ، ދެން އެ މީހުންނާއި އެކު މަސައްކަތް ކުރަމުން ކުރަމުންގޮސް ތަޖުރިބާ ލިބެމުން ދިޔައީ
ތޯބެ

މިހާރު ޓީ.އެސް އިންވެސްޓްމެންޓް ޕްރައިވެޓް ލިމިޓެޑްގެ ނަމުގައި އަމިއްލަ ކުންފުންޏެއް ހިންގަމުންދާ ތޯބެ ބުނި ގޮތުގައި ދިމާވާ އެންމެ ބޮޑު ދަތިކަމަކީ، ސަރުކާރުގެ ބައެއް ކުންފުނިތަކާއި ބައެއް އަމިއްލަ ކުންފުނިތަކުން ވެސް އެއްވެސް އަޅާލުމެއް ތަރުޚީބެއް ނުލިބުމެވެ. މިސާލެއްގެ ގޮތުން ރާއްޖެއަށް ލިބެން ހުރި ބޮޑެތި ޕްރޮޖެކްޓްތައް ބޭރު ކުންފުނިތަކަށް ދިނުމުގެ އިތުރުން، ރާއްޖޭގައި ރަނގަޅު ފެންވަރުގައި ބޯޓް ފަހަރު ބަނދެ ވިއްކުމުގެ މަސައްކަތް ކުރަމުންދާއިރު ބޭރު ޤައުމުތަކުން ބޯޓްފަހަރު ގަތުމަކީ ވަރަށް ބޮޑު ގޮންޖެހުމެއް ގޮތުގައި ތޯބެ ފާހަގަކުރެއެވެ. އެހެންވުމުގެ ސަބަބުން ރާއްޖޭގެ ކުންފުނިތަކަށް ގެއްލުންލިބި، ރާއްޖޭގެ އިޤްތިޞާދުގައި ދައުރުވާން ޖެހޭ ފައިސާ ބޭރު ޤައުމުތަކަށް ދެވޭ ކަން އެއީ ވަރަށް ދެރަވާ ކަމެއް ކަމުގައި ތޯބެ ފާހަގަކުރިއެވެ.

މި މަސައްކަތުގައި ގިނަ އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވާއިރު ތޯބެ ގެ ފަރާތުން އެންމެ ތަފާތު ކަމެއްގެ ގޮތުގައި ފާހަގަކުރެވުނީ ކުރެހުމަކާއި ނުލައި، ބޯޓު ބަނުމެވެ. ތޯބެ ބުނި ގޮތުގައި ބޯޓެއް ޑިޒައިންކޮށް ބަނުމަކީ އެހާ އުނދަގޫ ކަމެއް ނޫނެވެ.

ތޯބެގެ މަސައްކަތް
އެ މަސައްކަތް ކޮށް ކޮށް ތަޖުރިބާ ލިބިފަ ހުރީމަ ކުރެހުމަކާ ނުލާވެސް ބަނދެވޭ މިހާރު. ކުރީގަ އަޅުގަނޑު ވެސް ބަންނަނީ އެހެން މީހުންވެސް ބަންނަ ގޮތަށް އެންގަލް ފްރޭމް ހަދައިން، އެކަމު މިހާރު އެންގަލް ފްރޭމް ވެސް ނަހަދަ ފުރަތަމަ ވެސް ބޭރު ޑިޒައިންކޮށްފަ އަތުރާލަނީ
ތޯބެ

ރާއްޖޭގެ މަޝްހޫރު އެހެން ބޯޓް ޔާރޑްތަކާއި، ބޯޓް ބިލްޑިންގް ކުންފުނިތަކުގައި ވެސް މަސައްކަތް ކޮށްފައިވާ ތޯބެ އަކީ، މި ދާއިރާއަށް ޒުވާނުން ތަމްރީނު ކުރުމުގައި ވެސް ޙަރަކާތްތެރިވާ ފަރާތެކެވެ. އެ ގޮތުން މިހާރު ވެސް ޓްރެއިނިންގް ސްޓާފުން ގެންގުޅޭ ކަމަށާއި، އެންމެ އާދައިގެ ކަންކަމުން ފެށިގެން ގޮސް، ބޯޓްފަހަރު ބަނުމާއި ގުޅޭ ހުރިހާ ކަންތައްތަކެއް އަމަލީ ގޮތުން ދަސްކޮށްދެމުން ގެންދާ ކަމަށް ތޯބެ ބުންޏެވެ. ޖާގައިގެ ދަތިކަމާއި ހުރެ، އެއްފަހަރާ ގިނަ ކުދިންތަކެއް ތަމްރީނު ކުރުމާއި ވަޒީފާ ދިނުމަށް ގޮންޖެހުންތަކެއް ހުރުމުގެ ސަބަބުން އަތޮޅުތެރޭގެ ރަށެއްގައި ބޯޓް ޔާރޑްއެއް ތައްޔާރު ކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ތޯބެ ބުންޏެވެ. މިއީ ހަމަގައިމު ވެސް ރާއްޖޭގައި ވަޒީފާ ނުލިބި ތިބި ޒުވާނުންނަށް އަގު ހުރި ފުރުސަތަކަށް ވާނެއެވެ. ތޯބެ ފާހަގަ ކުރި ގޮތުގައި، މިހާރު ހިންގަމުން އަންނަ ކުންފުނި ޓީ.އެސް އިންވެސްޓްމެންޓްސްގެ އެންމެ މުހިންމު އެއް މަޤްޞަދަކީ ވެސް މި މަސައްކަތް ކުރި އަރުވާނެ ޒުވާން ޖީލެއް ބިނާ ކުރުމުވެ.

ކުންފުނީގައި މިހާރު ކުރިއަށްދާ މަސައްކަތުގެ ތަފްސީލު ހިއްސާ ކުރަމުން ތޯބެ ބުނީ މިއަހަރުގެ ވަނަ އޮގަސްޓް މަހުން ފެށިގެން ކ. ތިލަފުށީގައި މޫދުގައި ދުއްވާ އުޅަނދު ފަހަރުތަކާއި، ތެޔޮ ބޯޓް، ބާޖު އަދި ތެޔޮ ޓޭންކަރު ފަދަ ބޮޑެތި އުޅަނދުތައް ބަނުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ. އަދި އެ ކުންފުނީގެ އުޅަނދުތައް އެހެން ފަރާތްތަކަށް ކުއްޔަށް ދޭ ކަމަށާއި މީގެ އިތުރުން ބޯޓް ފަހަރު ބަނުމުގެ މަސައްކަތް ކުރަމުންދާ އެހެން ކުންފުނިތަކަށް ޕްރޮޖެކްޓްތަކުގައި އެހީތެރިވެ ދިނުމާއި، ޝައުޤުވެރިކަން ހުރެގެން މި ދާއިރާއިން ކުރިޔަށް ދާން ބޭނުންވާ ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދިނުމަކީ ކުންފުނީގެ މުހިންމު އެއް އަމާޒު ކަމުގައި ތޯބެ ބުންޏެވެ.

މި ދާއިރާއިން ތޯބެ އެންމެ ދެކެން ބޭނުންވާ ދުވަހަކީ، ސަރުކާރުގެ ބޯޓް- ޔާރޑްތަކާއި އެހެން ކުންފުނިތަކުގައި ވެސް ދިވެހިން ޙަރަކާތްތެރިވާ ދުވަހެވެ.

އެހެން ބޯޓް-ޔާރޑްތަކަށް ވަދެލިޔަސް އަޅުގަނޑަށް ފެންނަނީ، އަޅުގަނޑުމެން އުމުރުގެ ފިރިހެނުން މި މަސައްކަތް ކުރާތަން. ރާއްޖޭގައި މި މަސައްކަތް އުވިގެން ދަނީއޭ އޭގެ މާނައަކީ. ޅަ ކޮށް ތިބެނީ ހުސް ބިދޭސީން. އެހެންވީމަ ޒުވާނުން މި މަސައްކަތުގަ ޙަރަކާތްތެރިވާ ތަން ބަލާލަން ވަރަށް ހިތްހަމަޖެހޭ މަންޒަރަކަށް ވާނެ. މި މަސައްކަތުގައި އުޅޭ ޒުވާން ޖީލެއް ބިނާ ކުރުން އަޅުގަނޑު އެންމެ ދެކެން ބޭނުންވާ ދުވަހަކީ
ތޯބެ

ޤައުމުގެ އިޤްތިސާދަށް ވެސް ނުހަނު ފައިދާ ހުރި މި މަސައްކަތް ކުރިއެރުވުމަށްޓަކައި ތޯބެ ބޭނުންވަނީ ސަރުކާރާއި އަމިއްލަ ފަރާތްތަކުގެ އެއްބާރުލުމެވެ. އުމުރުން 50ގެ އަހަރުތައް ގުނަމުންދާ ނަމަވެސް ތޯބެ އަކީ މި ދާއިރާގައި ދެ ގޮތެއްނުވެ މަސައްކަތް ކުރަމުންދާ ހަރުދަނާ ޝަޚްސިއްޔަތެކެވެ. ކުންފުނީގެ އެންމެ އިސް ވެރިޔާއަށް ވީ ކަމުގައިވިޔަސް މުވައްޒަފުންނާއި އެއް ހަމައެއްގައި މަސައްކަތް ކުރަމުންދާ ކުޅަދާނަ ލީޑަރެކެވެ.

ތޯބެގެ މަސައްކަތް
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ސިމާހާ ނަސީމް
- ކޮމެންޓް
15 ސެޕްޓެންބަރ 2020 | އަންގާރަ 23:42
އައިޝާ
މާޝާﷲ