ކ. މާލެ
|
10 ސެޕްޓެންބަރ 2020 | ބުރާސްފަތި 16:54
ފިނޭންސް މިނިސްޓްރީ
ފިނޭންސް މިނިސްޓްރީ
ރާއްޖެއެމްވީ
ފިނޭންސް މިނިސްޓްރީ
ސަރުކާރުގެ އާމްދަނީ 46 އިންސައްތަ ދަށަށް
ސެޕްޓެމްބަރު މަހުގެ ތިން ވަނަ ދުވަހުގެ ނިޔަލަށް އާމްދަނީގެ ގޮތުގައި ލިބިފައި ވަނީ 8.8 ބިލިއަން ރުފިޔާ
މި އަހަރުގެ މިހާތަނަށް ސަރުކާރަށް ޓެކުހުން އާމްދަނީގެ ގޮތުގައި ލިބިފައި ވަނީ 7.1 ބިލިއަން ރުފިޔާ
ނަން ޓެކްސް ރެވެނިއުގެ ގޮތުގައި ލިބިފައި ވަނީ 1.5 ބިލިއަން ރުފިޔާ

ސަރުކާރުގެ އާމްދަނީ 46 އިންސައްތަ ދަށަށް ގޮސްފައިވާ ކަމަށް ފިނޭންސް މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.

ފިނޭންސް މިނިސްޓްރީ އިން އާންމު ކުރާ ވީކްލީ ފިސްކަލް ޑިވެލޮޕްމެންޓްގެ ތަފާސްހިސާބުތައް ދައްކާ ގޮތުން ސެޕްޓެމްބަރު މަހުގެ ތިން ވަނަ ދުވަހުގެ ނިޔަލަށް އާމްދަނީގެ ގޮތުގައި ލިބިފައި ވަނީ 8.8 ބިލިއަން ރުފިޔާއެވެ. ފާއިތުވި އަހަރުގެ މި މުއްދަތުގައި ސަރުކާރަށް އާމްދަނީގެ ގޮތުގައި ލިބިފައި ވަނީ 16.6 ބިލިއަން ރުފިޔާއެވެ.

އެގޮތުން މި އަހަރުގެ މިހާތަނަށް ސަރުކާރަށް ޓެކުހުން އާމްދަނީގެ ގޮތުގައި 7.1 ބިލިއަން ރުފިޔާ ވަނީ ލިބިފައެވެ. ފާއިތުވި އަހަރު 12.1 ބިލިއަން ރުފިޔާ ޓެކުހުގެ ގޮތުގައި ސަރުކާރަށް ލިބިފައިވެއެވެ.

މީގެ އިތުރުން މި އަހަރުގެ ސެޕްޓެމްބަރު ތިން ވަނަ ދުވަހުގެ ނިޔަލަށް ނަން ޓެކްސް ރެވެނިއުގެ ގޮތުގައި 1.5 ބިލިއަން ރުފިޔާ ލިބިފައިވާ އިރު، 2019 ވަނަ އަހަރު ލިބިފައި ވަނީ 3.5 ބިލިއަން ރުފިޔާއެވެ. އަދި ކެޕިޓަލް ރިސީޕްޓްސްގެ ގޮތުގައި މި އަހަރު 5.3 މިލިއަން ރުފިޔާ ލިބިފައިވާ އިރު، ފާއިތުވި އަހަރު ލިބިފައި ވަނީ 15.4 މިލިއަން ރުފިޔާއެވެ.

ފިނޭންސްގެ ތަފާސްހިސާބުތައް ދައްކާގޮތުން، ފާއިތުވި އަހަރުގެ މި މުއްދަތުގައި ގްރާންޓްސްގެ ގޮތުގައި 1.03 ބިލިއަން ރުފިޔާ ސަރުކާރަށް ލިބިފައިވާ އިރު، މި އަހަރު ލިބިފައި ވަނީ 188.6 މިލިއަން ރުފިޔާއެވެ.

ރާއްޖޭގެ އާމްދަނީ އަށް މިހާ ބޮޑު އަސަރެއް ކުރަމުން މިދަނީ ކޮވިޑް-19 ގެ ސަބަބުން ރާއްޖޭގެ ފަތުރުވެރި ކަމަށް އައިސްފައިވާ ލޮޅުމުުގެ ސަބަބުންނެވެ.

- ކޮމެންޓް