ނ. އިރުފުށި ރިސޯޓް ހިންގުން ހިލްޓަން އިންޓަނޭޝަނަލްގެ އަތުން އަތުލި މައްސަލާގައި ހިލްޓަން އަށް 24 މިލިއަން ޑޮލަރު(370 މިލިއަން ރުފިޔާ) ދިނުމަށް ސިންގަޕޫރުގެ އާބިޓްރޭޝަނުން ކުރި ހުކުމް ތަންފީޒްކޮށްދިނުމަށް ހުށަހެޅި މައްސަލައިގެ ޝަރީއަތް ހޯމަ ދުވަހު ފެށުމަށް ހައިކޯޓުގައި ތާވަލުކޮށްފި އެވެ.
ރައްޔިތުންގެ މަޖިލީހުގެ މީދޫ ދާއިރާގެ މެމްބަރު އަދި އެމްޑީއޭގެ ލީޑަރު އަހުމަދު ސިޔާމް މުހައްމަދުގެ އިރުފުށި ރިސޯޓް ހިންގަން ހިލްޓަނާ އެކު ސޮއި ކުރި އެއްބަސްވުން އުވާލައި، އެ ރިސޯޓް އަތުލި މައްސަލާގައި ހިލްޓަން އަށް 24 މިލިއަން ޑޮލަރު (370 މިލިއަން ރުފިޔާ) ދޭން ސިންގަޕޫރު އާބިޓްރޭޝަނުން ސަން ޓްރެވަލްސް އަށް ވަނީ އަންގާފަ އެވެ.
ސިންގަޕޫރު އާބިޓްރޭޝަނުގެ ހުކުމް ތަންފީޒްކޮށްދިނުމަށް އެދި، ހައިކޯޓަށް ހުށަހެޅެމުގެ ކުރިން ހިލްޓަން އިން ސިވިލް ކޯޓަށް ވެސް މައްސަލަ ހުށަހެޅި އެވެ. ނަމަވެސް، މިދިޔަ އަހަރުގެ ނޮވެމްބަރު މަހު ސިވިލް ކޯޓުން ނިންމީ އާބިޓްރޭޝަން ގާނޫނު އޮތްގޮތުން އެ މައްސަލައަކީ އެ ކޯޓަށް ބެލޭނެ މައްސަލައެއް ނޫން ކަމަށާއި، މައްސަލަ ބެލޭނީ ހައިކޯޓަށް ކަމަށެވެ.
ސިވިލް ކޯޓުން އެފަދައިން ކަނޑައެޅުމުން ހިލްޓަން އިން ވަނީ އެ މައްސަލަ ހައިކޯޓަށް ހުށަހަޅާފަ އެވެ. އެ މައްސަލައިގެ ޝަރީއަތް ފެށުމަށް ތާވަލުކޮށްފައިވަނީ ހޯމަ ދުވަހުގެ މެންދުރު 1:45 އަށެވެ.
އާބިޓްރޭޝަން ގާނޫނު ބުނާ ގޮތުން ރާއްޖެއިން ބޭރުގައި ހިންގާފައިވާ އާބިޓްރޭޝަނެއްގައި ކަނޑައަޅާ އާބިޓްރަލް އެވޯޑެއް ރާއްޖޭގައި ތަންފީޒު ކުރެވޭނީ ރާއްޖޭގެ ކަމާ ބެހޭ ކޯޓަކަށް ހުށަހަޅައިގެންނެވެ. އެ ގާނޫނުގައި ކޯޓު މާނަކޮށްފައިވަނީ ހައި ކޯޓަށެވެ.
ސިވިލް ކޯޓުން އެފަދައިން ކަނޑައަޅާފައިވަނިކޮށް، ސަން ޓްރެވަލްސް އިން ވަނީ ހިލްޓަންގެ އަތުން 16 މިލިއަން ޑޮލަރު(257.5 މިލިއަން ރުފިޔާ) ހޯދުމަށް ދައުވާ ކޮށްފަ އެވެ. ސަން އިން ދައުވާކުރީ އިރުފުށީ އެއްބަސްވުމުގައި މަކަރާއި ހީލަތުން ސޮއި ކުރުވާފައިވާ ކަމަށާއި އެއްބަސްވުމާ ޚިލާފްވެފައިވާ ކަމަށް ބުނެ، އެއްބަސްވުން ބާތިލްކޮށް، ލިބުނު ގެއްލުމުގެ ބަދަލު ހޯދުމަށެވެ.
ސަން ޓްރެވަލްސްއިން ދައުވާކުރި މައްސަލައިގައި މާޗް މަހުގެ ތެރޭގައި ސިވިލް ކޯޓުން ކުރި ހުކުމުގައި ބުނެފައިވަނީ، ސަން ޓްރެވަލްސް ލައްވާ އެއްބަސްވުމުގައި ސޮއިކުރުވުމަށް، އޮޅުވާލައިގެން ހަގީގަތާ ޚިލާފު ކަމެއް ނުވަތަ އެއްޗެއް އެއީ ތެދެއްކަމުގައި ދައްކައިގެން އެއްބަސްވުމުގައި ސޮއިކޮށް ރިސޯޓުގެ ހިންގުމާއި ހިލްޓަން އިން ހަވާލުވުމުގެ ސަބަބުން ސަން ޓްރެވަލްސް އަށް ލިބިފައިވާ މާލީ ގެއްލުމަށް ކޮންޓްރެކްޓާއި ބެހޭ ގާނޫނުގެ 23 ވަނަ މާއްދާގެ ދަށުން ބަދަލު ދޭންޖެހޭ ކަމަށެވެ. ސިވިލް ކޯޓުން ވަނީ ހަ މަސް ދުވަހުގެ ތެރޭގައި 16 މިލިއަން ޑޮލަރު ސަން ޓްރެވަލަސް އަށް ދެއްކުމަށް ހިލްޓަންގެ މައްޗަށް ހުކުމް ކޮށްފަ އެވެ.
އިރުފުށި ހިންގުން ހިލްޓަން އިންޓަނޭޝަނަލްއާ 2009 ވަނަ އަހަރުގެ ތެރޭގައި ހަވާލު ކުރުމަށް ފަހު 2013 ވަނަ އަހަރު ސަން ޓްރެވަލްސް އިން ވަނީ އެކުންފުނީގެ އަތުން ރިސޯޓް އަތުލައިފަ އެވެ.