މާލެއިން ބޭރުގައި އެންމެ ފުރަތަމަ ގާއިމް ކުރި ޓާޝަރީ ހޮސްޕިޓަލް، އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލުން މަސައްކަތް ކުރަމުންދަނި ލިބިފައި ހުރި ވަސީލަތްތަކާ އެއްވަރަށް ހިދުމަތް ދިނުމަށް ކަމަށް އެ ހޮސްޕިޓަލުން ބުނެފިއެވެ.
ރާއްޖެ ޓީވީގެ ފަލަސުރުހީ ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުން އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލުގެ މެނޭޖަރ، ހެލްތް ސާރވިސަސް ޝަރަފުއްސާދާތު ވިދާޅުވީ ހޮސްޕިޓަލުގެ އެންމެބޮޑު ޓާގެޓަކީ ލިބިފައި ހުރި ވަސީލަތްތަކާއި އެއް ފެންވަރަށް ހިދުމަތް ދިނުމަށްޓަކައި ކަމުގެ ހުނަރު ލިބިފައިވާ ޑޮކްޓަރުން އިތުރު ކުރެވޭނެ ގޮތް ހެދުން ކަމަށެވެ. އަދި އައްޑު ސިޓީ އަކީ އެއްފަސްކޮށް ގުޅިފައިވާ ރަށަކަށް ވުމުން އަދި ލިންކް ރޯޑުގެ ސަބަބުން މާޒީގައި ގިނަ އަދަދެއްގެ އެކްސިޑެންޓު ހިނގާފައިވާ ތަނަކަށްވެފައި، އެކްސިޑެންޓްގެ ކޭސްތައް ވަރަށް ގިނަ ކަމަށެވެ. އަދި ހާއްސަ ގޮތެއްގައި ކަށީގެ ސްޕެޝަލިޓީއަށް ބޭނުންވާ މޮޅެތި ޑޮކްޓަރުން ނެތް އިތުރު އޮޕަރޭޝަންތަކަށް ބޭނުންވާ ޑޮކްޓަރުން ނެތްކަން އޭނަ ފާހަގަ ކުރެއްވިއެވެ.
"އެމްއާރުއައި އަދި ސީޓީގެ ހިދުމަތް އިކްއެޓޯރިއަލް ހޮސްޕިޓަލަށް ބަދަލުވެގެން ޖުލައި މަހުގެ ފަހުކޮޅުން ފެށިގެން ދެމުން މިދަނީ. ސީޓީގެ ހިދުމަތްތައް އަޅުގަނޑުމެން ފަށައިފިން އެޕްރީލް މަހުގެ ފަހުކޮޅު. މާލޭގައި މި ޓެސްޓް ހެދުމަށް ގިނަ ދުވަހު ކިއުޖެހިގެން ނުތިބެ އެކަމަށް ހައްލެއް ލިބިގެން ގޮސްފައިވޭ. ގައިންގަޔަށް ނަރާ ބަލިތައް އިތުރުވެގެންދާތީ އައްޑޫން އެންމެ ފަސޭހައިން ދެވޭނެ ހިދުމަތްތަކަށް ބަލާ ކާޑިއޮލަޖީގެ ހިދުމަތް މިދަނީ ދެމުން. އިންސާނީ ވަސީލަތް އިތުރުކުރުމަކީ އެންމެ ބޮޑު އެއް ޓާގެޓް،"އައްޑު އިކުއެޓޯރިއަލް ހޮސްޕިޓަލުގެ މެނޭޖަރ، ހެލްތް ސާރވިސަސް ޝަރަފުއްސާދާތު
ޝަރަފުއްސާދާތު ވިދާޅުވީ ޕެންޑަމިކާއި ގުޅިގެން ބޮޑެތި ގޮންޖެހުންތަކާއި ދިމާވާ ކަމަށާއި، ޑޮކްޓަރުންނާއި ނަރުހުން ރެކްރޫޓް ކުރަނީ ހެލްތް މިނިސްޓްރީގެ ދަށުން ކަމުން ޑޮކްޓަރުން ލިބުމުގައި ދަތިތައް ދިމާވާ ކަމަށެވެ.
އެ ހޮސްޕިޓަލުގް އެކްޓިންގ މެޑިކަލް ޑިރެކްޓަރ ޑރ. މުހައްމަދު މުންސިދު ވިދާޅުވީ މާލެއިން ބޭރުގައި ހުޅުވުނު ފުރަތަމަ ޓާޝިއަރީ ހޮސްޕިޓަލުކަމުން ފަށައި ގަންނަން އިރު ކޮންމެ ގޮތެއްވިޔަސް ދަތިތަކެއް ހުންނާނެ ކަމަށެވެ. އަދި ކަމާއިބެހޭ ފަރާތްތަކާއި މަޝްވަރާ ކޮށްގެން މި މައްސަލަތަކަށް ހައްލު ހޯދުމުގެ މަސައްކަތް ކުރައްވަމުންދާ އިރު، އެންމެ އުނދަގޫ އެންމެ ދަތި ކަމަކަށް ހުރީ ފަންނުވެރު ޑޮކްޓަރުންނާއި ނަރުހުންނާއި އަދި އެހެނިހެން ސިއްހީ ހިދުމަތްތެރިން ގެނައުމުގެ މަސައްކަތް ކަމަށެވެ. އަދި ކޮވިޑާއި ގުޅިގެން ބޭރުން ފަންނުވެރިން ގެނައުމަކީ އެހާ ފަސޭހަ ކަމެއް ނޫންކަން އޭނާ ފާހަގަ ކުރެއްވިއެވެ.