މިދިޔަ މަހުގެ 28 ވީ ހުކުރު ދުވަހު އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަން ޕީޕީއެމް/ޕީއެންސީ އިން މާލޭގައި ބޭއްވި މުޒާހަރާގައި ކުރީގެ ރައީސް އަދި އެ ކޯލިޝަނުގެ ސްޕެޝަލް އެޑްވައިޒަރު، ޑރ. މުހައްމަދު ވަހީދު ހަސަން މަނިކު ހެލްތް ޕްރޮޓެކްޝަން އެޖެންސީގެ ގައިޑްލައިންތަކާއި ހިލާފަށް އަމަލުކޮށްފައިވާތީ 1000 ރުފިޔާ އިން ޖޫރިމަނާ ކޮށްފިއެވެ.
މި މައްސަލައާ ގުޅިގެން ރައީސް ވަހީދު ވަނީ އަންގާރަ ދުވަހުގެ ހަވީރު ފުލުހުންގެ އިދާރާ އަށް ހާޒިރު ކޮށްފައެވެ. ފުލުހުންގެ އިދާރާ ގައި ގާތްގަނޑަކަށް ދެގަޑިއިރު ހޭދަ ކުރެއްވުމަށްފަހު ނުކުމެވަޑައިގަންނަވާ ދެއްވި އިންޓަވިއުގައި ވިދާޅުވީ މި މައްސަލައާ ގުޅިގެން ޖޫރިމަނާ ކޮށްފައިވާ ކަމަށާއި، މި ޖޫރިމަނާ އަކީ ސިޔާސީ ގޮތުން ކުރި ޖޫރިމަނާ އެއް ކަމަށެވެ.
މީގެ އިތުރުން ރައީސް ވަހީދު ވިދާޅުވީ ބައެއް ސިޔާސީ ލީޑަރުން މާސްކު ނާޅުއްވާ އާންމު ތަންތަނުގައި އުޅުއްވަނިކޮށް ފެންނަ ފޮޓޯތައް އާންމުވެފައިވާއިރު އެ ބޭފުޅުންނާއި ދޭތެރޭ ފިޔަވަޅު އަޅާފައި ނުވާ ކަމަށެވެ.
ރައީސް ވަހީދު ވިދާޅުވީ ޖޫރިމަނާ ކުރިކަމުގައިވީ ނަމަވެސް އެޗްޕީއޭގެ ގަވާއިދަކާ ހިލާފު ނުވާ ކަމަށާއި، މިދިޔަ މަހުގެ 28 ވީ ހުކުރު ދުވަހު ބޭއްވި އެއްވުމުގައި ހަރަކާތްތެރިވީ މާސްކް އަޅައިގެން ކަމަށެވެ. އަދި ވިދާޅުވީ ވާހަކަ ދެއްކެވުމަށް މާސްކް ނެގީ ހަތަރު ފާރުގެ އެތެރޭގައި ހުންނަވައިގެން ކަމަށެވެ.
މިއަދު އަޅުގަނޑު ވެސް ޖޫރިމަނާ ކުރައްވައިފައި. އާންމުކޮށް މަގުމަތީގައި އުޅޭ މީހުންނާއި އެހެން މީހުން ތަފާތުވީ އަޅުގަނޑު ސިޔާސީ މީހަކަށްވާތީ. ސިޔާސީ ބަޔަކު އެއްވެފައި ތިބި ތަނެއްގައި އަޅުގަނޑު ސިޔާސީ ވާހަކައެއް ދެއްކީމަ އެމައްސަލަ ބޮޑު މައްސަލައަކަށް ވެގެން މިއުޅެނީ. އެހެން ނޫނިއްޔާ އާންމު ގޮތެއްގައި މާސްކް ނާޅާ މަގުމަތީގައި އުޅުނީމަ ފޮޓޯ ނަންގަވާފައި ފުލުސް އޮފީހަށް ފޮނުވިއަސް އަޅުގަނޑަށް ހިޔެއް ނުވޭ ހުރިހާ އެންމެން ގެންދަވާނެ ހެންނެއް. އެހެންވީމަ ދެންނެވެން އޮތީ މި ސިޔާސީ ކަމެކޭ.ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދު
ކޮވިޑް-19ގެ ހާލަތަށް އަލިއަޅުއްވާލައްވާ ރައީސް ވަހީދު ވިދާޅުވީ މިހާލަތުން އަރައިގަތުމަށް މިހާރަށްވުރެ ބޮޑަށް މަސައްކަތް ކުރަން ޖެހޭ ކަމަށެވެ. އަދި ކޮވިޑް-19 ނައްތާލުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތަށް ފުރިހަމަ އެއްބާރުލުން ދޭނެ ކަމަށް ރައީސް ވަހީދު ވިދާޅުވިއެވެ.