ކޮވިޑް-19 ގެ ސަބަބުން ދިވެހި ރާއްޖޭގެ އިޤްތިސާދަށް މިވަނީ ބޮޑު ހީނަރުކަމެއް އައިސްފައެވެ. އެގޮތުން ރާއްޖޭގެ އެކި ސިނާއަތްތަކުގައި މަސައްކަތްކުރާ މީހުންނަށް ވަނީ މިކަމުގެ ސަބަބުން ދަތިތަކާއި ކުރިމަތިލާން ޖެހިފައެވެ. މި ޕެންޑަމިކްގައި އެންމެ ބޮޑަށް އަސަރުކޮށްފައި މިވަނީ ކުދި އަދި މެދުފަންތީގެ ވިޔަފާރިތައް ހިންގާ ފަރާތްތަކަށާއި އެ ވިޔަފާރި ތަކުގައި ވަޒީފާ އަދާ ކުރަމުންދާ މުވައްޒަފުންނަށެވެ.
އެގޮތުން މި ހާލަތުގައި ގިނަ ވިޔަފާރީތައް ބަންދު ކުރަމުންދާއިރު އަނެއް ބައި ވިޔަފާރީތަކުން ދަނީ މި ހާލަތުގައި ވެސް ވިޔަފާރީތައް ސަލާމަތް ކުރުމަށް ގަދަ އަޅާ މަސައްކަތް ކުރަމުންނެވެ. ސެލޫން ފެމިނާގެ ވެރިފަރާތް ފާތިމަތު ޝަފާ އަކީ ކޮވިޑްގެ މި ހާލަތުގައި ވެސް ހިތްވަރާއިއެކު ތަފާތު ދެއްކި ޒުވާނެކެވެ.
ޝަފާ ހިންގަމުން އަންނަ ސެލޫން ފެމިނާ އަކީ މިހާރު އާންމުންނަށް އައު ތަނަކަށް ނުވާނެއެވެ. ރައްޔިތުންނަށް ހިދުމަތް ފޯރުކޮށްދިނުމުގައި 6 އަހަރު ދުވަހު ދެމިހުރިއިރު ޝަފާ ބުނީ މި ވައިރަސްގެ ސަބަބުން މީގެ ކުރިން ވިޔަފާރީއަށް ނުލިބޭހާ ބޮޑު ގެއްލުމަކާ ކުރިމަތިލާން ޖެހިފައިވާ ކަމަށެވެ.
ޝަފާ ބުނީ މި ލިބުނު ގެއްލުމާއެކު އެންމެ ބޮޑަށް ވިސްނަން ޖެހުނު ކަމަކީ މުވައްޒަފުންގެ މުސާރައަށެވެ. އެ މުވައްޒަފުންގެ ވަޒީފާ ނުގެއްލިވާނެ ގޮތެއް ހޯދުމެވެ. އެގޮތުން އެ މުވައްޒަފުންގެ ވަޒީފާ ނުގެއްލި، ޝަފާ ކައިރީގައި މަސައްކަތް ކުރެވޭނެ ގޮތެއް މިވަނީ ހޯދާފައެވެ. ޝަފާ ދިޔައީ ސެލޫންގެ އިތުރުން ހެދުން ވިއްކާ ފިހަރާއެއް ހުޅުވާ، އެ ވިޔަފާރީ ވެސް ހިންގަމުންނެވެ. މި ހާލަތުގައި ޝަފާ މިވަނީ އެ ހެދުން ފިހާރަ ކާބޯތަކެތި ވިއްކާ ފިހާރައަކަށް ބަދަލު ކޮށްފައެވެ. އަދި ކޮމިއުނިޓީ ވައިބަރ ގްރޫޕެއް އުފައްދާ މިނީ މާޓުގެ ނަމުގައި މިވަނީ ޑެލިވަރީ ކޮށްދޭން ވެސް ފަށާފައެވެ. މި ދަތި އުނދަގޫ ހާލަތުގައި ވެސް މުވައްޒަފުން ވަޒީފާއިން ކަނޑާލުމުގެ ބަދަލުގައި ޝަފާ މިވަނީ ޑެލިވަރީ ކުރުމަށް އޭނާގެ ސެލޫންގައި މަސައްކަތް ކުރަމުންދިޔަ 8 އަންހެން ކުދިން ހިޔާރު ކޮށްފައެވެ. އަދި މި މަސައްކަތް ކޮށްގެން ލިބޭ އާމްދަނީ އެންމެންގެ މެދުގައި ހަމައަށް ބަހާ ކަމުގައި އޭނާ ބުންޏެވެ.

ކޮވިޑްގެ މި ދަތިހާލަތުގައި ޝަފާއަށް އެހެން ވިޔަފާރި ވެރިންނަށް ދޭން ބޭނުންވާ މެސެޖަކީ، ވިޔަފާރިވެރިޔެއް ނުވަތަ އަމިއްލަ ފަރުދެއް ކަމުގައި ވިޔަސް ކުރާ މަސައްކަތުން ކޮންމެވެސް ވަރެއްގެ އާމްދަނީއެއް ފަހަށް ރައްކާކޮށްފައި ބެހެއްޓުމެވެ. އަދި އެކަކު އަނެކަކަށް އަޅާލާ އޯގާތެރި ވުމަކީވެސް މުހިއްމުކަމެއްކަން ފާހަގަކޮށް ޝަފާ ބުނީ ހެޔޮހިތަކުން ގަދަ އަޅާ މަސައްކަތް ކޮށްފި ނަމަ ހާސިލުނުވާނެ ކަމެއް ނޯންނާނެ ކަމަށެވެ.
މިފަދަ ހާލަތެއްގައި ވެސް މުވައްޒަފުން ވަޒީފާއިން ވަކި ކުރުމުގެ ބަދަލުގައި ޝަފާ މިވަނީ ތަފާތު ދައްކާ، އެ މުވައްޒަފުންގެ ހައްޤުގައި ދެމި ހުންނާނެކަން ސާބިތުކޮށްދީފައެވެ.